ގަތަރުގެ ޗެމްޕިއަން އަތުން ރާއްޖެ ބަލިވެއްޖެ
ގަތަރުގެ ޗެމްޕިއަން އަތުން ރާއްޖެ ބަލިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު އޮމާނާ ދެކޮޅަށް ކުޅެން ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމު ރޭ ގަތަރުގެ ލީގުގެ ޗެމްޕިއަން އަލް ދުހައިލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 1-0 އިން ބަލިވެއްޖެ އެވެ.

ގަތަރުގެ ވެރިރަށް ދޯޖާގައި ރާއްޖެ ކުރިއަށްގެންދާ ކޭމްޕުގެ ތެރެއިން ރޭ ކުޅުނު މި މެޗުގައި ހަމައެކަނި ލަނޑު 21 ވަނަ މިނެޓުގައި ދުހެއިލަށް ކާމިޔާބުކޮށްދިނީ ޔޫސުފް އަރާބީ އެވެ. މިއީ މުރާދު ނާޖީ ނެގި ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.

މި މެޗުގައި ގައުމީ ކޯޗު ޑަރެން ސްޓެވާޓް ވަނީ ކެޕްޓަން އަލީ އަޝްގާފް (ދަގަނޑޭ) ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. ކޯޗު ބުނީ ދަގަނޑޭ ނޭރުވީ ދުހައިލްގެ އަކީ ފިޒިކަލީ ވަރުގަދަ ޓީމަކަށް ވުމުން، ރިސްކެއް ނަގަން ބޭނުންނުވާތީ ކަމަށެވެ. ކަކުލަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނަށް ފަހު ދަގަނޑޭ ކުޅެން ނުކުތީ ދާދި ފަހުންނެވެ. އޭނާ ގައުމީ ސްކޮޑުގައި ވެސް ހިމެނީ ވެސް މެޑިކަލް ޓެސްޓްތަކެއް ހެދުމަށް ފަހު އެވެ.

"ދަގަނޑޭގެ މުހިއްމުކަން (އޮމާން މެޗަށް) ބޮޑުވުމުން ރިސްކެއް ނަގަން ބޭނުންނުވާތީ އޭނާ ނޭރުވީ،" ކޯޗު ބުންޏެވެ. "އަހަރެން ބޭނުންވި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް ކުޅުނު. ދުހެއިލް އަކީ ގަތަރުގެ ޗެމްޕިއަން. މޮޅު ރަނގަޅު ގޭމެއް ކުޅުނު. އެކަން ވަރަށް ރަނގަޅަށް ހާސިލްވެއްޖެ."

ކޯޗު ބުނީ ރާއްޖޭގެ ޑިފެންސުގައި ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ކަމަށާއި އުއްމީދަކީ އޮމާން މެޗުގައި ވެސް މި ކުޅުން ދައްކާ ރަނގަޅު ނަތީޖާއެއް ލިބުން ކަމަށެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް ދާދި ފަހުން ޖަރުމަނުގެ ހެނޯވާ އާއި އިޓަލީގެ ބޮލޯނިއާއާ ކުޅެ ބަލިވެފައިވާ ދުހެއިލް ޓީމުގައި ފްރާންސުގެ އޮލިމްޕިކް މާސޭ އަށް ކުރިން ކުޅެފައިވާ ބްރެޒިލްގެ ޑިފެންޑަރު ލޫކަސް މެންޑެސް ހިމެނެ އެވެ. މީގެ އިތުރުން ގަތަރު ގައުމީ ޓީމާއި ދެކުނު ކޮރެއާ އާއި ޓިއުނީޝިއާ އަދި މޮރޮކޯގެ ގައުމީ ޓީމުގެ ކުޅުންތެރިން ކުޅެ އެވެ.

މި މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ގޯލް ބެލެހެއްޓީ މުހައްމަދު ފައިސަލެވެ. ރާއްޖޭގެ ޑިފެންސަށް ކުޅުނީ އަމްދާން އަލީ (އެންޑީ) އާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެވެ. މެދުތެރެއަށް ކުޅުނީ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި އަކްރަމް އަބްދުލްގަނީ އާއި މުހައްމަދު އުމެއިރާއި މުހައްމަދު އިރުފާން (އިރޭ) އެވެ. ފޯވާޑް ލައިން ބެލެހެއްޓީ އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ގައުމީ ޓީމު ގަތަރުގައި އިތުރު ތަމްރީން ހެދުމަށް ފަހު މެޗު ކުޅެން އޮމާނަށް ފުރާނީ އާދީއްތަ ދުވަހު އެވެ. އޮމާނާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ފަލަސްތީން އަތުން މާލޭގައި 2-0 އިން ބަލިވިއިރު ރަށުން ބޭރުގައި ބޫޓާން އަތުން މޮޅުވީ 1-0 އިންނެވެ.