30 ޖޫން 2016 - 07:52

އެތަނުގައި ޕާޓިޝަން ޖަހާ ވަކިކޮށްފައި ހުރި ބައިގެ ތެރޭގައި އެ ތިން މީހުން ތިއްބެވެ. ކަޅު ކުލައިގެ ރީތި މޭޒުގެ އެއް ކޮޅުގައި ހުރި ގޮނޑީގައި އިނީ ފާތިރު ސަމަދެވެ. އޭނާގެ ކަނާތް ފަރާތުގައި ޒަވީން އިބްރާހިމެވެ. ވާތް ފަރާތުގައި ނާވިޝް އިސްމާއިލެވެ.
އެތަނުން ލީޑަރަކީ ފާތިރެވެ. އުމުރުން 40 އަހަރު ވިޔަސް އޭނާގެ މޫނުމަތިން ހީވަނީ 30 އަހަރުގެ ޒުވާނެއް ހެންނެވެ. ފަން އިސްތަށިގަނޑު ވަނީ، ތުނބުޅިއެކޭ އެއްގޮތަށް، ތުނިކޮށް ކޮށާފަ އެވެ. ކަޅު ކުލައިގެ ބާރު ޓީޝާޓުގައި އިން އިރު ޒަވީން އާއި ނާވިޝް ފަދައިން ކަސްރަތީ ހަށިގަނޑެއްގެ ސިފަ ދައްކާލަ އެވެ.
ތިން މީހުންގެ މެދުގައި ފުރަތަމަ ފަހަރަށް މައްސަލަ ޖެހުނީ ރޭގަ އެވެ. މިހާރު އެތަނުގައި އެ ތިބީ އެކަމަށް ހައްލެއް ލިބޭތޯ ވާހަކަ ދައްކާށެވެ.
"އަރުޝަދު ދޫކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެއް، މިހާރު ދެ ހެކި އެ ތިބީ ދޫވެ. ޔާސިރު ޖަލުގައި ހުއްޓަސް އޭނާ އަށް ދިމާވި ކަންކަން ހަނދާން ހުންނާނެ. ފުލުހުންނަށް ކޮންމެ ވަގުތަކު ވެސް ކިޔައިދީފާނެ. އެއީ އޮތް ބިރެއް،" ނާވިޝް ބުންޏެވެ.
"އަހަރެމެންނާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ޔާސިރު ނުދައްކައެއްނު. އޭނާ އެހެރީ ޒައްލޭ އާއި ރަހުމާގެ މަރުގެ ޒިންމާ ނަގައިގެން. އޭނާ މިހާރު ބޭނުންވަނީ ދީންވެރި އުޅުމެއް އުޅެން. އޭނާ ފަސް އިރު ނަމާދު އެބަ ކުރޭ. އަބަދު ގުރުއާން ކިޔެވުމުގައި. އެހެންވެ ޔާސިރަކީ ބިރެއް ނޫން،" ޒަވީން ޖަވާބު ދިނެވެ.
"އޭނާގެ މައިންޑް ބަދަލުވެދާނެ ކޮންމެ ވަގުތަކު ވެސް. ދެން ކިހިނެއް ހަދާނީ؟ ކާރުގައި ހޭނެއްތި ވާހަކަ، ތަނަކަށް ވައްދާ އަނިޔާކުރި ވާހަކަ، ޒައްލޭގެ އިނގިލި ބުރިކޮށްލީ ވެސް އަނިޔާކުރި ތަނުގައޭ ބުނެފާނެ. މިހުރީ ފުލުހުންނަށް ދެވިދާނެ ހެކި،" ނާވިޝް، އޭނާގެ ޕޮއިންޓް ވިސްނައިދޭން އުޅުނެވެ.
"ނާވިޝް، އަހަރެމެން މި ކަމަށް ނުކުތީ ރިސްކް އޮތް ކަން އެނގިގެން. ތިއީ ފުލުހުންގެ އިންވެސްޓިގޭޝަންތަކުގެ ހެޑުންނަށް އުޅުނު މީހުން. ފުލުހުންގެ ތެރޭގައި މިހާރު ވެސް އަހަރެމެންނަށް ޖާސޫސްކޮށްދޭނެ އެތައް ބަޔަކު އެބަ ތިބި. ކަލޭމެން ދެ މީހުން މިހާރު ވެސް ތި ދަނީ އެ މައުލޫމާތުތައް ހޯދަމުން. މި ގެއަށް، އަހަރެންގެ ގެއަށް، ޝައްކުވާނެ އެއްވެސް ކަމެއް އަދި ނުހިނގާ. އަހަރެން ވެސް އެއްބަސް އަރުޝަދު ދޫކޮށްލުމުގައި މައްސަލައެއް އޮވެދާނެ. އެކަމަކު އަހަރެން މިވަގުތު 100 ޕަސެންޓް ޔަގީންކަން ދެން އޭނާ ހުންނާނީ މަޑުން. އޭނާ އަށް ނޯންނާނެ އެއްޗެކޭ ބުނެވޭކަށް، އެއީ ދެ މަރުގެ ޒިންމާ އޭނާ ވެސް ނަގަން ޖެހޭނެކަން އެނގޭނެ،" ފާތިރު، މަޑުމަޑުން އެކަމަކު ވަރަށް ސާފުކޮށް ވާހަކަ ދެއްކި އެވެ.
"އަރުޝަދު އަނެއްކާ ފަށާނީ ހޮސްޕިޓަލްގައި ފަރުވާދޭން. އޭނާ ދެން ވެސް ގޯހެއް ނުހަދާނެކަން ކިހިނެއް އެނގެނީ؟ އޭނާ އަކީ ކިޔަވައިގެން ހުރި މީހެއް، އޭނާގެ މައިންޑް ވެސް ހަމަ ވޯކްކުރާނެ ދޯ،" ނާވިޝް ބުންޏެވެ.
"އެކަމަކު އެއީ ފިނޑިއެއް. ސާދިޔާގެ ބޮލަށް ކަންކަން ކަނޑާލި ގޮތް ހަނދާން އެބަ ހުރި ދޯ. އަހަރެމެންނަށް ފާރަލެވިދާނެ އޭނަޔަށް،" ފާތިރު ބުންޏެވެ.
"އަދިވެސް މަށަށް ހަމަ އެއްގޮތަށް ވެސް ނުވިސްނޭ އޭނާ ދޫކޮށްލަން ޖެހޭ ސަބަބެއް. އެއީ ސާދިޔާގެ ކޭސް އަހަރެމެން ދިރާސާކުރި އިރު ކަނޑައެޅި ގޮތެއް ނޫން. އަހަރެމެން އެއްބަސްވީ އެ ނިކަމެތި ހައިދަރާއި ޝިޔާމްގެ މަރަށް މަރުހިފަން. މި ގައުމުގެ ކޯޓަކަށް، ސަރުކާރަކަށް، ފުލުހުންނަކަށް މި އަނިޔާވެރިކަމެއް ނުހުއްޓުވޭނެ. އިންސާފެއް ހޯދައެއް ނުދެވޭނެ. އެހެންވެ އެކަހަލަ ބޮޑެތި ކުށް ކޮށްފައި މިނިވަންކަމާ އެކު އުޅެން ދޫކޮށްލުން މަށަށް މައްސަލަ އަކީ. އެއީ އަހަރެމެން ވީ އަހުދާ ހިލާފު ކަމެއް،" ނާވިޝް ހުރީ، އޭނާގެ ގޮތް ދޫކުރާ ފާޑަކަށް ނޫނެވެ.
"ނާވިޝް، އަދި މިއީ ދެ ވަނަ ކޭސް. ބާކީ އެބަ އޮތް އަށް ކޭސް މަދުވެގެން. މާ ބޮޑެތި ކޭސްތައް ވެސް އެބަހުރި. އަރުޝަދު ދޫކޮށްލަން ނިންމީ އަހަރެން. އަހަންނަށް އިތުބާރުކުރަންތަ؟" އެންމެ ފަހުން ފާތިރު، އޭނާގެ ދެ އަތް ތިލަ މޭޒުމަތީގައި ބާއްވަމުން ބުންޏެވެ.
ނާވިޝް އެއްޗެކޭ ނުބުނެ، ހަތަރު ކަޅި ހަމަކޮށްލާފައި ބޯ ޖަހާލި އެވެ.
"ކޮބައި އަހަރެމެން އެއްބަސްވި އުސޫލު. މި އޮތީ އަހަރެންގެ ދެ އަތް ތިލަ،" މޫނުމައްޗަށް ކުޑަ ހިނިތުންވުމެއް ގެންނަމުން ފާތިރު ބުންޏެވެ.
ތިން އެކުވެރިން އެކަކު އަނެކަކުގެ އަތުގައި ހިފާ، އިތުބާރާއި ޔަގީންކަން ގާއިމްކުރި އެވެ.
އެއީ އެ މީހުންގެ މެދުގައި އޮތް އެބަސްވުން ފެށި ގޮތެވެ. އެއީ އިންސާފު ނެތް ގައުމެއްގައި، ރައްޔިތުންނަށްޓަކައި ނުކުމެ، ކުޑަ ހަމަޖެހުމެއް ނަމަވެސް ގެނެސްދޭން އަޒުމް ކަނޑައެޅި ގޮތެވެ. އެމީހުންގެ އޮޕަރޭޝަންތައް ރައްޔިތުންނަށް އަދި ނޭނގުނަސް މައްސަލައެއް ނެތެވެ. އެކަމަކު ރާއްޖެ ނުދެކޭވަރުގެ ބޮޑެތި ކަންތައްތަކެއް ރާވައި، ހިންގުމުގެ ގާބިލްކަން ހުރި ބަޔަކު ދިވެހިންގެ ތެރޭގައި އުޅޭކަން މާ ގިނަ ދުވަހެއް ނުވެ އާންމުންނަށް އެނގޭނެ ވަރުގެ ކަންކަން ވަނީ ދިރާސާކޮށްފަ އެވެ. އެއަށް އަމަލީ ސިފަ ގެނައުމުގެ ޕްލޭންތައް ދަނީ ރާވަމުންނެވެ.
ތިން އެކުވެރިންގެ ގުޅުން މުޅިން އެހެން ދިމާލަކަށް އެނބުރިގެން ދިޔައީ އެއް ރޭ ކުރި ބަހުސެއްގަ އެވެ. އެ ބަހުސް ހިނގީ ފާތިރުގެ ބައްޕަގެ ރިސޯޓްގެ ބީޗުގަ އެވެ. އޭރު ގޭންގެއްގެ ހަމަލާއެއްގައި ޒަވީންގެ ލޯބިވެރިޔާ މަރުވިތާ ދޮޅު މަސް ވެއްޖެ އެވެ. އެ މަރާ ގުޅިގެން ފުލުހުންގެ އޮފިސަރެއްގެ މަގާމުން ވަގުތުން އިސްތިއުފާ ދިނެވެ.
އޭގެ އަހަރެއް ކުރިން ނާވިޝް ވަނީ ޕޮލިސް ކޮމިޝަނަރަށް ހެއްދެވި ނުހެއްދެވި އަށް ގޮވާފައި ފުލުހުންގެ ޔުނީފޯމް ބާލައިފަ އެވެ. އެ ދުވަހު ފުލުހުންގެ އިސް ހުރިހާ ވެރިންނަށް ލިބުނީ ޝޮކެކެވެ. ފުލުހުންގެ ތެރޭގައި ހުރި އެންމެ ކުޅަދާނެ އެއް އިންވެސްޓިގޭޓަރުގެ ގޮތުގައި ބެލެވުނު ނާވިޝް، ފުލުހުންގެ ވެރިންގެ ބައްދަލުވުމުގައި ބުނީ "ސިޔާސީ ވެރިން ބުނާހާ ގޮތެއް ހަދައި، ތަހުގީގުތައް ގަނޑުބަނޑުކުރަން މަށެއް ނުހުންނާނަން" ކަމަށެވެ. އޭރު އޭނާގެ ކުރިމަތީގައި ބާއްވާލާފައި އޮތީ ސީރިއަސް 50 މައްސަލައެއްގެ ތަފުސީލީ މައުލޫމާތު ހިމެނޭ ކުޑަ ފައިލެކެވެ.
ފަހަރަކު ކޭހެއްގެ ނަންބަރު ބުނެ، ކުޑަ ތައާރަފެއް ދީ، ބައްދަލުވުމުގެ މޫޑު ބަދަލުކޮށްލަމުން ދަނިކޮށް، ޕޮލިސް ކޮމިޝަނަރު އެތައް ފަހަރަކު އެކަން ހުއްޓާލަން އެދުނެވެ. އެކަމަކު ނާވިޝް ނޭވާ ލީ އެ ހުރިހާ ކޭހެއް ކިޔައިދީ ނިންމާލުމަށް ފަހު އެވެ.
"މިއިން އެއްވެސް މައްސަލައެއް ޕީޖީއަށް ނުފޮނުވާ މި ތިބީ ކީއްވެ؟ މި އޮތީ 15 މަރު، ޑްރަގްގެ ބޮޑެތި 10 މައްސަލަ، ސީދާ ގޭންގްތައް ނުކުމެ އެތައް ބަޔަކަށް ހަމާލާދިން 13 މައްސަލަ، ސިޔާސީ އިދިކޮޅު މީހުންގެ ގައިގައި ތަޅައިގަތުމުގެ ފަސް މައްސަލަ. ބޮޑެތި ރިޝްވަތު ނަގަމުން ދާ ހަތް ފަނޑިޔާރުންގެ މައްސަލަ. މިކަން ނުކުރެވޭ ނަމަ ބުނެބަލަ، އަހަރެމެން ބޮޑެތި ޔުނީފޯމް ލައިގެން، އެކި ވަރުގެ ތަރިތަކާއި ކުލަތައް ޖަހައިގެން، ނަލަވެގެން އޮފީހަށް އައުމުގެ ބޭނުމަކީ ކޮބާ؟" ނާވިޝް ދޫކޮށްލީ ސުވާލެކެވެ. ދެން ސީދާ ކޮމިޝަނަރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެހެން އެއްވެސް މީހަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.
"ތިބުނީ ފުލުހުންނަކީ މަސައްކަތްނުކުރާ ބައެކޭތަ؟ އަހަރެންގެ ބޮލުގައި ތި އަޅުވަނީ އެ ބަދުނާމުތަ؟" ނިތްކުރިއަށް ރޫ ޖައްސާލަމުން، ކޮމިޝަނަރު ސުވާލުކުރި އެވެ.
"ފުލުހުން މަސައްކަތްކޮށްގެން ދޯ މި ހުރިހާ ތަހުގީގެއް ކޮށްފައި މި ހުރީ. އެކަމަކު ޝަރީއަތަށް މި މީހުން ނުގެންދެވެންޏާ ކޮބާ އެ މަސައްކަތްތަކުގެ ބޭނުމެއް؟" ނާވިޝް ހަމަ އެގޮތުގައި ވާހަކަ ދެއްކި އެވެ.
"އަހުލާގީ މައްސަލައެއްގައި ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ޖެހިދާނެ ވާހަކަ ބުނަން،" ކޮމިޝަނަރު ރުންކުރުވި އެވެ.
"މިއީ ހުސް ފިނޑިން އުޅޭ ތަނެއް. މި ތިބަ އެންމެންނަކީ ވެސް ފިނޑިން. ހަމަ ޕަޕެޓުން. މަށާ ދެކޮޅަށް ފިޔަވަޅެއް އަޅާނެ ކަމެއް ނެތް. މަ ބޭނުމެއް ނޫން މި ޔުނީފޯމެއް ވެސް،" އެހެން ބުނެފައި ނާވިޝް ކުއްލިއަކަށް ތެދުވި އެވެ.
ދެން ހުރިހާ އޮފިސަރުންނަށް ލިބުނީ ހައިރާން ކަމެކެވެ. ހަމަ އެ ތަނުގައި ހުރެ ޔުނީފޯމާއި ފަޓުލޫނު ބޭލި އެވެ. މީޓިން އަށް އައިސް ހުރީ އެކަމަށް ތައްޔާރުވެގެންކަން އެނގުނީ، ޖަންގިޔާގެ ބަދަލުގައި، ފަޓުލޫނުގެ ދަށުން ނައިކު ރީތި ޝޯޓެއް ލައިގެން ހުރުމުންނެވެ.
ޕޮލިސް ޔުނީފޯމާއި ފަޓުލޫނާއި ކަމަރު، މޭޒު މަތީ ބޭއްވި އެވެ. ދެން ބޫޓު ބާލައި، އިސްޓާކީނު އޭގެ ތެރެއަށް ކޮއްޕާލުމަށް ފަހު ގޮނޑި ކައިރީ ބެހެއްޓި އެވެ. ހުސް ގަޔާ ހުރެ ނާވިޝް ނުކުމެގެން ދާ ތަން ބަލަން، ހުރިހާ އޮފިސަރުން ތިބީ ބަސް ހުއްޓިފަ އެވެ.
ފުލުހުންގެ ވަޒީފާ އިން އެގޮތަށް އިސްތިއުފާ ދީ، ދިޔަ މީހަކު އޭގެ ކުރިން ތާރީޚުގައި ވެސް ފެނިފައެއް ނުވެ އެވެ. (ނުނިމޭ)