02 ސެޕްޓެމްބަރ 2017 - 07:59

ލަންޑަން (ސެޕްޓެމްބަރު 2) – ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވި ނަމަވެސް ޗެލްސީން އެ ޓީމުގެ ފޯވާޑް ޑިއެގޯ ކޮސްޓާގެ ނަން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ހިމަނައިފި އެވެ.
ޗެލްސީން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކޮސްޓާގެ ހިދުމަތް މި ސީޒަނުގައި ބޭނުންނުވާ ކަމަށް ބުނެ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެސްއެމްއެސް އަށް ފޮނުވައިފާ ކަމަށް ކޮސްޓާ ބުނެ އެވެ.
ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ކޮސްޓާ ބޭނުންވި ނަމަވެސް ޗެލްސީ އަށް އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ. އޭނާ ގެންދަން ބައެއް އެހެން ކްލަބްތަކުން ބޭނުންވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެތުލެޓިކޯ ނޫން ޓީމަކަށް ދާން ކޮސްޓާ ބޭނުމެއް ނުވެ އެވެ.
ޗެލްސީން ދާދި ފަހުން ވަނީ ޕްރެކްޓިހަށް ހާޒިރުވުމަށް ކޮސްޓާ އަށް އަންގައިފަ އެވެ. އެހެން ނަމަވެސް ކޮސްޓާ ވަނީ ޗެލްސީ އަށް ނުދާނެ ކަމަށް ބުނެފަ އެވެ.
ކޮސްޓާގެ ވަކީލު ތުހުމަތުކުރާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޗެލްސީން ކޮސްޓާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން ނިންމާފައިވަނިކޮށް އެކަމަށް ހުރަސް އެޅީ ކޮންޓޭ ކަމަށާއި އެ ވަގުތު ކްލަބްގެ މަސްލަހަތަށް ވިސްނާފައި ކޮސްޓާ ނިންމީ ކުރިއަށްދާން ކަމަށެވެ. އަދި މިހާރު ކޮސްޓާ ބޭނުންވާ ކްލަބަކަށް ބަދަލުވުމުގެ އިހުތިޔާރު އޮންނަން ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކޮސްޓާގެ ނަން ޗެލްސީން ސްކޮޑުގައި ހިމެނީ ގާނޫނީ ގޮތުން މަޅިއެއްގެ ނުބެދި ސަލާމަތްވުމުގެ ގޮތުންނެވެ. އެއީ އޭނާ ބޭނުންނޫން ކަމަށް ބުނެ އަދި ވިއްކައި ވެސް ނުލާ ސްކޮޑުން ވެސް ފުރުސަތު ނުދީފި ނަމަ ޗެލްސީ ކުށްވެރިވުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް ލަފާކުރެވެ އެވެ.
ކޮސްޓާ އަދިވެސް ހުރީ ބްރެޒިލުގައި ކަމަށްވެ އެވެ. އޭނާ އަށް ސްޕެއިން ގައުމީ ޓީމުން ވެސް މި ވަގުތަށް ޖާގަ ގެއްލިފައިވާއިރު ޗެލްސީން ވެސް ވަނީ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ގެނެސްފަ އެވެ.
ކޮސްޓާ އެތުލެޓިކޯ އަށް ބަދަލުވިޔަސް އެންމެ އަވަހަށް ވެސް ކުޅެވޭނީ ޖެނުއަރީގަ އެވެ. އެއީ އެ ކްލަބަށް ފީފާ އިން އަދަބުދީފައިވާތީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިއަކު ގެނެވެން ނެތުމުންނެވެ.