01 ސެޕްޓެމްބަރ 2017 - 05:43

ރާޖަސްތާން (ސެޕްޓެމްބަރު 1) - އިންޑިއާގެ އުތުރުގެ ރާޖަސްތާނުގެ އުމައިދު ހޮސްޕިޓަލުގައި މާބަނޑު އަންހެނެއްގެ ސިޒޭނިއަން ހެދުމުގެ އޮޕަރޭޝަނުގެ ތެރޭގައި ވަރުގަދަ އަށް ޒުވާބު ކުރި ދެ ޑޮކްޓަރުން ސަސްޕެންޑްކޮށްފި އެވެ.
ސިޒޭރިއަން ހަދަން ހުރި އަންހެނުންގެ ޚާއްސަ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރު ޒުވާބު ކުރި ވީޑިއޯ ކޮންމެވެސް މީހަކު ވަނީ އާއްމުކޮށްފަ އެވެ. މި ވީޑިއޯ އާއްމު ކުރީ ކާކު ކަމެއް ނޭނގެ އެވެ. ނަމަވެސް އެއީ ހޮސްޕިޓަލް ތެރޭން ކޮށްފައިވާ ކަމެއް ކަމަށްވެ އެވެ.
މި ވީޑިއޯ އާއްމުވުމާ އެކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮޕަރޭޝަން ކޮށްގެން ނެގި ކުއްޖާ ވަނީ މަރުވެފަ އެވެ. ނަމަވެސް ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ޑރ. ރަންޖަނާ ދެސައި ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އޮޕަރޭޝަނުގެ ތެރޭގައި ޒުވާބު ކުރި ދެ ޑޮކްޓަރުން ސަސްޕެންޑް ކުރުމަށް ވުރެ ބޮޑަށް އެމީހުން ތިބީ މަސްއޫލިއްޔަތުން ވީއްލާފައި ކަމަށެވެ. އެއީ އެ މައްސަލައިގައި އެތެރޭގެ ތަހުގީގެއް ހިންގާތީ ކަމަށް ވެސް ވިދާޅުވި އެވެ. ދެ ޑޮކްޓަރުންގެ ނަން ހޮސްޕިޓަލުން ވަނީ އާއްމުކޮށްފަ އެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ދަނީ ޑޮކްޓަރުންގެ ޒުވާބު ވީޑިއޯކޮށް އާއްމު ކުރީ ކާކުތޯ ބަލަން ސްޓާފުންނާ ސުވާލު ކުރަމުންނެވެ.
ރާޖަސްތާނުގެ ހައި ކޯޓުން ވަނީ މި މައްސަލައާ ގުޅިގެން ހޮސްޕިޓަލުން ރިޕޯޓެއް ފޮނުވުމަށް އަންގައިފަ އެވެ. އަދި މި މައްސަލަ ސްޓޭޓް ލެވެލްގައި ތަހުގީގު ކުރަން ވަނީ ނިންމައިފަ އެވެ.