02 ސެޕްޓެމްބަރ 2017 - 05:47

ސަންޖޭ ދަތާއި ރާނީ މުކަރްޖީ މިހާތަނަށް އެއްވެސް ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. މި ދެ ތަރިންގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި ވެސް ބެލުންތެރިންނަށް މި ޖޯޑު ސްކްރީނުން އެކުގައި ފެންނާނެ ގޮތެއް އޮތީ ނުވެ އެވެ.
އެކަމަކު ސަންޖޭ އާއި ރާނީ އެކުގައި ސްކްރީނުން ފެނިދާނެ ކަމަށް މިހާރު އެބަ ބެލެވެ އެވެ. ސަންޖޭ ދަތު ސޮއިކޮށްފައިވާ ފިލްމްތަކުގެ ތެރެއިން "މަލަންގް" ގެ ބަތަލާގެ ރޯލް ވަނީ ރާނީ އަށް ހުށަހަޅައިފަ އެވެ.
މި ފިލްމަކީ ޖަލު ހުކުމެއް މިދިޔަ އަހަރު ތަންފީޒު ކުރުމަށް ފަހު، ސަންޖޭ އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމް "ބޫމީ" ގެ ޑައިރެކްޓަރު އޮމަންގް ކުމާރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
އާރަމްބް ސިންގް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ "މަލަންގް" އަކީ ދެ ފުލުހެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ބަތަލާގެ ރޯލް ރާނީ އަށް ހުށަހަޅާފައިވާކަން އޭގެ އެއް ޕްރޮޑިއުސަރު ސަންދީޕް ސިންގް ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނީ ރާނީއަކީ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާ ހަދާ ކޮންމެ ފިލްމަކުން ރާނީ އަށް ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ.
"،މަލަންގް ރާނީ އަށް އެޕްރޯޗްކޮށްފައިވާ އިރު، ސަންޖޭއާ އެކު އޭނާ މިހާތަނަށް އެއްވެސް ފިލްމަކުން ފެނިފައެއް ނުވާނެ. އެހެންވެ އަހަރެމެން ވަރަށް ބޭނުން މި ޖޯޑު ސްކްރީނުން އެކީގައި ދައްކާލަން،" ސަންދީޕް ބުންޏެވެ. "އަހަރެމެން ވަރަށް ބޮޑަށް އުންމީދުކޮށްގެން މި ތިބީ ރާނީ ފިލްމަށް އާއެކޭ ބުނާނެ ކަމަށް."
ރިޕޯޓްތައް ބުނާ ގޮތުން "މަލަންގް" އަށް ރާނީގެ ސޮއި ކަށަވަރު ކުރުމުގެ ގޮތުން އޮމަންގް ވެސް ވަނީ ރާނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އަށް ގޮސް، ރާނީއާ ބައްދަލުކޮށްފަ އެވެ.
އެކަން ރާނީގެ ތަރުޖަމާނު ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ "މަލަންގް" ގެ ބަތަލާގެ ރޯލް ރާނީ އަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ވަރަށް އަވަހަށް ރާނީ ގޮތެއް ނިންމާނެ ކަމަށެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމް ރާނީ އަށް ހުށަހެޅި އިރު، އައިޝްވާރިޔާ ރާއީ ބަތަލާގެ ރޯލް ދޭން އުޅޭ އަޑުތަކެއް ވެސް ފެތުރިފައިވާ ކަމެވެ.
އޭނާ ވަނީ މީގެ ކުރިން ސަންޖޭއާ އެކު ހަމް ކިސީ ސޭ ކަމް ނެހީ (2002) އާއި ޝަބްދް (2005) ގައި މަސައްކަތްކޮށްފަ އެވެ.
ރާނީ 2014 ގައި ކައިވެނި ކުރި ފަހުން މިހާތަނަށް ވައިއާރްއެފް ނޫން ސްޓޫޑިއޯއެއްގެ ފިލްމަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ އެ ސްޓޫޑިއޯގެ "މަރްދާނީ" އިންނެވެ.
ރާނީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވެސް ވައިއާރްއެފްގެ ފިލްމަކުންނެވެ. އެއީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ހިޗްކީ" އެވެ. ސިދާތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޝޫޓިން މިދިޔަ މެއި މަހު ވަނީ ނިންމާލައިފަ އެވެ.
މި މަހުގެ 22 ގައި "ބޫމީ" ރިލީޒް ކުރާ އިރު، އޮމަންގް ދެން ޑައިރެކްޓް ކުރާ "ދަ ގުޑް މަހާރާޖާ" އަށް ވެސް ސަންޖޭ ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.