ވަރުގަދަ މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް
ވަރުގަދަ މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވަރުގަދަ މާޒިޔާ ސްޕޯޓްސް އަތުން 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބްގެ ލީގު ދެ ވަނަ އަށް ޖެހިލައިފި އެވެ.

ވަރުގަދަ މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް
ވަރުގަދަ މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް

މިރޭގެ މޮޅާ އެކު ޓީސީ ދެ ވަަނަ އަށް އެރީ ހަ މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ މި ސީޒަނު ލީގުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ލީގުގެ ތިން ވަނައިގައި އޮތް އީގަލްސް މާދަމާރޭ ނިއު ރޭޑިއަންޓް އަތުން މޮޅުވެއްޖެނަމަ މާޒިޔާގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ. އީގަލްސް މި ވަގުތު ތިން ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. މި ފަހަރު ލީގުގައި ބަލިނުވެ އޮތް ހަމަ އެކަނި ޓީމަކީ އީގަލްސް އެވެ.

މިރޭގެ މެޗުގައި ޓީސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާ އަލީ ފާސިރު (ސެންޓޭ) އެވެ. މިރޭގެ ދެ ލަނޑާ އެކު ސެންޓޭ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 11 ލަނޑު ޖަހައިގެންނެެވެ. ޓީސީގެ އަނެއް ލަނޑު ޖެހީ އަލީ ނާފިއު އެވެ. މާޒިޔާގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު އުމެއިރު އާއި އަމްދާން އަލީ (އެންޑީ) އެވެ.

ފުރަތަމަ ހާފް ފެށިގެން މާޒިޔާ އިން ވަނީ ރަނގަޅަށް ކުޅެފަ އެވެ. އެ ޓީމުން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި މުހައްމަދު އުމެއިރުގެ ލަނޑުން ލީޑު ނަގައިފަ އެވެ. ހުސެއިން ނިޔާޒު (ބޮކުރީ) ދިން ބޯޅަ އެއް ޓީސީ އޭރިއާ ތެރެއިން ހޯދުމަށް ފަހު އުމެއިރު ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒު ކޮށްލައިފަ އެވެ.

ޓީސީން އެންމެ ފުރަތަމަ ހަމަލާއެއް އުފެއްދީ މެޗުގެ 20 ވަނަ މިނިޓްގަ އެވެ. ޔާމިން އިބްރާހިމް ދިން ބޯޅައެއް މާޒިޔާ އޭރިއާ ތެރެއިން ހޯދުމަށް ފަހު އަލީ ނާފިއު ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

މާޒިޔާ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ އެ ޓީމުގެ ފަހަތަށް ކުޅޭ ބަލްގޭރިއާ ޑިފެންޑަރު ޒިވްކޯ ޓޮޑޮރޯވް އަށް އަނިޔާވެގެން މެޗުގެ 21 ވަނަ މިނިޓްގައި ބާލަން ޖެހުމުންނެވެ. ޒިވްކޯގެ ބަދަލުގައި މާޒިޔާ އިން ކުޅެން އެރުވީ ޒުވާން ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އެވެ.

ޓީސީން އެއްވަރުކުރީ މެޗުގެ 22 ވަނަ މިނިޓްގަ އެވެ. ޔާމިން ދިން ބޯޅައެއް ހޯދުމަށް ފަހު އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ހާފް ނިމުމުގެ ކުރިން ލީޑު ނަަގަން މާޒިޔާ އަށް ދެ ފުރުސަތެއް ލިބުނެވެ. ޓީސީ އޭރިއާ ތެރެއިން ބޮކުރީ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަދި ލިބުނު ކޯނަރަކުން އިސްމާއިލް އީސާ ދިން ބޯޅަ ހޯދައި އޭރިއާ ރޮނގު ކައިރީގައި ހުރެ އުމެއިރު ފޮނުވާލި ހަމަލާ ޓީސީ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި ސެންޓޭ ވަނީ ޓީސީ އަށް ލިޑު ނަގައިދީފަ އެވެ. އޭރިއާ ބޭރު އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ މިނިޓެއް ފަހުން ޓީސީ އޭރިއާ ތެރެއިން މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.

މާޒިޔާގެ ފަހަތުން ހަސަން ޝިފާޒް (ޑުންގާ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނާފިއު ޓީސީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 61 ވަަނަ މިނިޓްގަ އެވެ. އޭގެ އަށް މިނިޓް ފަހުން އެންޑީ ވަނީ ލަނޑެއް ޖަހައި މާޒިޔާ އަށް މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ. އެންޑީ މި ލަނޑު ޖެހީ އުމެއިރު ނެގި ހިލޭ ޖެހުމަކުން ބޮލުންނެވެ.

މާޒިޔާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމަށް އެންޑީ އާއި އުމެއިރު އަދި އީސަ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެންޑީ އާއި އުމެއިރު ބޮލުން ފޮނުވާލި ހަމަލާތައް އަރިމަތިން ބޭރަށް ދިޔައިރު، އީސަ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ލީގުގައި މާދަމާރޭ ކުޅޭނީ ނިއު އާއި އީގަލްސް އެވެ. މެޗު ފަށާނީ 22:00 ގަ އެވެ.