29 ޖޫން 2016 - 10:17

ޕެރިސް، ފްރާންސް (ޖޫން 29) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމާ ސެވިއްޔާގެ ކާމިޔާބު ކޯޗު އުނާއި އެމެރީ ހަވާލުވެއްޖެ އެވެ.
ޕީއެސްޖީގެ ކޯޗުކަމުން ތިން އަހަރަށް ފަހު ފްރާންސްގެ ލޯރެންޓް ބްލޮންކް ވަކިކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެމެރީ ޕީއެސްޖީއާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކްލަބުން ބޭނުންވެއްޖެ ނަމަ އިތުރު އެއް އަހަރު މަޑުކުރުމުގެ އިހުތިޔާރު އޭނާ އަށް އޮވެ އެވެ.
"ޕީއެސްޖީ އަށް ކޯޗުކޮށްދިނުމަކީ ލިބޭ ފަހުރެއް. ޔޫރަޕާއި މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ޕީއެސްޖީ އަކީ ފުޓްބޯޅައިގެ ވަރުގަދަ ކްލަބެއް. މި ކްލަބުން ބޭނުންވާ ވަރުގެ ކާމިޔާބީއެެއް ހޯދައިދޭން ބޭނުން. މި ކްލަބްގެ އެތައް މިލިއަން ސަޕޯޓަރުން އެބަތިބި. އެ ސަޕޯޓަރުން ހިތްހަމަ ޖައްސައިދޭން ބޭނުން،" މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ސެވިއްޔާ އަށް ކާމިޔާބު ކޮށްދިން އެމެރީ ބުންޏެވެ.
ޕީއެސްޖީން ބްލޮންކް ވަކިކުރިއިރު އޭނާ ވަނީ ފާއިތުވި ތިން އަހަރު ތެރޭ އެ ޓީމަށް 11 ތަށި ހޯދައިދީފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވުރެން ދުރަށް ނުދެވުމުން އޭނާ އަށް ޕްރެޝަރު ބޮޑުވި އެވެ.
ޕީއެސްޖީގެ ޗެއާމަން ނާސިރު އަލް ކިލާފީ ވަނީ ބްލޮންކް އެ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށް އެމެރީ އަށް މަރުހަބާ ކިޔައިފަ އެވެ.
އެމެރީ ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރު ލޯކާ ޑިޕޯޓިވޯ އިންނެވެ. އެ އަށް ފަހު އޭނާ ވަނީ އަލްމޭރިއާ، ވެލެންސިއާ، ސްޕާޓަކް މޮސްކޯ އަދި ސެވިއްޔާ އަށް ކޯޗުކޮށްދީފަ އެވެ.