01 ސެޕްޓެމްބަރ 2017 - 18:59

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ މީހާ މިއަދު މަރުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނި ގޮތުގައި އެކްސިޑެންޓުގައި ޒަހަމްވި 64 އަހަރުގެ ފިރިހެން މީހާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހަވީރު ކަމަށެވެ.
ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ބޮލަށާއި ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އޭޑީކޭ އަށް ގެންދިޔަ އިރު ވެސް ހޭނާރާ ކަމަށްވެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގު، ހަބީބު ބޭންކް ކުރިމަތީގައި ދެ ސައިކަލް ޖެހިގެންނެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ދުވަސްވީ މީހާ ދުއްވި ސައިކަލްގައި ޖެހުނުއިރު، އަނެއް ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވިއިރު، މިދިޔަ އަންގާރަ ދުވަހުގެ ރޭ އައްޑޫ މަރަދޫގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު ވަނީ މަރުވެފަ އެވެ.