01 ސެޕްޓެމްބަރ 2017 - 05:35

ސަލްމާން ޚާނާއި އަމީތާބު ބައްޗަން އެކުގައި ސްކްރީނުން ދެކިލަން ބޭނުންވާ އެ ތަރިންގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރެކެވެ. ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ "ރޭސް 3" ގައި މި ދެ ތަރިން އެކުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދެ އެކްޓަރުން މީގެ ކުރިން އެކުގައި ފެނިފައިވަނީ 2008 ގައި ނުކުތް ފިލްމެއް ކަމަށްވާ "ގޯޑް ތުއްސީ ގްރޭޓް ހޯ" އިންނެވެ. މި ފިލްމުގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްރާ އެވެ.
އަމީތާބަށް މި ފިލްމު ހުށަހެޅުމުން އޭނާ ފިލްމާ ވަރަށް ގަޔާވި ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެ އެވެ. އަދި ސަލްމާނާ އެކު މަސައްކަތް ކުރުމުގައި އަމީތާބުގެ އެއްވެސް ފަސްޖެހުމެއް ނެތް ކަމަށްވެ އެވެ.
އަމީތާބާއި ސަލްމާން ވަނީ "ބާޣްބާން" އާއި "ބާބުލް" ގައި ވެސް އެކުގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެއީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އައިޝްވަރިޔާ ރާއީ އާއި އަމީތާބުގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން ކައިވެނިކޮށް "ބައްޗަން ޅީދަރިފުޅަށް" އައިޝްވަރިޔާ ވުމުގެ ކުރިންނެވެ. އޭގެ ފަހުން ސަލްމާނާއި ބައްޗަން އާއިލާގެ މެދުގައި ގުޅުން އެހާ ރަނގަޅެއް ނޫނެވެ.
"ރޭސް" ސިލްސިލާގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އައްބާސް މަސްތާން އެވެ. އެ ދެ ފިލްމުގައި ބަތަލުގެ ރޯލު ކުޅުނީ ސައިފް އަލީ ޚާނާއި އަކްޝޭ ކަންނާ އަދި އަނިލް ކަޕޫރެވެ. ނަމަވެސް ތިން ވަނަ ފިލްމުގެ ޑައިރެކްޓަރާއި ތަރިން ވެސް މި ވަނީ ބަދަލުވެފަ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މަޝްހޫރު ކޯރިއޯގްރާފަރު ރޭމޯ ޑައިރެކްޓްކުރާ "ރޭސް 3"ގެ ބަތަލާ އަކީ ޖެކްލީން ފެނާންޑިސް އެވެ.