ނޭމާ ނެތްތަން ޑެމްބެލޭ ފުރާނެ: އުމްޓިޓީ
ނޭމާ ނެތްތަން ޑެމްބެލޭ ފުރާނެ: އުމްޓިޓީ

ބާސެލޯނާ (އޮގަސްޓް 30) – ނޭމާ ނެތްތަން ބާސެލޯނާ އަށް އަލަށް ގެނައި ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ ފުރާނެ ކަމަށް އެ ޓީމުގެ ފްރާންސް ޑިފެންޑަރު ސެމުއަލް އުމްޓިޓީ ބުނެފި އެވެ.

ނޭމާ ވަނީ 222 މިލިއަން ޔޫރޯގެ އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އޭނާ ދިއުމަކީ ބާސެލޯނާގެ ފޯވާޑް ލައިނަށް ލިބުނު ބަލިކަށިކަމެކެވެ. އެކަމަކު 105 މިލިއަން ޔޫރޯގެ އަގަކަށް ޑެމްބެލޭ ގެނައުމާ އެކު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒަށް ލުއިވެގެންދާނެ އެވެ.

"އަހަރެން ވަރަށް އުފާވޭ އޭނާ މި ކްލަބާ ގުޅޭތީ. ސަބަބަކީ އޭނާ އަކީ ނޭމާ ދިޔަފަހުން އަހަރެމެން ބޭނުންވެގެން މި އުޅޭ ސްޓައިލުގެ ކުޅުންތެރިއަކަށްވާތީ،" އީއެސްޕީއެންއާ ވާހަކަދައްކަމުން އުމްޓިޓީ ބުންޏެވެ.

އުމްޓިޓީ ބުނީ ޑެމްބެލޭ ކުޅޭ މަންޒަރު ބަލަން ކެތްމަދުވެފައިވާ ކަމަށާއި އޭނާގެ ހުނަރު ދަނޑުމަތީގައި ދައްކާލާނެ ކަމަށެވެ.

"އަހަރެން އުއްމީދުކުރަން އޭނާ އަހަރެމެންނަށް ތަށިތައް ހޯދައިދޭން އެހީވާނެ ކަމަށް،" އުމްޓިޓީ ބުންޏެވެ.

ޑެމްބެލޭ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ވިންގެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓާ، އަދި ބޯޅައާ އެކު ހަރަކާތްކުރުމުގެ ހުނަރު ވަރަށް މަތީ ކުޅުންތެރިއެކެވެ. އޭނާ އަކީ ނޭމާ ނެތްތަނަށް ކުޅުވަން މި ވަގުތު ލިބެން ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިއާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒާ އެކު އޭނާ އަށް ވަރުގަދަ ޕާޓްނާޝިޕެއް އުފެއްދޭނެ ކަމަށް ބެލެވެ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 10 ލަނޑު ޖަހައި 22 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

އުމުރުން 20 އަހަރުގެ ޑެމްބެލޭ ވަނީ މިހާތަނަށް ފްރާންސް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ފްރާންސުގެ އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.