އިހުސާސްތައް ވަނީ އީދުގެ އުފަލުން މަހްރޫމް ކޮށްފައި ތިބި މީހުންނާ އެކު: މައުމޫން
އިހުސާސްތައް ވަނީ އީދުގެ އުފަލުން މަހްރޫމް ކޮށްފައި ތިބި މީހުންނާ އެކު: މައުމޫން

މިއަދު ފާހަގަކުރަމުން އަންނަ އަޟްހާ އީދުގެ އިހުސާސްތައް ގުޅިފައިވަނީ އީދުގެ އުފަލުން މަހްރޫމް ކޮށްފައިވާ މީހުންނާ އެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އެމަނިކުފާނުގެ އިހުސާސްތައް ގުޅިފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި، އީދުގެ އުފަލުގައި ބައިވެރި ނުވެވޭ ފަރާތްތަކާ އެކު ކަމަށެވެ.

މައުމޫންގެ އެ ޓްވީޓްގައި އިޝާރާތް ކުރައްވަނީ މިވަގުތު ޖަލުގައި ބަންދުކޮށްފައި ހުންނެވި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިހާރު ފާރިސް ބަންދުގައި ހުންނަތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފެށެ އެވެ.

ފާރިސް ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިޔަސް އަދި އެ މައްސަލައިގެ ހުކުމެއް ނުކުރެ އެވެ.