ޑްރިންކްވޯޓާ އާއި ޒައްޕަކޯސްޓާ ޗެލްސީ އަށް
ޑްރިންކްވޯޓާ އާއި ޒައްޕަކޯސްޓާ ޗެލްސީ އަށް

ލަންޑަން (ސެޕްޓެމްބަރު 1) – އިނގިރޭސި ޗެމްޕިއަން ޗެލްސީން ޓްރާންސްފާގެ ފަހު ދުވަހު ލެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ޑެނީ ޑްރިންކްވޯޓާ އާއި ޓޮރިނޯގެ އިޓަލީ ޑިފެންޑަރު ޑޭވިޑް ޒައްޕަކޯސްޓާ ގެނެސްފި އެވެ.

އުމުރުން 27 އަހަރުގެ ޑްރިންކްވޯޓާ އަކީ ލެސްޓާ އިން 2015/2016 ގެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ލެސްޓާ އިން އޭނާ ވިއްކާލަން ބޭނުންނުވި ނަމަވެސް އޭނާ ވަނީ ވިއްކާލައިދޭން އެދިފަ އެވެ. ޗެލްސީން އޭނާ ގަތީ 35 މިލިއަން ޕައުންޑަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ކެރިއަރު ފެށި ޑްރިންކްވޯޓާއާ އެކު ލެސްޓާގައި މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކާންޓޭ މިދިޔަ ސީޒަނުން ފެށިގެން ކުޅެމުން އަންނަނީ ޗެލްސީ އަށެވެ.

ޗެލްސީން ޒަޕަކޯސްޓާ ގެނައި އަގެއް ހާމަނުކުރެ އެވެ. އިޓަލީ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފައިވާ އުމުރުން 25 އަހަރުގެ ޒައްޕަކޯސްޓާ އަކީ ފުލްބެކެކެވެ. އޭނާ އަކީ އިޓަލީ ގައުމީ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ދިނީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ.

ޗެލްސީން ގެންނަން ދެން މަސައްކަތްކުރި ސްޕެއިން ފޯވާޑް ފެނާންޑޯ ލޮރެންޓޭ ގުޅުނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ލެސްޓާ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ރިޔާޒް މާރޭޒް ވަގުތު ހަމަވިއިރު ވެސް ހުރީ ލެސްޓާގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.