02 ސެޕްޓެމްބަރ 2017 - 09:26

އަވަށްޓެރި އިންޑިއާގެ އިގުތިސޯދީ ދުވެލި މަޑުޖެހި، އިގުތިސޯދު ކުރިއެރި މިންވަރު ދަށްވެއްޖެ އެވެ.
އިންޑިއާގެ ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަސް ނިމުނުއިރު، އެ ގައުމުގެ އިގުތިސޯދު ކުރި އަރާފައިވަނީ 5.7 ޕަސެންޓުގަ އެވެ. އެކަމަކު އޭގެ ކުރީގެ ކުއާޓަރުގައި އެ ގައުމުގެ އިގުތިސޯދު ވަނީ 6.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އިންޑިއާގެ އިގުތިސާދު ކުރިއެރި މިންވަރު އެންމެ ބޮޑަށް ދައްވި ފަހަރެވެ.
އިންޑިއާ ސަރުކާރުން ކުއްލިއަކަށް ނޫޓުތަކަށް ބަދަލުގެނެސް، ކަޅު ބާޒާރުގައި ފައިސާ ގެންގުޅޭ ފަރާތްތަކާ ދެކޮޅަށް މިދިޔަ އަހަރު އެޅި ފިޔަވަޅުތަކާ އެކު އިގުތިސާދު ބާރަށް ކުރި އރާނެ ކަމަށް ތަޖުރިބާކާރުން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.
އެ ލަފާކުރުންތަކާ އެއްގޮތަށް އިގުތިސޯދު ކުރި ނޭރީ އިންޑިއާ ސަރުކާރުން މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި އާ ސޭލްސް ޓެކްސްގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އެއީ އާ ޓެކްސް ނަގަން ފެށިއިރު އެކަށީގެންވާ ވަރަށް މައުލޫމާތު ހާމަ ނުކުރެވި އޮތުމުން ގިނަ ވިޔަފާރިތަކަށް، މުދަލުގެ އަގުތައް އެކަށައަޅަން ދަތިވުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އާ ޓެކްސްއާ ގުޅިގެން އެންމެ ބޮޑަށް ކުރިއެރި މިންވަރު ދަށްވެފައި ވަނީ މެނުފެކްޗަރިން އިންޑަސްޓްރީ އާއި ފައިނޭންސް، އިންޝުއަރެންސްގެ އިތުރުން ރިއަލްއެސްޓޭޓް އަދި ޕްރޮފެޝަނަލް ސާވިސަސް ސެކްޓާއިންނެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފައިވަނީ މި އަހަރު ނިމެންވާއިރު އިންޑިއާގެ އިގުތިސޯދު ހަތް ޕަސެންޓަށް ކުރި އަރާނެ ކަމަށެވެ. ނަމަވެސް އާ ތަފާސްހިސާބުތަކާ އެކު ތަޖުރިބާކާރުން މިހާރު ބުނަމުން އަންނަނީ އެ އަމާޒަށް ވާސިލް ވެވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.