އެމްއެމްއޭގެ ބޯޑަށް އިދުހާމް ހަމަޖައްސައިފި
އެމްއެމްއޭގެ ބޯޑަށް އިދުހާމް ހަމަޖައްސައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން، އެ އޮތޯރިޓީގެ ބޯޑުގެ މެމްބަރަކަށް ހަމަޖައްސައިފި އެވެ.

ހަތް މެމްބަރުން އެކުލެވޭ ބޯޑުގެ ޑިރެކްޓަރަކަށް، ރައީސް އަބްދުﷲ ޔާމީން އިދުހާމް ހަމަޖައްސަވާފައިވަނީ މިއަދެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ޖޫން އިން ފެށިގެން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗު އަދި ސްޓެޓިކްސްގެ އެސިސްޓެންޓް ގަވަރުނަރެވެ. އޭގެ ކުރިން މި އޭރިޔާގެ އެގްޒެކެޓިވް ޑައިރެކްޓަރުކަން ވެސް އިދުހާމް ކުރައްވާފައި ވެ އެވެ.

އޭނާ ގެންދަވަނީ 1990 އިން ފެށިގެން އެމްއެމްއޭގެ އެކި މަގާމުތައް އަދާކުރައްވަމުންނެވެ. އިދުހާމަކީ ކުރީގެ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮ އެވެ.

އެމްއެމްއޭގެ ބޯޑުގެ މެމްބަރުކަމަށް އިދުހާމް ހަމަޖެއްސިއިރު، މިދިޔަ ހަފުތާގައި ވަނީ މަރުކަޒީ ބޭންކަށް އާ ގަވަރުނަރެއް ވެސް އައްޔަންކޮށްފަ އެވެ. ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް މި މަހުގެ 16 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ޔާމީން މިިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ މަގާމަށް އަހުމަދު ނަސީރު އައްޔަންކުރައްވައިފަ އެވެ.

ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯގެ މަގާމުގެ އިތުރުން އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ނަސީރަށް އެމްއެމްއޭގެ ގަވަރުނަރަކަން ދެއްވުމާ ހަމައަށް މަސައްކަތް ކުރެއްވީ ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގައި ފިނޭންސް މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.

އަޒީމާ އިސްތިއުފާ ދެއްވުމާ ގުޅިގެން ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފުރަތަމަ ނިންމެވީ މަރުކަޒީ ބޭންކުގެ އެސިސްޓެންޓް ގަވަރުނަރު އަދި އެ އިދާރާގައި މަސައްކަތް ކުރައްވާތާ 31 އަހަރު ވެފައިވާ ނީޒާ އިމާދެވެ. ނަމަވެސް އޭނާ އަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ވެސް ފޮނުއްވި ފަހުން، ކުއްލި ގޮތަކަށް ރައީސް ޔާމީންގެ ނިންމެވުން ބަދަލުކުރައްވައި ނަސީރަށް ގަވަރުނަރުކަން ދެއްވުމަށް ނިންމެވީ އެވެ.