ގިގްސްގެ އަގު 2 ބިލިއަން ޕައުންޑަށް އަރާނެ: ރޯއީ ކީން
ގިގްސްގެ އަގު 2 ބިލިއަން ޕައުންޑަށް އަރާނެ: ރޯއީ ކީން

ލަންޑަން (އޮގަސްޓް 30) - މިހާރުގެ ޓްރާންސްފާ މާކެޓްގެ އަގުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ވިންގާ ރިޔާން ގިގްސްގެ އަގު 2 ބިލިއަން ޕައުންޑަށް އަރާނެ ކަމަށް ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ބުނެފި އެވެ.

ފާއިތުވި 10 އަހަރާ އަޅާބަލާއިރު ކުޅުންތެރިންގެ އަގު ބޮޑުވަމުން އަންނަ މިންވަރު ގޯސްކަމަށް ބުނެ ކީން ވަނީ ވަރަށް ބޮޑަށް ކްލަބްތަކަށް ފާޑުކިޔައިފަ އެވެ. އަދި މުސްތަގުބަލުގައި މިި އަގުތައް އިތުރަށް އުފުލިގެންދާ ކަމަށާއި މިއީ ކުޅުންތެރިން ކުރިއެރުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަަށް ވެސް ކީން ވަނީ ބުނެފަ އެވެ.

"ރޫޑް (ވޭން ނިސްޓަލްރޫއީ)ގެ އަގު ހުންނާނީ ބިލިއަނެއްގައި. ބެކަމް އަށް ވެސް އެ އަގު. ގިގްސްގެ އަގު އުޅޭނީ އެކެއް ނުވަތަ ދެ ބިލިއަނުގައި. ދެން ރޯކީ ކީން ކީއްވެ 3.75 ބިލިއަނަށް ނުވާންވީ؟" މިހާރުގެ އަގު އުފުލިފައިވާ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންގެ އަގު އުފުލޭނެ މިންވަރާ ގުޅޭގޮތުން ކީން ބުންޏެވެ.

އޭނާ ބުނީ އެވްރެޖް ކުޅުންތެރިއެއްގެ އަގު 35 މިލިއަން ޕައުންޑަށް އުފުލިގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެވްރެޖް ކުޅުންތެރިއެއްގެ އަގު މިހާރު މި އުޅެނީ 35 މިލިއަން ޕައުންޑުގައި. މިއީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ފަށައިގަންނައިރު ޕްރެޝަރާ އެހެން ކަންތައްތަކަށް ބަލާއިރު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް. މިއީ ގަބޫލު ވެސް ކުރެވޭނެ ކަމެއް ނޫން،" ކީން ބުންޏެވެ.

އޭނާ ބުނީ މިހާރު ކުޅުންތެރިިންގެ ވިސްނުން ހުންނަނީ ކާމިޔާބީ ހޯދުމަށް ވުރެން މުއްސަނދި ވުމާއި މަޝްހޫރުކަން ހޯދުން ކަމަށެވެ.

"ފުޓްބޯޅަ ވަނީ ވިޔަފާރި އަކަށް ވެފައި. ކުޅުންތެރިން ދުވަނީ ކާމިޔާބީގެ ފަހަތުންނެއް ނޫން. މުއްސަނދި ކަމާއި މަޝްހޫރުކަން ހޯދަން،" ކީން ބުންޏެވެ.