ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ އަދިވެސް ނުހޯދޭ: ޕޮލިސް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ އަދިވެސް ނުހޯދޭ: ޕޮލިސް

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހި މީހަކު މަރުވި ހާދިސާގައި، އެކްސިޑެންޓަށްފަހު ފިލި މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގު، ހަބީބު ބޭންކް ކުރިމަތީގައި ދެ ސައިކަލް ޖެހިގެންނެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ދުވަސްވީ މީހާ ދުއްވި ސައިކަލްގައި ޖެހުނުއިރު، އަނެއް ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ފިލި މީހާ އަދިވެސް ނުހޯދޭ ކަމަށާއި އެކަމަކު އޭނާ ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އެ ސައިކަލު ދުއްވި މީހާ އަދިވެސް ނުފެނޭ. ނަމަވެސް އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އިބްރާހިމް ރަޝީދު އާދަމް، ހ. ފޮއްދޫގެ، 62 އެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ޒަހަމްތަކަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހަވީރު އެވެ.

ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ބޮލަށާއި ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އޭޑީކޭ އަށް ގެންދިޔަ އިރު ވެސް ހޭ ނެތް ކަމަށްވެ އެވެ.