31 އޯގަސްޓް 2017 - 14:22

މިނާ އިން އަރަފާތަށް ނުދެވި ތިބި ދިވެހި ހައްޖުވެރިން އަރަފާތަށް ދިއުމަށްޓަކައި މީގެ އިރުކޮޅެއް ކުރިން ބަހުގައި ދަތުރު ފަށަައިފި އެވެ.

ޓްރެފިކް ބާރުބޮޑު ނުވެ އޮމާންކަމާ އެކު ދަތުރުގެ ކަންކަން ކުރިއަށް ދާ ނަމަ 30 މިނިޓުގެ ތެރޭގައި އެމީހުންނަށް އަރަފާތަށް ދެވޭނެ އެވެ.
ދިވެހި ހައްޖުވެރިންގެ ތެރެއިން އަރަފާތަށް ނުދެވި ތިބި މީހުން ބަހުގައި އަރަފާތަށް ދަތުރުކުރާއިރު، އޭޝިއާގެ ގައުމުތަކުގެ ބައެއް ހައްޖާޖީން އަދިވެސް އަރަފާތަށް ދެވޭނެ އިރެއްގެ އިންތިޒާރުގައި މަގުމަތިން ފެނެ އެވެ.
މި އަހަރު ރާއްޖޭން ފުރަތަމަ ހައްޖަށް އައި 1،000 މީހުން ވެސް މިނާ އަށް އަރަފާތަށް ދާން ހަމަޖެހިފައި އޮތީ ރެއާއި މިއަދު ހެނދުނެވެ. އޭގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސް ތިބި މީހުން އަރަފާތަށް ދިޔުމަށް ހަމަޖެހިފައި އޮތީ ރޭގެ މެންދަމު ކުރިން ފެށިގެންނެވެ.
ނަމަވެސް އެ މީހުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ބަސްތަކުގެ ތެރެއިން މަދު ބަހެއް މީހުން ބަލައި އައީ ހެނދުނު ހަތެއް ޖެހި ފަހުންނެވެ. އެހެން ކަމުން އެ ބަސްތަކުގައި މަދު ބަޔަކަށް ދެވުނު އިރު، ގިނަ އަދަދެއްގެ ބަޔަކު އަރަފާތަށް ނުދެވި މަޑު ކުރަން ޖެހުނެވެ.
ސިސިލްފަރު ގުރޫޕާއި ހަރަމައިން ޖަމާއަތާއި ޒައީ ގުރޫޕްގެ މީހުން އަރަފާތަށް ދިޔުމަށް ހަމަޖައްސާފައި އޮތީ ހެނދުނެވެ. ނަމަވެސް އެމީހުންނަށް ކަނޑައެޅި ބަސްތަކުގެ ތެރެއިން ވެސް ވަގުތަށް އައީ މަދު ބަހެއް ކަމަށް ވާތީ، އެ ޖަމާއަތްތަކުގެ ބައެއް މީހުން ވެސް އަރަފާތަށް ނުދެވި މިނާގެ ފޭލިގެތައް ކައިރީ އެބަތިއްބެވެ.
ފަހުން ލިބުނު ކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި 300 މީހުން ވަނީ މީގެ ދެތިން ގަޑިއެއްހާ އިރު ކުރިން އަރަފާތަށް އައިސްފަ އެވެ. އެމީހުންގެ ތެރޭގައި ހިމެނޭ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން ދެތިން ބަހުގައި ފޮނުވުމަށް ފަހު، ބައެއް މީހުން މިނާ އިން އަރަފާތަށް ދިޔައީ ހިނގައިފަ އެވެ.
މިހާރު މިނާ އާއި އަރަފާތަށް މެންދުރު ވަގުތު ވެފައިވާއިރު. ޢަރަފާަށް ނުދެވި ތިބި ހުރިހާ ހައްޖުވެރިން ވެސް ތިބީ މިނާގެ ފޭލިގެތަކުން ނުކުމެ މަގުމަތީގަ އެވެ.
ފަހުގެ ކޯޓާގައި އައި 300 މީހުން ފިޔަވައި ދެން ތިބި ހުރިހާ ދިވެހި ހައްޖުވެރިންގެ ކަންތަކާ ހަވާލުވެ ހުރީ 22 ނަންބަރު މުއްތައްވިފް (ހައްޖު އޭޖެންޓް) އެވެ.
ހައްޖު ކުންފުނިތަކުން ބުނި ގޮތުގައި ހައްޖުވެރިން އަރަފާތަށް ދިއުން ލަސްވީ މުއްތައްވިފް ކަނޑައެޅި ވަގުތަށް އެ އަދަދަށް ބަސްތައް ނުފޮނުވުމުންނެވެ. އެހެން އަހަރުތަކުގައި ހައްޖުވެރިންގެ ކަންތައް ހަމަޖައްސަނީ، އެ ގުރޫޕަކުން އިޚްތިޔާރު ކުރާ އޭޖެންޓެކެވެ. ނަމަވެސް މި ފަހަރުގެ އޭޖެންޓް ކަނޑައެޅީ ސަރުކާރުން ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.
މިނާގައި މިވަގުތު ހޫނުމިން ހުރީ 40 ޑިގްރީގަ އެވެ.