މުއްދަތުގެ ކުރިން "ރަން އިން އައްޑޫ"ގެ މެރެތަން ޖާގަ ފުރިއްޖެ
މުއްދަތުގެ ކުރިން "ރަން އިން އައްޑޫ"ގެ މެރެތަން ޖާގަ ފުރިއްޖެ

އައްޑޫ ސިޓީގައި އަންނަ މަހުގެ 16 ވަނަ ދުވަހު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ "ރަން އިން އައްޑޫ" ގެ މެރެތަން ދުވުންތެރިންނަށް ކަނޑައެޅި ޖާގަ މުއްދަތުގެ މާ ކުރިން ފުރިއްޖެ އެވެ.

ޓީއެފްޖީން ހުޅުވާލި 300 ޖާގައިގެ ތެރެއިން މެރެތަން އަށް ކަނޑައެޅި ޖާގަ 30 ޖާގަ އަށް އިއްޔެއާ ހަމައަށް ދުވުންތެރިން ރަޖިސްޓްރީވެފައިވާއިރު ދިވެހިންގެ އިތުރުން ޗައިނާ އާއި ޖަޕާން އަދި އިންޑިއާ ދުވުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން ރޭސް ބާއްވާ އައްޑޫ ސިޓީގެ ދުވުންތެރިންނާއި މުޅިން އަލަށް މެރެތަން ދުވާ ދުވުންތެރިން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މެރެތަން އަކީ 42 ކިލޯ މީޓަރު ދުވުމުގެ ރާސްތާގެ ރޭހެކެވެ. މި ރޭސް ހިތަދޫ ކޮންވެންޝަން ސެންޓަރުން ފަށައިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ދޮރު މައްޗާ ހަމައަށް ގޮސް އަނބުރާލާފައި ނިންމަން ޖެހޭނީ އެނބުރި ކޮންވެންޝަން ސެންޓަރަށެވެ.

ހާފް މެރެތަން އަށް ކަނޑައެޅި ސްލޮޓްތަކުން ވެސް ބާކީ އޮތީ ހަތް ޖާގަ އެވެ. އެ ރޭހުގައި ވެސް ތަފާތު އެތައް ގައުމުތަކުން ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯޓުރޭސް ޑޮޓް ކޮމްގަ އެވެ. މިއީ ބައިނަލްއަގްވާމީ ދުވުންތަކުގެ ރަޖިސްޓްރޭޝަނާއި ޕްރޮމޯޝަންތަކަށް ހާއްސަ ވެބްސައިޓެކެވެ.

ރޭހުގެ އެންމެ ގިނަ ސްލޮޓް ހުޅުލާފާއިވަނީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ބައިންނެވެ. ޓީއެފްޖީން އަންނަނީ ފަލަކް ސްޕޯޓްސްއާ ގުޅިގެން އައްޑޫ ސިޓީގައި މެނުއަލީ ދުވުންތެރިންނަށް ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ. ފަލަކް ސްޕޯޓްސް އަކީ ރަން އިން އައްޑޫގެ ޕާޓްނަރު ސޮނީ ސްޕޯޓްސްގެ އައްޑު ސިޓީގެ އޮތޯރައިޒް ރީޓެއިލާ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ބައިވެރިންގެ ދެބައިކުޅަ އެއްބަޔަކީ އައްޑޫ ސިޓީ ނުވަތަ ދެކުނު ރަށްރަށަށް ނިސްބަތްވާ ދުވުންތެރިން ކަމަށް ހެދުން. އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި އަންނަނީ،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ.

ޓީއެފްޖީ އަންނަނީ ދުވުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 5 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުގެ ސިޓީ ހޯލުގައި ބާއްވަން ތައްޔާރުވަމުންނެވެ. އެގޮތުން ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު ދުވާ ދުވުންތެރިންނަށް ރޭހަށް ތައްޔާރުވާނެ ގޮތާއި ދުވުމާ ގުޅޭ އެހެނިހެން މައުލޫމާތު މި ސެޝަނުގައި ފޯރުކޮށްދޭނެ އެވެ.

ރޭހުގެ އެކްސްޕޯ އޮންނާނީ ރޭހުގެ އެއް ދުވަސް ކުރިން ސެޕްޓެމްބަރު 15 ވަނަ ދުވަހު ސިޓީ ހޯލުގައި ހެނދުނު 9 އިން ރޭގަނޑު 9 އަށެވެ. މި އެކްސްޕޯގައި ރޭސް ކިޓް ދޫކުރުން އޮންނާނެ އެވެ.

މި ރޭހުގެ އިޖްތިމާއީ ޝިޔާރަކީ "ބްރޭކް ޔޯ ސްޕީޑް" އެވެ. މިއީ އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރޭހާ އެކު ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ޓީއެފްޖީއާ އެކު މި ފަހަރު ވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވީ ކޮކާކޯލާ އެވެ. އެހެން ހަ ކުންފުންޏަކުން ވެސް ވަނީ ޓީއެފްޖީއާ އެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހެވެ.

މި ދުވުމަކީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ" ރޭސް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

އައްޑު ސިޓީގެ ގުޅިފައިވާ ފަސް ރަށުގައި ރޭސް ބާއްވާއިރު މި ރޭސް، ޓީއެފްޖީން ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ ރޫޓާ މުޅިން ތަފާތު ވާނެ އެވެ. ރޭހުގައި ހިމެނޭ ފަސްކިލޯމީޓަރާއި 10 ކިލޯމީޓަރާއި ހާފް މެރެތަން އަދި ފުލް މެރެތަން އިވެންޓްތައް ހިތަދޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ނިންމި ނަމަވެސް ހަތަރު ރޭސް ވެސް ފަށާނީ ތަފާތު ހަތަރު ދިމާލަކުންނެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.