31 އޯގަސްޓް 2017 - 06:49

މައްކާ (އޮގަސްޓް 31) - ހައްޖު ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 400،000 މީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ ޑިޕާޓްމަންޓުގެ މީޑިއާ ޑިރެކްޓަރު ކާނަލް ސާމީ އަލް ޝުވައިރާޚު ވިދާޅުވެއްޖެ އެވެ.

ގަވާއިދާޚިލާފަށް ހައްޖުވެރިން އުފުލި 3،296 ވެހިކަލް ހިފަހައްޓާ 1،841 ބިދޭސީއަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕަބްލިކް ޕްރޮސެކިއުޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާޚިލީ ވުޒާރާގެ ތަރުޖަމާން މޭޖާ ޖެނެރަލް މަންސޫރު އަލް ތުރްކީ ވިދާޅުވީ ހައްޖުގައި ބައިވެރިވާ ދެ މިލިއަން މީހުންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމެއް ކަމާބެހޭ އެޖެންސީތަކުން ފުރިހަމަކޮށްފައިވާ ކަމަށެވެ. ސައުދީން ބޭރުން 1.734 މިލިއަން މީހުން ހައްޖަށް ދިޔަ އިރު ސައުދީން ވެސް ދެ ލައްކަ މީހުން ހައްޖުގައި ބައިވެރިވެ އެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާން މިޝާލް އަލް ރުބައިން ވިދާޅުވީ ކޮލެރާ ފަދަ ބަލިމަޑުކަމެއް ހައްޖުވެރިންގެ މެދުގައި ފެތުރުމުގެ ނުރަައްކަލެއް ނެތް ކަމަަށެވެ. މައްކާ އާއި މަދީނާގައި 25 ހޮސްޕިޓަލް އަދި 155 ހެލްތު ކްލިނިކް ވަނީ ހައްޖުވެރިންނަށް ޚާއްސަކޮށްފަ އެވެ. އަދި 100 އަށް ވުރެ ގިނަ އެމްބިއުލެންސް ވަނީ ހައްޖުވެރިންނަށްޓަކައި ތައްޔާރުކޮށްފަ އެވެ.
ހައްޖުވެރިންގެ ސަލާމަތަށް މައްކާގައި ވަނީ 100،000 ސިފައިން ނެރެފަ އެވެ. ސަައުދީ ސިވިލް ޑިފެންސް ވަނީ މިނާ، އަރަފާތު، މުޒްދަލިފާގައި ފަސް ޑްރިލް ބާއްވައިފަ އެވެ.