ޖަރުމަނުގެ ހޮވެޑެސް ޔުވެންޓަސްއާ ގުޅިއްޖެ
ޖަރުމަނުގެ ހޮވެޑެސް ޔުވެންޓަސްއާ ގުޅިއްޖެ

ޓިއުރިން (އޮގަސްޓް 31) – ޝާލްކާގެ ޖަރުމަން ޑިފެންޑަރު ބެނެޑިކްޓް ހޮވެޑެސް ލޯނެއްގެ ދަށުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިއާގެ މުޅި ކެރިއަރު ޝާލްކާގައި ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެ ކްލަބުގެ ކެޕްޓަންކަން ހަ އަހަރު ކޮށްފަ އެވެ.

މި ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތު ޔުވެންޓަސް އަށް އޮންނާނެ އެވެ.

ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފައިނަލުގައި ކުޅުނު ހޮވެޑެސް ވަނީ ޖުމްލަ 44 މެޗު ޖަރުމަނަށް ކުޅެދީފަ އެވެ.

ޔުވެންޓަސް އިން އޭނާ ގެނައީ އޭސީ މިލާނަށް ވިއްކާލާފައިވާ ލިއޮނާޑޯ ބޮނޫޗީ ނެތްތަން ފޫބެއްދުމަށެވެ. ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރަން އަމާޒު ހިފާފައިވާ ޔުވެންޓަސް ވަނީ ލީގުގެ ފުރަތަމަ ދެ މެޗުން ކަލިއާރީ އާއި ޖެނޯއާ އަތުން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމު އޮތީ ބާސެލޯނާ އާއި އޮލިމްޕިއާކޮސް އަދި ސްޕޯޓީން ލިސްބަންއާ އެއް ގްރޫޕެއްގަ އެވެ.

ހޮވެޑެސް އަކީ އާ ސީޒަނަށް ޔުވެންޓަސް އަށް ގެނައި 10 ވަނަ ކުޅުންތެރިއާ އެވެ. އެ ޓީމަށް ގެނައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ބަޔާން މިއުނިކުގެ ވިންގާ ޑަގްލަސް ކޮސްޓާ އާއި އޭސީ މިލާނުގެ ފުލްބެކް މަޓިއާ ޑި ސިގްލިއޯ އާއި ފިއޮރެންޓީނާގެ ފޯވާޑް ފެޑެރިކޯ ބާނަޑެސްކީ އާއި އާސެނަލްގެ ގޯލްކީޕަރު ވޮސިއެޗް ސެޒްނީ އަދި ޕީއެސްޖީގެ ބްލައިސް މަޓުއިޑީ ހިމެނެ އެވެ.