02 ސެޕްޓެމްބަރ 2017 - 07:25

މެޑްރިޑް (އޮގަސްޓް 30) – ރެއާލް މެޑްރިޑުގެ ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ކުރިމަގުގައި ބެލޮންޑިއޯ އެވޯޑް ހާސިލްކުރާނެ ކަމަށް އެ ޓީމުގެ ލޫކަސް ވަސްކުއޭޒް ލަފާކޮށްފި އެވެ.
އުމުރުން 21 އަހަރުގެ ކުޅުންތެރިއާ ވަނީ މި ސީޒަނުގައި ފަސް މެޗުން ހަތަރު ގޯލް ޖަހައިފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި ވެލެންސިއާ ކޮޅަށް ޖެހި ދެ ލަނޑު ހިމެނެ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ކާމިޔާބުކުރިއިރު އޭނާ ފައިނަލުގައި ޔުވެންޓަސް ކޮޅަށް ވެސް ގޯލް ޖެހި އެވެ.
އަސެންސިއޯއާ އެކު ސްޕެއިން ގައުމީ ޓީމުން މި ފަހަރު ފުރުސަތު ހޯދާފައިވާ އުމުރުން 26 އަހަރުގެ ފޯވާޑް ވަސްކުއޭޒް ބުނީ އަސެންސިއޯ އަކީ އާދާޔާހިލާފު ކުޅުންތެރިއެއް ކަމަށެވެ.
"އޭނާ އެހުރީ ވަރަށް މަތީ ފެންވަރެއްގައި އެކަމަކު އަދިވެސް އޭނާ ކުރިއަރަން ޖެހޭނެ. އޭނާ އަށް އޭނާގެ ފެންވަރެއް ނޯޅޭ. ވަރަށް ފަސޭހަކަމާ އެކު ހުރިހާ ކަމަކާ ވެސް އޭނާ ކުރިމަތިލަނީ،" ވަސްކުއޭޒް ބުންޏެވެ. "ބެލޮންޑިއޯއާ މެދު ވާހަކަދައްކަން އަދި މާ އަވަސް. އެކަމަކު އަހަރެން ދެކޭ ގޮތުގައި އޭނާ އެކަން ހާސިލްކުރާނެ."
އުމުރުން 21 އަހަރުގެ އަސެންސިއޯ އަކީ މީގެ ހަތަރު އަހަރު ކުރިން ރެއާލް މަޔޯކާގެ ބީ ޓީމަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. އަސެންސިއޯ ގަންނަން ރެއާލަށް ލަފާދިނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް އެވެ. ނަޑާލްގެ އެދުމާ އެކު ރެއާލުން 2014 ވަނަ އަހަރު އަސެންސިއޯ ގަތީ 3.5 މިލިއަން ޑޮލަރަށެވެ.
ފާއިތުވި ދެ އަހަރު އަސެންސިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ މަޔޯކާ އާއި އެސްޕަންޔޯލަށެވެ. މި ދެ ޓީމުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކުމުން މިދިޔަ ސީޒަނުގައި ރެއާލްގެ ސްކޮޑުން އޭނާ އަށް ޖާގަ ދިނުމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ނިންމި އެވެ.