31 އޯގަސްޓް 2017 - 07:02

އެމެރިކާގެ ޓެކްސަސް އަށް އެރި ތޫފާން ހާވީގައި އެ ސްޓޭޓުގެ ބައެއް ސިޓީތަކުގައި އާދަޔާޚިލާފަށް ފެން ބޮޑުވެ ހާލުގައި ޖެހުނު 30،000 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސަންޑްރާ ބްލޮކް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.
ޓެކްސަސްހައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ވަރަށް ގިނަ ބަޔަކު އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އޮސްކާ ހޯދާފައިވާ ސަންޑްރާ ދިން ފައިސާގެ އެހީއަކީ އެމެރިކަން ރެޑް ކްރޮސް މެދުވެރިކޮށް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހަދިޔާ ކުރި ފައިސާ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މިފަދަ ހާދިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.
މިކަމާ ބެހޭ ގޮތުން "ގްރެވިޓީ" ފަދަ މޮޅެތި ފިލްމްތައް ކުޅެފައިވާ ބަތަލާ ނެރުނު ބަޔާނެއްގައި ބުނީ ޓެކްސަސްގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ގާބިލްކަން އޭނާގެ ކިބައިގައި ހުރީތީ އެކަމާ ޝުކުރު ކުރާ ކަމަށް ބުންޏެވެ.
"މި ދަނޑިވަޅަކީ އެކަކު އަނެކަކަށް އެހީވާންވީ ވަގުތު،" ދަ ބްލައިންޑް ސްލައިޑް (2009) އިން އޮސްކާގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި ސަންޑްރާ، 53، ބުންޏެވެ.
ދެހާސް އެކަކުން ފެށިގެން ސަންޑްރާ އަންނަނީ އެކި ހިސާބުތަކުގައި ހިނގާ ބޮޑެތި ހާދިސާތަކުގައި ގެއްލުންވާ ރައްޔިތުންނަށް އެމެރިކަން ރެޑް ކްރޮސް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން އެހީގެ ގޮތުގައި މިހާތަނަށް ފަސް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލަވަ ކިޔުންތެރިޔާ ބިޔޯންސޭ ވެސް ވަނީ ތޫފާން ހާވީގައި ހާލުގައި ޖެހުނު މީހުންނަށް ހަތް މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފަ އެވެ.
އަދި ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝިއަން އާއި އޭނާގެ އާއިލާގެ މެމްބަރުންގެ ނަމުގައި 500،000 ޑޮލަރު ހަދިޔާ ކުރާކަން ކިމް ވަނީ ޓްވިޓާގައި އިއުލާންކޮށްފަ އެވެ.