01 ސެޕްޓެމްބަރ 2017 - 08:04

އަންނަ އަހަރުގެ މޭ މަހު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު ވިދާޅުވީ މުބާރާތް ސެޕްޓެމްބަރު މަހަށް ފަސްކުރީ މޭ މަހު ބާއްވައިފި ނަމަ އޭއެފްސީ ކަޕާ ފުށުއަރައި ދަތިތަކެއް ދިމާވާނެތީ ކަމަށެވެ.
"މިހާރު ނިންމާފައިވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހު ފަށަން. އެއީ އިންޓަނޭޝަނަލް ބްރޭކާ ވެސް ދިމާވާ ގޮތަށް،" އަލީ އުމަރު ވިދާޅުވި އެވެ.
މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ މި އަހަރުގެ ޑިސެމްބަރު ގަ އެވެ. އެކަމަކު އަންނަ އަހަރުގެ މޭ މަހަށް އޭރު ފަސްކުރީ އިންޑިއާގެ އެދުމުގެ މަތިންނެވެ. އިންޑިއާ އިން އެގޮތަށް އެދުނީ އިންޑިއަން ސުޕަ ލީގާ ދިމާވާތީ އެވެ. ކުރިން ރާވާފައިވާ ގޮތުން ސުޕަ ލީގުގެ ކުޅުން ޑިސެމްބަރުގެ ކުރިން ނިމޭނެ އެވެ. އެކަމަކު އޮކްޓޯބަރު މަހު އިންޑިއާގައި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ބާއްވާތީ، ސުޕަ ލީގު ފަސްކުރުމުން، ސާފް ޗެމްޕިއަންޝިޕާ ފުށުއަރާގޮތްވީ އެވެ.
މީގެ 20 އަހަރު ކުރިން 1997 ވަނަ އަހަރު ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރުން ފެށިގެން އަންނަނީ ކަނޑައަޅާ ތާރީހަށް އާއްމުކޮށް ބާއްވަމުންނެވެ.
މުބާރާތް މިހާތަނަށް ބާއްވާ ތާރީހު ކަނޑައެޅުމުގައި އިންޑިއާގެ ދައުރު ވަރަށް ބޮޑެވެ. އަދި ސްޕޮންސަރުންގެ އެދުމާ އެކު މުބާރާތް ކޮންމެ ދެ ފަހަރަކު އެއް ފަހަރު ބާއްވަނީ ވެސް، މިހާތަނަށް ބޭއްވި ނުވަ މުބާރާތުގެ ތެރެއިން ހަ މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާގަ އެވެ. އެހެންކަމުން އިންޑިއާ އަށް ބައިވެރިނުވެވޭ ގޮތަކަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ކުޑަ އެވެ.
އިންޑިއާ އިން ހަ ފަހަރު ކާމިޔާބުކޮށްފައިވާއިރު ރާއްޖެ އާއި ބަންގްލަދޭޝް އަދި އަފްގާނިސްތާން ވަނީ، ކޮންމެ ގައުމެއް އެއް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.