30 އޯގަސްޓް 2017 - 13:55

ޓެކްސަސް (އޮގަސްޓް 30) - އެމެރިކާގެ ޓެކްސަސް އަށް އެރި ބާރުގަދަ ތޫފާން ހާވޭގައި ހިއުސްޓަން ސިޓީން އެކަނި ވެސް 500،000 ކާރު ހަލާކުވެފައިވުން އެކަށީގެންވާ ކަމަށް ކޮކްސް އޮޓޮމޯޓިވް ކިޔާ ކުންފުންޏަކުން ބުނެފި އެވެ.

ކޮކްސް އޮޓޮމޯޓިވްގެ ޗީފް އިކޮނޮމިސްޓް ޖޮނަތަން ސްމޯކް ވިދާޅުވީ ހިއުސްޓަން އިން ހަލާކުވި ކާރުގެ އަދަދު ލަފާކޮށްފައި ވަނީ 2012 ވަނަ އަހަރު އެރި ސުޕަސްޓޯމް ސޭންޑީ އާއި 2005 ވަނަ އަހަރު އެރި ތޫފާން ކެޓްރީނާގައި ހަލާކުވި ކާރުތަކުގެ ނިސްބަތަށާއި ތޫފާން ހާވޭގައި ހިއުސްޓަން އިން މިހާތަނަށް ހަލާކުވި ކާރުތަކުގެ އަދަދަށް ބަލައިގެން ކަމަށެވެ.
ތޫފާން ސޭންޑީގައި ވަނީ 250،000 ކާރު ހަލާކުވެފަ އެވެ. ނިއު ޔޯކަށް ވުރެ ހިއުސްޓަންގައި ކާރު ގެންގުޅޭ މީހުންގެ އަދަދު ގިނަ އެވެ.
ސްމޯކް ވިދާޅުވީ ހިއުސްޓަން އިން ތިން ލައްކަ ކާރު ހަލާކުވި ނަމަވެސް އެއީ ވަރަށް ބޮޑު ދެރައަކަށް ވާނެ ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ހިއުސްޓަން އޭރިއާގައި ވަނީ 325،000 ކާރު ވިއްކައިފަ އެވެ.
ތަޖްރިބާކަރުން ބުނާ ގޮތުގައި ތޫފާން ހާވޭގައި ޓެކްސަސް އަށް 40 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާނެ އެވެ.