29 އޯގަސްޓް 2017 - 23:51

ޓެކްސަސް (އޮގަސްޓް 29) - ބާރުގަދަ ތޫފާނެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބުނު އެމެރިކާގެ ޓެކްސަސް ރައީސް ޑޮނަލްޑްޓްރަމް ވަޑައިގެންފި އެވެ.
ތޫފާން ހަވޭ އެރިތާ ހަތަރު ދުވަސްވީ އިރު ވެސް އެ ސްޓޭޓުގެ ބައެއް ސިޓީތަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ކައުންޓީތަކުގައި ވަނީ ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފަ އެވެ. ޓްރަމްޕް ވަޑައިގެންނެވީ ތޫފާނުގައި ހާލުގައި ޖެހުނު މީހުންނާ އެކު އެމެރިކާ ސަރުކާރު އޮތްކަން ހާމަކޮށް ދިނުމުގެ ގޮތުންނެވެ.
ޓްރަމްޕް ވަނީ ޓެކްސަސް އަށް މައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާ އަކީ އެއް އާއިލާއެއް ކަމަށް ވިދާޅުވި އެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި ޓެކްސަސްގެ ހަތަރު މިލިއަން މީހުންނަށް އެހީ ބޭނުންވާނެ އެވެ.
ޓްރަމްޕް ފުރަތަމަ ވަޑައިގެންނެވީ ޓެކްސަސްގެ ކޯޕަސް ކްރިސްޓީ ސިޓީއަށެވެ. ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ސްޓޭޓުގެ ވެރިރަށް އޮސްޓިން އަށެވެ. ޓްރަމްޕް އަރިހުގައި ސެނޭޓާ ޓެޑް ކްރޫޒް އާއި ޖޯން ކޯނީން ވެސް ދަތުރު ކުރައްވަ އެވެ. އޮސްޓިންގައި ޓެކްސަސް ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ވަޑައިގަންނަވާނެ އެވެ. އަދި ގަވަރުނަރު ގްރެގް އެބޮޓާއި ސްޓޭޓުގެ ލީޑަޝިޕާ ބައްދަލު ކުރައްވާނެ އެވެ.
ތޫފާނުގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ހިއުސްޓަން ސިޓީ އާއި ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވަޑައިގަތުމަށް ހަމަޖެހިފައެއް ނުވެ އެވެ.