31 އޯގަސްޓް 2017 - 10:49

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައި ޗައިނާގެ ތިން މަނަވަރު މިއަދު ފުރައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އައި ޗައިނީސް ނޭވީގެ ތިން މަނަވަރު، ޗޭން ޗަން އާއި ޖިންގް ޒޫ އަދި ޗައޮ ހޫ މިއަދު ހެނދުނު ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ތިން މަނަވަރުގެ ސެއިލަރުންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ވަނީ ހިންގައިފަ އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ބައެއް ކަހަލަ ކުޅިވަރު ހަރަކާތްތައް ބޭއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން ގިރުފުށީ ޓްރެއިނިން ސެންޓަރާއި އެމްއެންޑީއެފްގެ ބައެއް ސަރަހައްދުތަކުގެ މަރުކަޒުތަކަށް ޗައިނާގެ މަނަވަރުތަކުގެ މީހުން ޒިޔާރަތް ކުރި އެވެ.
ރާއްޖެ އައި ޗައިނާގެ ތިން މަނަވަރު ފުރިއިރު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ޗައިނާ އިން އަންނަނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. ޚާއްސަކޮށް ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާ އިން ބޮޑު އެއްބާރުލުމެއް ރާއްޖެ އަށް ދޭއިރު، އެންމެ ޚާއްސަ މަޝްރޫއަކީ މާލެ-ހުޅުލެ ބްރިޖް އެޅުމެވެ.
އެކުވެރިކަމުގެ ދަތުރެއްގައި އިންޑިއާގެ ކޯސްޓް ގާޑުގެ ވަފުދެއް ވެސް ރާއްޖެއަށް ވަނީ އައިސްފަ އެވެ. ރާއްޖެ އައީ އިންޑިއާގެ ކޯސްޓްގާޑު އެއާ ކްރާފްޓްގެ ހަ މީހުންގެ ވަފުދެކެވެ.