ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ހިއުސްޓަންގެ މިސްކިތް ހުޅުވާލާފައި
ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ހިއުސްޓަންގެ މިސްކިތް ހުޅުވާލާފައި

ހިއުސްޓަން (ސެޕްޓެމްބަރު 2) - އެމެރިކާގެ ޓެކްސަސް އަށް އެރި ބާރުގަދަ ތޫފާނުގައި އެ ސްޓޭޓުގެ ހިއުސްޓަންގައި ފެންބޮޑުވެ ގެދޮރު ގެއްލުނު ބައެއް މީހުންނަށް އެ ސިޓީގެ އިސްލާމިކް ސެންޓަރުން ހިޔާވަހިކަން ދޭން ފަށައިފި އެވެ.

އަޟުހާ އީދު ނަމާދުގެ ޖަމާއަތަށް އިއްޔެ ތައްޔާރުވަމުން ދިޔަ އިރު ހިއުސްޓަންގެ މަސްޖިދުއް ސަލާމް މިސްކިތަށް ވަނީ، ފެންބޮޑުވުމުގައި ހާލުގައި ޖެހުނު އެތައް ހާސް ބައެއްގެ ތެރޭން 15 މީހުން ގެނެސްފަ އެވެ. އޭގެ ތެރޭގައި މުސްލިމް ނޫން މީހުން ވެސް ހިމެނެ އެވެ. މިސްކިތުގެ ލީޑަރުން ބުނީ އީދު ޖަމާއަތަށާއި ހުކުރު ނަމާދަށް ކިތަންމެ ގިނަ ބަޔަކު އިއްޔެ ޖަމާވި ނަމަވެސް އެ މީހުންގެ ރައްކާތެރި ކަމުގެ ދަށަށް ގެނައި މީހުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާނެ ކަމަށެވެ. ހިއުސްޓަންގެ މުސްލިމް ކޮމިއުނިޓީ ދެ ލައްކައަށް އަރާނެ ކަމަށްވެ އެވެ.

އެމެރިކާ އަށް 2012 ވަނަ އަހަރު އެރި ތޫފާން ސޭންޑީ އާއި 2005 ވަނަ އަހަރު ކެޓްރީނާ އަދި ސެޕްޓެމްބަރު 11 ގެ ހަމަލާގައި ވެސް އެމެރިކާގެ މުސްލިމް މުޖުތަމައުން ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެމެރިކާގެ ޑެޓްރޮއިޓް އޭރިއާގެ މިސްކިތެއްގެ އިމާމެއް ކަމަށްވާ ހަސަން ގަޒްވިނީ ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އީދު ދުވަހު އެހީގެ ދޮރުތައް ހުޅުވާލުމަކީ ވެސް އަޅުކަމެއް ކަމަށެވެ.

ކެނެޑާގެ ހެމިލްޓަން ސިޓީގެ މެކްމާސްޓާ ޔުނިވާސިޓީގެ އިސްލާމް ޕްރޮފެސަރު ލިޔާގަތު ތާކިމް ވިދާޅުވީ ހިއުސްޓަން އިން ފެންނަމުން ދަނީ އިސްލާމުންގެ އަމަލުތަކުގެ ރީތި މިސާލެއް ކަމަށެވެ.