31 އޯގަސްޓް 2017 - 17:50

އަޟްހާ އީދުން ދަސްކޮށްދެނީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ އެހެން މީހުންގެ މަސްލަހަތު އިސްކުރުމުގެ ފިލާވަޅު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި ރައީސް ޔާމީން ވިދާޅުވީ އެ އީދުން ލިބޭ ފިލާވަޅުން ހާމަވަނީ، އެހެން ފަރުދުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު އިސްކުރުމަށް އިސްލާމްދީނުގައި ދީފައިވާ އަހައްމިއްޔަތު ކަމަށެވެ.
"އަޟްޙާ ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ޤުރްބާނީގެ އަގުހުރި ފިލާވަޅަކީ، އެއިން ވަރަށް މުހިއްމު ޢިބްރަތްތަކެއް ހާސިލުކޮށްދޭ ފިލާވަޅެއް ވެސް މެ އެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އަޟްހާ އީދުން ދަސްކޮށްދޭ އަގުހުރި ފިލާވަޅުން އިބުރަތް ހާސިލްކޮށް، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ދިވެހި މުޖުތަމައުގެ ބައެއް ކަންކަން އޮތް ހާލަތަށް އިޝާރާތް ކުރައްވަމުން، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިއުމަކީ، އޭގެ ސަބަބުން ރައްޔިތުންގެ އެއްބައިވަންތަކަން ރޫޅި، އެމީހުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެ، މުޅި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ގައުމީ މަސްލަޙަތަށް ލޮޅުން އަރާނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް އެމީހުންނަށް ތަރައްގީ ގެނެސްދިނުމެވެ.
"...ތަރައްޤީ ގެނެސްދެވޭނީ ވެސް ޤައުމުގައި ހަމަޖެހުން އޮވެގެންނެވެ. އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެންނެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އެންމެން އިޙްތިރާމު ކޮށްގެން، އެ އަށް ބޯލަނބަލައިގެންނެވެ. އެ ބަޔަކު ބޭނުންވާ ގޮތަކަށް، އުސޫލުތަކާ ޚިލާފަށް ކަންކަން ގެންދަން އުޅުމަކީ، އެކަމުގެ ސަބަބުން މުޅި ޤައުމަށް އެކަމުގެ ނޭދެވޭ ނުރަނގަޅު އަސަރު ފޯރާނެ ކަމެއް ކަމާ މެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.