ދެ ވަނަ އެއިންސްޓެއިން ކަމަށް ހާވަޑް ގަބޫލުކުރާ ޒުވާނާ
ދެ ވަނަ އެއިންސްޓެއިން ކަމަށް ހާވަޑް ގަބޫލުކުރާ ޒުވާނާ

ސްޓެފަން ހޯކިންގް އާއި އަލްބަޓް އެއިންސްޓެއިން ފަދަ، އާދަޔާ ޚިލާފަށް ސިކުނޑި ރަނގަޅު މީހަކީ އާދައިގެ މީހަކަށް ނުވާނެ އެވެ. ސަބަބަކީ އެވްރެޖް އިންސާނަކަށް އެފަދަ މީހަކާ އެއްވަރުގެ ކުޅަދާނަކަމެއް ލިބިފައި ނުހުންނާތީ އެވެ.

ސަބްރީނާ ގޮންޒަލެޒް ޕެސްޓާސްކީ އަކީ އެވްރެޖް އިންސާނަކަށް ވުރެ މާ ބޮޑު "ޖިނިއަސް" އެއް ކަމަށް ހުޅަނގުގެ ގިނަ ބަޔަކު މިހާރު ގަބޫލުކުރެ އެވެ.

އުމުރުން އެންމެ 23 އަހަރުގައި ސަބްރީނާ ވަނީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް މުޅި އުމުރުގައި ވެސް ނުލިބޭވަރުގެ ކަންތައްތަކެއް ހާސިލުކޮށްފަ އެވެ.

އެމެރިކާގެ ޗިކާގޯއަށް އުފަން ސަބްރީނާ ވަނީ އެއް އިންޖީނުއެޅި މަތިންދާބޯޓެއް އުމުރުން އެންމެ 14 އަހަރުގައި އޭނާ އަމިއްލައަށް ތައްޔާރުކޮށްފަ އެވެ. އަދި މި މަތިންދާބޯޓުގައި ލޭކް މިޗިކަން މަތިން އޭނާ ވަނީ އެކަނި ދަތުރުކޮށް ރެކޯޑް ހެދި އެވެ.

މި މަތިންދާބޯޓު އުފެއްދުމަށާއި އޭގައި އުދުހުމަށް އޭނާ ހޭދަކުރީ އެންމެ ދެ އަހަރެވެ. މި ދެ އަހަރު އޭނާ މަސައްކަތްކުރި ގޮތް ޔޫޓިއުބުގައި އޭނާ ވަނީ ޑޮކިއުމަންޓް ކޮށްފަ އެވެ.

އޭގެ ފަހުން އޭނާ އިލިނޮއި މެތެމެޓިކްސް އެންޑް ސައިންސް އެކަޑަމީން 2010 ގައި ގްރެޖުއޭޓްވެ މެސަޗޫސެޓްސް އިންސްޓިޓީއުޓް އޮފް ޓެކްނޮލޮޖީގައި ކިޔަވަން ފަށައިފަ އެވެ.

އެންމެ ކުރިން އޭނާއަށް އެ އިންސްޓިޓިއުޓްގައި ކިޔެވުމުގެ ފުރުސަތަކަށް އިންތިޒާރުކުރަން ޖެހުނެވެ. ނަމަވެސް ޕްރޮފެސަރު އެލަން ހެގާޓީ އާއި އާލް މާމަން އަށް ސަބްރީނާގެ ވީޑިއޯ ބަލާލުމުގެ ފުރުސަތު ލިބުމާ އެކު އެތަނުން އޭނާއަށް ޖާގަ ލިބުނީ އެވެ.

"އެ ވީޑިއޯ ބަލާފައި އަހަރެމެން ކޮސްވެފައި. އޭނާގެ ގާބިލްކަން ވަނީ ޗާޓުން ބޭރުގައި،" ޕްރޮފެސަރު ހެގާޓީ ވިދާޅުވި ކަމަށް އިންޑިޕެންޑެންޓް ނޫހުގައިވާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ތިން އަހަރު އެމްއައިޓީގައި ކިޔެވިއިރު އެތަނުން ލިބޭނެ އެންމެ މަތީ ގްރޭޑް ޕޮއިންޓްކަމަށްވާ އެވްރެޖް 5.0 ސަބްރީނާ ހޯދާފައިވެ އެވެ.

މިހާރު ސަބްރީނާ ޕީއެޗްޑީ އަށް ކިޔަވަމުންދަނީ ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމަށްވާ ހާވާޑް ޔުނިވަސިޓީގަ އެވެ. ފުރިހަމައަށް އެކަޑަމިކް މިނިވަންކަމާއި ސްޓާފުންގެ އެއްވެސް އުނދަގުލެއް ކުރުމެއް ނެތި އެވެ.

އުމުރުން 23 އަހަރުގެ ސަބްރީނާގެ މިހާރު އެންމެ ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އޭނާ އިތުރަކަށް މަތިންދާބޯޓު އުފެއްދުމުގެ ޚިޔާލެއް ނުކުރެ އެވެ. މިހާރު އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ފިޒިކްސް އަށެވެ.

މީގެ ތެރެއިން ވެސް ބްލެކް ހޯލްސް އާއި ގްރެވިޓީ އެފެކްޓްސް ސްޕޭސް އަދި ޓައިމް އަށެވެ. މިއީ އެއިންސްޓެއިން އާއި ހޯކިންގްސް އާއި އޭނާ ވަރަށް އެއްގޮތްކަމަށް ބުނާ ސަބަބެވެ. ވަކިން ޚާއްސަކޮށް މިހާރު އޭނާ ކިޔަވަން ބޭނުންވަނީ "ކުއަންޓަމް ގްރެވިޓީ" އެވެ.

މި ރޮނގުން ސަބްރީނާ ހަދަމުންދާ ރިސާޗްތައް ކާމިޔާބުވެއްޖެ ނަމަ މި ހޯދުންތަކަކީ ކައުނާ ގުޅޭ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް އެނގުމަށް މަގުފަހިވެގެން ދާނެ ކަމެކެވެ.

ސަބްރީނާ އަންނަނީ އޭނާގެ ހުރިހާ މަސައްކަތްތަކެއް، ފިޒިކްސް ގާލްގެ ނަމުގައިވާ ވެބްސައިޓަކަށް ރެކޯޑް ކުރަމުންނެވެ. ނަމަވެސް އޭނާގެ ކާމިޔާބީތަކާ މެދު އާޝޯޚުވެފައިވާ މީހުންނަށް އޭނާގެ ތަޖުރިބާގެ އަލީގައި ބުނާ ވާހަކައެއް އެބައޮތެވެ.

"އެ މީހަކަށް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަހަލަ ކަންތައްތައް ކުރެވޭނެ ކަމުގެ ޔަގީންކަން ބާއްވާށެވެ. ބޮޑުވެގެން ވަރަށް ގިނަ ކަންކަން ކުރާނަމޭ ކޮންމެ ކުއްޖަކު ވެސް ކުޑައިރު ބުނާނެ އެވެ. އޭރުއްސުރެ ދެކެމުންއަންނަ ހުވަފެންތައް ލޯ ކުރިމަތިން ގެއްލުވާ ނުލުން ވަރަށް މުހިއްމު ކަމުގައި އަހަރެން ދެކެން،" މާރީ ކްލެއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ސަބްރީނާ ބުންޏެވެ.