30 އޯގަސްޓް 2017 - 11:52

މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމެޕްނީ (އެމްޑަބްލިއުއެސްސީ) އަށް 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) ދައްކަން ގުޅީފަޅު ތަރައްގީ ކުރި ކުންފުނި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) ގެ މައްޗަށް ސިވިލް ކޯޓުން ހުުކުމްކޮށްފި އެވެ.
ޖީޕީޑީގެ މައްޗަށް އެ ހުކުމް އައީ ގުޅީފަޅުން 6.25 ހެކްޓަރުގެ ބިން ހިއްކައި، ތޮށިލުމަށް އެމްޑަބްލިއުއެސްސީ އާއި ޖީޕީޑީއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެމްޑަބްލިއުއެސްސީން ދައުވާ ކުރުމުންނެވެ.
ހުކުމުގައި ވަނީ ލިކުއިޑޭޓަސް ޑެމޭޖަސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އުނި ކުރުމަށް ފަހު 2.4 މިލިއަން ޑޮލަރު އެމްޑަބްލިއުއެސްސީ އަށް ޖީޕީޑީން ދައްކަންޖެހޭ ކަމަށެވެ. އެ ފައިސާ ހަ މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
ޖީޕީޑީ އަކީ އެމްޑީޕީގެ ވެރިކަމުގައި ގުޅީފަޅު ތަރައްގީކުރަން ސަރުކާރުން ހަވާލުކުރި ބޭރުގެ ކުންފުންޏެކެވެ. އެކަމަކު މިދިޔަ އަހަރު ކުރީކޮޅު ސަރުކާރުން ވަނީ އެތަނުގެ އެއްބަސްވުން އުވާލައި، އެރަށް ސަރުކާރަށް ނަގައިފަ އެވެ.