ޣައިރު ގާނޫނީ އިންތިހާބެއް ނުބޭއްވޭނެ، މިއީ މެމްބަރުން: އަމީތު
ޣައިރު ގާނޫނީ އިންތިހާބެއް ނުބޭއްވޭނެ، މިއީ މެމްބަރުން: އަމީތު

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމަށްފަހު ބާއްވަން އުޅެނީ ޣައިރު ގާނޫނީ އިންތިހާބެއް ކަމަށް އެ ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ޣައިރު ގާނޫނީ އިންތިހާބެއް ނުބޭއްވޭނެ، މިއީ މެމްބަރުން: އަމީތު
ޣައިރު ގާނޫނީ އިންތިހާބެއް ނުބޭއްވޭނެ، މިއީ މެމްބަރުން: އަމީތު

އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ޣައިރު ގާނޫނީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ސަލާމަތީ ބާރުތަކުން އީސީ އަށް ދީގެން ނުވާނެ ކަމަށެވެ. އީސީން ނިންމިޔަސް، ހަ މެމްބަރުން އަދިވެސް ތިއްބެވީ މެމްބަރު ކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އީސީން ވަނީ ހަ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމައިފަ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭ ހާލަތެއް ނެތް ކަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އަމީތު ވިދާޅުވި ގޮތުގައި ހަ ދާއިރާގެ ގޮނޑި ގެއްލޭނެ ހާލަތެއް ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ހުކުމާއި އަމުރާއި ހަތަރު މެމްބަރަކު އެ ކޯޓަށް ހުށަހެޅި މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ނެތް ކަން ގާނޫނީ ވަކީލުންނާއި ސިޔާސީ އިސް ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވަ އެވެ.

ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމަކީ މާޒީވެފައިވާ ކަންކަމަށް އަމަލު ކުރެވޭނެ ހުކުމެއް ނޫން ކަން އެ ކޯޓުން ފަހުން ނެރުނު އަމުރުގައިވެ އެވެ.

މީގެއިތުރުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައެޅުމުން އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ވަނީ މެންބަރެއްގެ މެންބަރުކަމާ މެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތުމުން މިއީ ސުޕްރީމް ކޯޓުން ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އަމީތު ވަނީ ސުޕްރީމް ކޯޓުގެ ނިންމުން، އީސީން ބޭނުންވާ ގޮތަކަށް މާނަކުރާ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގައި ތިއްބެވި މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީސީގައި ތިއްބެވި މެމްބަރުން ބޭނުންވާ މާނައެއް ނެރުއްވައި، ބޭނުން ގޮތަށް އަމަލު ކުރެއްވުމަކީ ގާނޫނީ ގޮތުން އީސީ އަށް ލިބޭ ހައްގެއް ނޫނެވެ. އީސީން ބައި އިލެކްޝަން ބާއްވަން އިއުލާން ކުރުމާ ގުޅިގެން އެކަމުގައި އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ގޮނޑި ހުސްވެއްޖެ ކަމަކަށް. ގޮނޑި ހުސްވެއްޖެ ކަމަށް ނިންމައި، އަޅުގަނޑުމެންގެ ގޮނޑި އަށް އާ ބަޔަކު އިންތިހާބު ކުރުމަށް ހިންގޭ އެއްވެސް އިންތިހާބަކީ ގާނޫނީ ހަމަތަކުން ހިންގޭ އިންތިހާބަކަށް ނުވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އީސީގެ މެމްބަރުން މަސައްކަތް ކުރައްވަނީ ސިޔާސީ ބޭފުޅުންގެ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށެވެ. އަދި ސިޔާސީ ބޭފުޅުންގެ އަތުގައި ހިފައިގެން އެ ބޭފުޅުން ހިންގާ ޖަރީމާތަކުގެ އިންސާފު ކޮންމެވެސް ދުވަހަކުން އެ މެމްބަރުންނަށް ލިބޭނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އަމީތު ފާހަގަކުރެއްވި ގޮތުގައި ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވީ މަޖިލީހުގެ މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މެމްބަރުން ވޯޓު ދެއްވީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނީ އިމުގެ ތެރެއަށް ވަޑައިގަތުމަށް އަމީތު ވަނީ ކޮމިޝަން މެމްބަރުންނަށް ގޮވާލައްވައިފަ އެވެ.

"މަގާމުތަކަށް އާދެވުނީމަ އަނިޔާވެރި ޒާލިމުންނަށް ވެގެން ނުވާނެ. މަގާމުގައި ތިބެގެން، އީސީގެ މެމްބަރުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް އެ އޮތީ ލިޔެދީފައި. އެއާ ހިލާފަށް މަސައްކަތްކޮށްގެން މެމްބަރުންނަށް ހިމާޔަތެއް ނުލިބޭނެ،" އަމީތު ވިދާޅުވި އެވެ.