މިހާރު 30: ދާނިޔާ
މިހާރު 30: ދާނިޔާ

ޖޫން 25 ވަނަ ދުވަހުގެ ބަޔާ ގުޅޭ

"މާޒިން! މިތާ ކީއްކުރަނީ މި ގަޑީގަ؟" ތުރުތުރުއަޅާ އަޑަކުން ސާދުނާ ގޮވައިލި އެވެ.

ސާދުނާގެ އެ އަޑާ އެކު މާޒިން އެނބުރި ގެއާ ދިމާލަށް ހިނގައިގަތެވެ. ސާދުނާގެ ގައިގައި ޖެހޭނުޖެހޭ ހިސާބުން ގޮސް ގެއަށް ވަތް އިރު، އެ ތަނުގައި ސާދުނާ ހުރިހެން ވެސް މާޒިން އަށް ހީނުވާ ކަހަލަ އެވެ. މާޒިންގެ ފަހަތުން ގޮސް ސާދުނާ ކޮޓަރި އަށް ވަތް އިރު، މާޒިން އެނދުގައި އޮށޯންނަނީ އެވެ.

ޖެހިގެން އައި ދުވަހު މާޒިންއާ ވާހަކަ ދައްކަން ސާދުނާ އެކި ގޮތްގޮތުން މަސައްކަތް ކުރި އެވެ. އިއްޔެ އާނުގަނޑު މަތީ ހުރެ ދެއްކީ ކޮން ވާހަކައެއްތޯ އާއި ރޭ ދަންވަރު ނުކުމެ އޮނުފީނި ކައިރީގައި ވާހަކަ ދެއްކީ ކާކާތޯ ސުވާލުކުރި އެވެ. ސާދުނާ އެ ހުރިހާ ވާހަކައެއް ދެއްކިޔަސް މާޒިންގެ ދުލުން ޗުއްޕު ވެސް ނުބުނެ އެވެ. އަޑު އިވޭހެން ވެސް ހިޔެއް ނުވެ އެވެ. ނަމަވެސް މާޒިންގެ އަމަލުތަކުގައި އާދަޔާ ޚިލާފު އެއްވެސް ކަމެއް ނެތެވެ. ހަމަ އާދައިގެ މީހެކެވެ.

މާޒިން އަށް މިވީ ގޮތް ބައްޕަ އަށް ގުޅައި ސާދުނާ ކިޔައިދިނެވެ. ސާދުނާގެ ވާހަކަތަކުން އިދުރީސްބެ ކަންބޮޑުވެ ހާސްވި އެވެ. "އެހެން ބާރެއްގެ އެހީގައި" ސާދުނާ އާއި މާޒިން ކައިވެނި ކުރުވިތާ މަސްދުވަސް ވެސް ނުވަނީސް ތައްޚާނުބެ ވެސް ނިޔާވެފައި ވުމުން، އެކަމުގައި އެހީތެރިކަމެއް ވެދޭނީ ވެސް ފަހެ ކާކުބާއޭ ހިތަށް އެރި އެވެ. ނަމަވެސް އެފަދަ ދެވަނަ ފާފައެއް ނުކުރުމަށް މިދިޔަ ޙައްޖުގައި އިދުރީސްބެ ވެފައިވާ ތައުބާގެ މަތިން ހަނދާންވުމުން އެ ޚިޔާލު ދޫކޮށްލި އެވެ.

ނަމަވެސް މާޒިނަށް އެ ހާލަތު މެދުވެރިވީ ދަރިފުޅުގެ އާދޭސްތަކަށް ކެތް ނުކުރެވިގެން ކުރެވުނު ކަމަކުން ކަމުގައިވާތީ، އެ ކަމުން މާޒިން ސަލާމަތްކޮށްދޭން އިދުރީސްގެ އަޒުމްކަނޑައެޅި އެވެ. ވިޔަފާރި އެކުގައި ބަނގުރޫޓުވިޔަސް މާޒިން އަލުން މި ދުނިޔެ އަށް ގެނައުމަށް ނިންމައި، އޭގެ ދެ ދުވަސް ފަހުން އޭނާ ގޮވައިގެން މާލެ އަށް ފުރީ، ކެތްތެރިވެ އިންތިޒާރު ކުރުމަށް ސާދުނާ ކައިރީ އެދެމުންނެވެ.

މާޒިން އަށް ރުޤްޔާ ހެދުމަށް، އިދުރީސްބެގެ ޒަމާންވީ ރައްޓެއްސެއް ކަމަށްވާ އަމްޖަދާ ހަވާލުކޮށްފައި ރަށަށް އައިތާ މަސްދުވަސް ވީއިރު ވެސް، މާޒިންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ އެއްވެސް ޚަބަރެއް ނުލިބެ އެވެ. އިދުރީސްބެ އެއް ރެއަކު ފަތިސް ނަމާދަށް ހޭލައި ގަޑި ބަލައިލަން ފޯން ހުޅުވައިލި އިރު މެންދަމު ދޭކުން ފެށިގެން ހަތަރަކާ ހަމައަށް ދިހަ ކޯލް މިސްވެފައި އޮތެވެ. އެއީ އަމްޖަދުގެ ކޯލްތަކެވެ.

އިދުރީސްބެ ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީ އަމްޖަދަށް ގުޅުމުން އެއް ރިންގުން ފޯނު ނެގި އިރު، އޭނާގެ އަޑުގައި ހުރީ ހާސްކަމާއި ސީރިއަސް ކަމެވެ. ރޭ ދަންވަރު ބްރިޖާ ދިމާލުން މާޒިން ކަނޑަށް އެރެން އުޅެނިކޮށް ފުލުހުންނަށް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވާހަކަ ބުނުމުން އިދުރީސްބެގެ ނޭވާ ހާސްވާ ގޮތްވި އެވެ.

"އެ ސޮރު މިހާރު އޮތީ ފަރުވާ ދޭން ހޮސްޕިޓަލުގައި. މަ މި ހުރީ އޭނަ ކައިރީގައި. އޭނާ އެއްވެސް ވާހަކައެއް ނުދައްކާ. ޑޮކްޓަރުން ބުނަނީ ސިކުނޑީގެ ބައްޔެއް ވީމާ އިތުރު ފަރުވާ ދޭންޖެހެޔޯ. ހޮސްޕިޓަލުން ދެން އޭނާ ގެންދާނީ މަރުކަޒަށް ހެން މަށަށް ހީވަނީ. ފުލުހުން ބުނަނީ އެ ހާލަތުގައި ހުރި މީހަކު، ޑޮކްޓަރުން ހުއްދަ ދީގެން ނޫނީ އާއިލާއާ ހަވާލު ނުކުރެވޭނެޔޯ!" ކަންތައް އޮތް ގޮތް އަމްޖަދު އޮޅުންފިލުވައި ދިނެވެ.

އިދުރީސްބެ ގެއަށް ވަދެ ސާދުނާ އަށް ގޮވައި ގެނެސް އޭނާގެ ކައިރީގައި ބޭންދި އެވެ. އަދި މާޒިން އަށް ވަމުންދާ ގޮތް ސާދުނާ އަށް ކިޔައިދިނެވެ. މާޒިން އެ ހުރީ ޖިންނިއެއް އަވަލާފައި ކަމަށާއި، ދަރިފުޅުގެ ހިތްހަމަޖައްސައިދިނުމަށްޓަކައި، އެތައް ބައިވަރު ފައިސާއެއް ދީގެން ތައްޚާނުބޭ ލައްވައި ސިހުރު ހެދި ގޮތް ކިޔައިދިނެވެ. އަދި އެކަކަށް ވެސް ނޭނގޭނެ ގޮތަށް މާޒިން ލާމު އަތޮޅުން މާލެ އިން އައްޑު އަށް ގެނައުމަށްޓަކައި، ލައްކައެއްހާ ރުފިޔާގެ ރިޝްވަތު ދީގެން ވަގު އައިޑީ ކާޑެއް ހެދީ ވެސް ދަރިފުޅުގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ކަމަށް ބުންޏެވެ.

****

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހަދިޔާ ދިނުމަށް އައި ފުލުހުންތައް އެއްގަމަށް އަރައިގެން އައި އިރު، ކަސަބު ލިބާހުގައި ތިބި ޒުވާން އަންހެން ކުދިން ކޮންމެ ފުލުހަކަށް މާބޮނޑިއަކާއި ކުރުނބައެއް ދެމުން ދިޔަ އެވެ. ގެނައި ހުރިހާ ސާމާނެއް ދޯނިން ބޭލުމަށް ފަހު ފުލުހުން އެންމެ ފުރަތަމަ ވެސް ދިޔައީ އެ މަރުކަޒަށެވެ.

ފުލުހުންގެ ހަދިޔާތައް ދިގު މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރި އިރު، މަރުކަޒުގެ މީހުން ތިބީ ދެ ޖިންސު ވަކިން ސަފުސަފަށް އެތުރިގެންނެވެ. ކޮންމެ މީހެއްގެ ނަން ގޮވައިލުމުން އެ މީހަކު އައިސް ހަދިޔާއާ ހަވާލުވަމުން ދެ އެވެ.

"ދެން މި ގޮވައިލަނީ އަޅުގަނޑުމެންގެ މި ކުޑަ އާއިލާއާ އެންމެ ފަހު ގުޅުނު މެންބަރަށް. އަލްފާޟިލް މުހައްމަދު ފަޒީލް. މުހައްމަދު ފަޒީލް. ފަޒީލް ކޮބާ އަވަހަށް އާދޭ ހަދިޔާއާ ހަވާލުވާ،" ރަސްމިއްޔާތުގެ އެމްސީ ތަކުރާރުކޮށް އެ ނަން ގޮވުމުން ވެސް ސަފުގެ ކުރީގައި ހުރި މީހާ ހުރި ފިޔަވަޅުން ގުޑި ވެސް ނުލަ އެވެ.

ހަދިޔާތައް ހަވާލުކޮށްދޭން ހުރި ޕޮލިސް ސާޖަންޓް ޒުމްރާ ރަޝީދު، އެތަނުން ހަދިޔާ ޕާރުސަލެއް ހިފައިގެން ފަޒީލްގެ ގާތަށް ގޮސް ސަލާމް ގޮވައިލުމުން އިސް އުފުލައި ބަލައިވެސް ނުލި އެވެ. ޒުމްރާގެ އަތް ދިއްކޮށްލާފައި އެތައް ފަހަރަކު އައްސަލާމް އަލައިކުމްއޭ ބުންޏެވެ.

"ފަޒީލް! މި ކޮއްކޮއާ ސަލާމް ކޮށްލަ ބަލަ. މި ކޮއްކޮ އެހުރީ ފަޒީލަށް ހަދިޔާއެއް ދޭންވެގެންނޭ." މަރުކަޒު ހިންގުމާ ހަވާލުވެ ހުރި މެނޭޖަރު އިބްރާހީމް ވަހީދު ފަޒީލާ ވާހަކަ ދެއްކި އެވެ.

ފަޒީލްގެ ހިލަމެއް ނުވުމުން، އޭނާގެ ދަތްދޮޅީގައި ވަހީދު އިނގިލި ޖައްސާލައި އިސް އުފުލައިލި އެވެ. ދިގުވާން ފަށާފައިވާ ކަށި ތުނބުޅިއަކާ އެކު ހުރި އެ މޫނު ފެނުމާ އެކު، ޒުމްރާ ސިހި ފަހަތަށް ޖެހެވުނެވެ. ފިސާރި ރަނގަޅަށް ފަޒީލްގެ މޫނަށް ބަލައިލި އެވެ. އަދި ސަލާމް ކޮށްލާފައި ފަޒީލްގެ ދެ އަތަށް އެ ޕާރުސަލް ލައިދިނެވެ.

"އޭނައަށް ކިޔަނީ ހަމަ ފަޒީލްތަ؟ އަޅުގަނޑަކަށް ހިޔެއް ނުވޭ، އޭނާ އަށް ކިޔަނީ އެ ނަން ހެނެއް. އަޅުގަނޑު ދަންނަ އެހެން މީހަކާ ވަރަށް ވައްތަރު." ހަދިޔާ ދިނުމަށް ފަހު ހިނގައިގަންނަމުން މަރުކަޒުގެ ވެރިޔާއާ ޒުމްރާ ސުވާލު ކުރި އެވެ.

"މި ތަނަށް ގެނައި އިރު އަޅުގަނޑުމެންނަށް ލިބިފައި އޮތީ އެ ނަން. އައިޑީކާޑުގައި ވެސް އޮތީ އެ ނަން. ހޮސްޕިޓަލުގެ ހުރިހާ ރެކޯޑްތަކެއްގައި ވެސް އޮތީ އެ ނަން." ވަހީދު އިތުބާރާ އެކު ޒުމްރާ އަށް ޖަވާބު ދިނެވެ.

އެ ވާހަކަތައް ގަބޫލުކުރާކަށް ޒުމްރާ ބޭނުމެއް ނުވި އެވެ. ހަދިޔާތައް ބަހައި ނިމި، އެންމެން ސައިގެ ކަންތައް ފެށުމުން، ދެ ތައްޓަށް ހެދިކާ އަޅައިގެން ޒުމްރާ ދިޔައީ ފަޒީލް ގާތަށެވެ. ގޮނޑިއެއްގައި ހެދިކާ ތަށިތައް ބެހެއްޓުމަށް ފަހު، ކޯކު ތައްޓަކާއި ކޮފީ ތައްޓެއް ހިފައިގެން އައިސް ފަޒީލް ކައިރީގައި އިށީނެވެ.

ޒުމްރާ ބޭނުންވީ ފަޒީލް ބޭނުން ބުއިމެއް ނެގުމުގެ ފުރުސަތު އޭނާ އަށް ދޭށެވެ. ހެދިކާ ތަށިތައް ހުރި ގޮތަށް ހުއްޓައި ފަޒީލް އެންމެ ފުރަތަމަ ވެސް ހިފީ ކޯކް ތަށީގަ އެވެ. ފަޒީލް ކޯކް ތަށި ބޮމުން ދިޔަ އިރު، ޒުމްރާ އޭނާއާ އެތައް ވާހަކައެއް ދެއްކި އެވެ. ހިނި އަންނާނެ ކަހަލަ އެތައް ވާހަކަ އަކާއި ދެރަވާ ޒާތުގެ ކިތަންމެ ބަހެއް ބުންޏެވެ.

"ފަޒީލަށް އަބަދު ވެސް އެންމެ މީރީ ކޯކް ދޯ،" ތަށި ހުސްކޮށްލާފައި ބެހެއްޓުމުން ޒުމްރާ ކުރި އެ ސުވާލަށް ފަޒީލް ބޯ ޖަހައިލި އެވެ.

ރަސްމިއްޔާތު ނިންމާފައި ހުރިހާ ފުލުހުން ރަށު ތެރެއަށް ދިއުމުން، ވަހީދާ އެކު ޒުމްރާ ވަނީ މަރުކަޒުގެ އޮފީހަށެވެ. ފަޒީލްގެ ފައިލް ނަގައި ބަލަން ފެށި އެވެ. އޭނާ މަރުކަޒަށް ގެންނަން މެދުވެރިވި ގޮތުގެ މައްޗަށް އޮތް ޕޮލިސް ރިޕޯޓް ވެސް ބަލައި، އެ ހުރިހާ ލިޔުންތަކާއި އައިޑީ ކާޑު އޭނާގެ ފޯނުން ފޮޓޯ ނެގި އެވެ.

އެ ރޭގެ އިޝާ ނަމާދުން ނިމިގެން ދާނިޔާ ދޮޅި ފަތްޖަހަން ހުއްޓައި، މަންމާ ފޯނެކޭ ކިޔައި ގޮވަމުން ދަރިފުޅު ދާލީ އައިސް ކޮޓަރި އަށް ވަނެވެ. ސޭވް ނުކުރާ ނަންބަރަކަށް ވާތީ ނުނަގަން ހުއްޓައި ފޯނު ކެނޑުމުން ދެ ވަނަ ފަހަރަށް ވެސް ގުޅި އެވެ.

"ތިއީ ދާނީ ތަ؟" ދާނިޔާ ފޯނު ނަގައި ދުލުން ބަހެއް ނުބުނެ އުޅެނިކޮށް އެކޮޅުން ވާހަކަ ދެއްކި މީހަކު ސުވާލު ކުރި އެވެ.

"އާނ، މީ ދާނީ. ތީ ކާކު ކަމެއް ނޭނގުނު." އެއީ އަންހެން އަޑަކަށް ވެފައި، އޭނާގެ ރައްޓެއްސެއް ނޫނީ ދާނީއޭ ނުކިޔާނެތީ، ދާނިޔާ އަށް ވެސް ކުރެވުނީ އިތުރު ސުވާލެކެވެ.

"އަޑަކުން ވެސް ނޭނގެނު ދޯ. މިއީ ޒުމްރާއޭ. ހާލު ކިހިނެއްތަ؟" އެ ނަމާ އެކު އަޑާ މެދު ވިސްނައިލުމުން، އެއީ އޭނާގެ ލޯބިވާ ފިރިމީހާއާ އެކު ޕޮލިސް ޓްރޭނިންގައި އުޅުނު ކުއްޖެއް ކަން އެނގުނެވެ. ފެތުމުގެ ޓެސްޓުން ފެއިލްވެގެން ފިރިމީހާ އެއާޕޯޓްގެ ވަޒީފާއަކަށް ބަދަލުވުމުން ވެސް ފިރިމީހާގެ ބެސްޓު ފްރެންޑެވެ.

"ކޮބާ މިހާރު މާޒިންގެ އެއްވެސް ޚަބަރެއް ވެއްޖެތަ؟" ދާނިޔާގެ މެޔަށް ފިނި ފެން އެއްޗެއް އޮއްސައިލިހެން ހީވި އެވެ. ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރުމަށް ފަހު އާގަންނަމުން ބުނެވުނީ، "ތިހެން ތި އެހީ ކީއްވެ؟" (ނުނިމޭ)