އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ސައުތުގޭޓް ހަމަޖައްސަނީ
އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ސައުތުގޭޓް ހަމަޖައްސަނީ

ލަންޑަން (ޖޫން 29) - އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް އިނގިރޭސި ޔޫތު ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ހަމަޖައްސަން ފުޓްބޯޅަ އެސޯސިއޭޝަނުން މަޝްވަރާކޮށްފި އެވެ.

އިންގްލެންޑުގެ ގައުމީ ކޯޗުގެ ވަޒީފާ ހުސްވީ، ޔޫރޯގެ ދެ ވަނަ ބުރުން އައިސްލެންޑް އަތުން ބަލިވެ އިންގްލެންޑް ކެޓުމުން ރޯއީ ހޮޖްސަން މަގާމުން ވަކިވުމުންނެވެ.

އެފްއޭގެ ޗީފް އެގްޒެކެޓިިވް މާޓިން ގްލެން ވިދާޅުވީ އާ ކޯޗެއް ހޯދުމުގެ މަސައްކަތަކަށް މަސްތަކެއް ނަގާފާނެ ކަމަށާއި އެހެންވެ ވޯލްޑް ކަޕް ކޮލިފައިން ފެށެންވާއިރަށް ވަގުތީ ކޯޗަކަށް ސައުތުގޭޓް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އާ ކޯޗެއް ނެގުމަކީ ބޮޑު މަސައްކަތެއް. އެކަށީގެންވާ ކޯޗަކު ހަމަޖައްސަން ޖެހޭނީ. އެކަމަށްޓަކައި އެކަށީގެންވާ މުއްދަތެއް މަޑުކުރަން ޖެހުނަސް، އަހަރެމެން ހަމަޖައްސާނީ ރަނގަޅު ކޯޗެއް،" އޭނާ ވިދާޅުވި އެވެ.

އިންގްލެންޑުން ބޭނުންވާ ކޯޗުންގެ ތެރޭގައި އާސެނަލްގެ ފްރާންސް ކޯޗު އާސެން ވެންގާ ހިމެނެ އެވެ. އެކަމަކު އޭނާގެ ކޮންޓްރެކްޓުގައި ބާކީ އަހަރެއް އޮތުމާ އެކު، ވެންގާ އެންމެ އަވަހަށް ގެނެވުނަސް ގެނެވޭނީ ކުރިއަށް އޮތް ސީޒަން ނިމުމުންނެވެ.

ސައުތުގޭޓަކީ އިނގިރޭސި ގައުމީ ޓީމަށް 57 މެޗު ކުޅެފައިވާ ޑިފެންޑަރެކެވެ. މިޑްލްސްބަރާ އަށް ކޯޗުކޮށްދީފައިވާ ސަތުއުގޭޓް، 45، މިހާރު މަސައްކަތްކުރަމުން އަންނަނީ އިންގްލެންޑުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގަ އެވެ.