ފްރާންސް އަތުން ބަލިވެ ނެދަލެންޑްސް އަށް ހާސްކަން
ފްރާންސް އަތުން ބަލިވެ ނެދަލެންޑްސް އަށް ހާސްކަން

ޕެރިސް (ސެޕްޓެމްބަރު 1) – ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭ ގައި ރޭ ފްރާންސް އަތުން 4-0 އިން ބަލިވެ ނެދަލެންޑްސް އަށް ހާސްކަމާ ކުރިމަތިލާންޖެހިއްޖެ އެވެ.

މި މޮޅާ އެކު ފްރާންސް އޮތީ 16 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ރޭ ބަލްގޭރިއާ އަތުން 3-2 އިން ބަލިވީ ސްވިޑަން އެވެ. ތިން ވަނައިގައި 12 ޕޮއިންޓާ އެކު ބަލްގޭރިއާ އޮތްއިރު ނެދަލެންޑްސް އޮތީ 10 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ ފަސް ވަނައިގައި ފަސް ޕޮއިންޓާ އެކު ބެލާރޫސް އޮތްއިރު ހަ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ލަގްޒެމްބާގެވެ. ރޭ ބެލާރޫސް އަތުން ލަގްޒެމްބާގް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ބާކީ ތިން މެޗު އޮތްއިރު ގަދަ ދެ ޓީމުގެ ތެރެއަށް ވަންނަން ނެދަލެންޑްސް އަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

ޕެރިހުގައި ރޭ ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރިޒްމަން އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ކެވިން ސްޓްރޫޓްސްމަން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.

ފްރާންސުގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު 73 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައި ޖެހީ މޮނާކޯގެ ތޯމަސް ލޭމާ އެވެ. ހަތަރު ވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖެހީ މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފައިވާ އުއްމީދީ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ.

ރޭ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ފެރޯ އައިލެންޑްސް އަތުން 5-1 އިން މޮޅުވެފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ ވިލިއަމް ކަވާލޯ އެވެ.

ގްރޫޕް ބީ ގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ރޭ އެންޑޯރާ އަތުން 3-0 އިން މޮޅުވި ސްވިޒަލެންޑެވެ. ޕޯޗުގަލް އޮތީ 18 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.