30 އޯގަސްޓް 2017 - 06:08

އާދިއްތަ ދުވަހާ ގުޅޭ
"މަންމަ މިހިރީ ބިރުން ކުރާނަކެމެއް ނޭނގިފަ." ކުޑަކޮށް ހިނިއައިސްފައި ނާޒިމާއަށް ބުނެވުނެވެ.
ނާޒިމާއަށް ކުރެވިފައިވާ މަސްހުނި އިހުސާސެކެވެ. ބިރުގަތްކަމަކީ، އެހާ ގާތުގައި އިނދެގެން ޖިންނިއަކާ ވާހަކަދެއްކުނީތީއެވެ. އުފާވީ އެ ޖިންނީގެ ފަރާތުން ފެނުނު އޯގާތެރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުންނެވެ. ބާރާއި ހަލުވިކަމުގެ ގޮތުން އިންސާނުންނަށް ވުރެ އެތައް ގުނައެއް މަތި މަޚްލޫޤެއް ނާޒިމާއަށް އެހާ އިޙުތިރާމު ކުރީތީއެވެ. އިންސާނުންނަށް ވުރެ ކުރިން އުފެއްދެވީ ޖިންނިއެވެ. ދުނިޔޭގައި ވެސް އިންސާނުންނަށް ވުރެ ކުރިން އުޅުނީ ޖިންނިއެވެ. ޖިންނީން ވަނީ ޖިންނީންގެ މެދުގައި ފިތުނަ އުފައްދައި، ނުޙައްޤުން "ލޭ" އޮހޮރުވައި، ބޮޑެތިބޮޑެތި އަހުލީ ހަނގުރާމަތައް މި ބިންމަތީގައި ކޮށްފައެވެ. ފަހުން އެ ކަން ހުއްޓުވީއެވެ. މަޖުބޫރުކަމެއް ނެތި، އާދައިގެ އިންސާނަކަށް ޖިންނިއަކު އިޙުތިރާމުކުރިކަމެއް ނާޒިމާއަކަށް އެނގިފައެއް ނެތެވެ.
"މަންމަ ބިރުގަތްކަމެއް ނޭނގެ،" ހައުލާ ސަމާސާ ރާގެއްގައި ބުންޏެވެ. "މަންމަ އިރުކޮޅަކުން އޭނަޔާ ވާހަކަދައްކަން ފަށައިފި. އަހަރެން ހިތަށްއެރީ މަންމަ ހާދަ ވަރަކަށޭ މި ވާހަކަދައްކަނީ. މަންމަ ދައްކާ ވާހަކަ އަހަންނަށް އަޑުއިވޭ. އެކަމަކު އަހަރެންގެ ފުލް ކޮންޓްރޯލެއް އަހަންނަކަށް ނުލިބޭ."
ކަންކަން އާންމުވާން ފެށުމުން އެ ފަދަ ކަންކަމަށް އާދަވެއެވެ. ނާޒިމާއަށް ވެސް ވީ އެހެންނެވެ. ނާޒިމާގެ ސަބަބުން ޖިންނިއަކު އިސްލާމްވީތީ ލިބުނު އުފާވެރިކަން ވެސް ވަކި ކުޑައެއް ނޫނެވެ.
"ދަރިފުޅާ ބުނެބަލަ!" ނާޒިމާ ވަރަށް ގަޔާވެލައިފައި ބުންޏެވެ. "އޭނަ ހުރީ ކޮން ސިފަޔަކަށްތަ؟"
"އިސްލާމް ނުވެ ހުއްޓަކަސް އޭނަ އައިއިރު ވެސް އޭނައަކީ ހަމަ ވަރަށް ރީތި މީހެއް،" ހައުލާ ވަރަށް ގަޔާވެފައި ކިޔައިދިނެވެ. "މީހެކޭ މި ބުނީ ޖިންނިއެއް. ޓީންއޭޖުހެން މޫނުމަތިން ހީވަނީ. ފިޔަ ވެސް ހުރި. ފަލައެއް ނޫން. އެކަމަކު އައިއިރު ހުރީ ކަޅުކޮށް. ވަރަށް ދިގު އިސްތަށިގަނޑެއް ވެސް ހުރި. ދެން މަންމައަށް އެނގޭތަ އޭނަ އިސްލާމްވި ވަގުތު އޭނަގެ އިސްތަށިގަނޑަށް އެރި ކުލަޔާ އޭނަ ބަދަލުވި ގޮތް؟ އެއީ އެންމެ ސަޅި ތަންކޮޅު. ކުއްލިއަކަށް އޭނަ ބަދަލުވީ ހަމަ އަހަރުމެން ކަހަލަ އިންސާނަކަށް. އެކަމަކު ކަންފަތުގެ މަތި ހުރީ ކުޑަކޮށް އޫކޮށް. އިސްތަށިގަނޑަށް އެރީ އޮރެންޖު ކުލަ. އެއްކަލަ ހުރެއެއްނު އެނިމޭ ކާޓޫނު؟ އޭގަ ތިބެއެއްނު ކަންފަތެއްލާފަ، ބޮޑު ލޮލެއް ލާފަ، ހަމަ އެ ގޮތަށް ހުރީ. އިސްލާން ނުވާއިރު ލޯ ހުރީ ރަތްކުލައިގަ. ފަހުން ހުރީ އޮރެންޖު ކުލައިގަ. އޭނަގެ ހަންގަނޑަށް ވެސް ފަހުން ވަރަށް ރީތި ކުލައެއް އެރި. އިންސާނެއްހެން ހުރީ އެކަމަކު ކުދިކުދި ތަފާތު ހުރި. ހަށިގަނޑު ވެސް ވަރަށް ރީތިކޮށް ހުރީ. ދީން ގަބޫލުނުކުރާ ޖިންނީން ތިބެނީ ކިލަނބު ކުލައިގަ. ދެން ބުނަންތަ؟ އިސްލާމްވެފަ އޭނަ އިސްޖެހި ގޮތަކަށް ދެނެއް އިހެއް ނުނަގާ. އެތެރޭގަ އިނދެގެން އަހަންނާ ވަރަށް ގިނަ ވާހަކަދެއްކި. ބުނި އޭނަ މިހާރު ލަދުގަނެޔޭ މޫނަށް ބަލަން. އަދި ވަރަށް ލަދުގަނެއްޖޭ މި ގޮތަށް ގޮތްކުޑަކޮށް އައިސް އަންހެންކުއްޖެއްގެ ހަށިގަނޑަށް ވަދެގަނެވުނީތީ. ވަރަށް ބޮޑަށް މާފުކުރައްޗޯ މި ހަށިގަނޑު މި ގޮތަށް ބޭނުންކުރެވުނީތީ. އެހެން ކިޔާފަ ދިޔައީ."
ކުރެވުނު އާ ތަޖުރިބާއާ މެދު ހައިރާންވެފައި ތިން މައިން ތިއްބެވެ. ޙަޤީޤަތުގައި ޖިންނީންގެ ސިފައެއް ނުހުންނާނެއެވެ. ނާޒިމާއަށް އެ ކަން އެނގިއްޖެއެވެ. ރީތި ޖިންނިއާއި ހުތުރު ޖިންނިން ސިފަ އިޚުތިޔާރުކުރަނީ، އެ މުޖުތަމައެއްގައި ގެންގުޅޭ ކުރެހުންތަކާއި ފިލްމުތަކުގެ މައްޗަށް ބަލައިގެންނެވެ. އިންސާނާގެ ސިކުނޑި ރައްކާކުރާ ތަސްވީރުތަކުގެ ނަމޫނާ ވަގަށްނަގައިގެންނެވެ. ކާޓޫނު ފިލްމާއި ހުވަފެނީ ފިލްމުތަކުގައި ފެންނަ ރީތި ކުލަކުލައިގެ ލޯތަކާއި، ފިޔަގަނޑާއި، އިސްތަށިގަނޑު ލާފަ ތިބޭ މީހުންގެ ސިފައަށް ޖިންނީން ބަދަލުވެއެވެ. ލޯތްބާއި އިޙުތިރާމު ހޯދުމަށްޓަކައެވެ. ބޮޑެތި ހުދު ހެދުންތައް ލައި، ބޮލުގަ ފަގުޑިއޮޅައި، ރީތި ކަނޑިތައް ހިފައިގެން، ހުދުކުލައިގެ އަސްތަކުގައި ޖިންނީން އަންނަތަން ފެންނަނީ އެ ގޮތް އިންސާނުންނަށް ރީތިވާތީއެވެ. އިންސާނާ ބިރުގަންނަވަން ބޭނުންވުމުން އެންމެ ހުތުރު ސިފަ އިޚުތިޔާރުކުރުން ވެސް އޮންނަނީ އެ އުސޫލުގެ މައްޗަށެވެ.
"އަދި ރުޤްޔާކުރަން ފެށީމަ އެހެރަ ފެންނަ ކަންތައްތައް. މަންމަމެން ތި ބަލަނީނު ފިލްމު،" ހައުލާ އިތުރަށް ބުންޏެވެ. "އޭގަ ޖިންނިން ދައްކާއިރު އަސްލާ ގާތް ވެސް ނުކުރޭ. އެ އަށް ވުރެ މާ އެހެން ކަހަލަ ގޮތަކަށް ޖިންނީން ތިބެނީ. އެ މީހުން ހަނގުރާމަ ކުރާތަން މަންމައަށް ފެންނަ ނަމަ އެނގޭނީ މި ބުނާ އެއްޗެއް. ހުދުކޮށް، ރީތި އަލިގަނޑެއްހެން ތިބޭ މީހުންނާ އޭގެ މީހުން ހަނގުރާމަ ކުރާތަން ފެނޭ. ބޮޑެތިސިންގާ މައިދާންތަކުގަ، ބޮލުގަ ފަގުޑިއޮޅައިލައިފަ ހުދު އަސްތަކުގަ އައިސް، ދެ ފިޔަ ވެސް ބައެއް ފަހަރު ހުންނަނީ އެއްކޮށް ހުޅުވާލައިފަ. ކިޔައެއްނު ޖިންނިން ދަތުރުކުރަނީ އައްޔާ އެއްވަރަށޭ. ހަމަ އެހެން ވެސް ފެންނާނެ. ހީވާނީ އަލިގުޅަތަކެއް އުޅޭހެން. ވަރަށް ވަރަށް ހަލުވިވާނެ. ބައިވަރު ހަނގުރާމަ އަހަންނަށް ފެނުނު. ބިއްލޫރީގެ ގަނޑުވަރުތަކާ، ފާލަންތަކާ ހީވާނީ ފެންޓަސީ ވޯލްޑެއްހެން. އެ މީހުންގެ އަންހެނުން ވެސް ވަރަށް ރީތި. އަހަންނަކީ އަންހެނަކަށް ވީތީ އިސްލާން އަންހެނުން ފެނުނީ. އިސްލާންވީމަ އަންހެނުން ތިބޭ ތަންތަނަށް ފިރިހެނުންނެއް ނާދޭ. ފިރިހެނުން ތެރޭގަ ވެސް ތިބޭ ވަރަށް ވަރުގަދަކޮށް ތިބޭ މީހުންނާ، ހިކި މީހުންނާ، ފަލަ މީހުން. މީހުންނޭ މި ބުނީ ޖިންނީންގެ ވާހަކަ. ތޫނު، ކަޅު ދަތްތަކެއް ހުރެދާނެ. ރީތި، ހުދު ދަތްތަކެއް ހުރެދާނެ. އަނގައިން ދަވަ ފައިބާ އެއްޗެހި ވެސް އުޅޭ. ރީތި އެއްޗެހިންގެ ގައިން މީރުވަސް ދުވާ ގޮތަށް ހުތުރު އެއްޗެހީގެ ކައިން ދުވާނީ ހަމަ ކުނި ބިސް ވަސް. ޔަކް!"
ރަނގަޅު މޫޑެއްގައި ހުންނައިރު އެ ފަދަ ވަރަށް ގިނަ ވާހަކަ ހައުލާ ހިއްސާކުރެއެވެ. ރާޝިދު އަންނަންދެން އެ ރޭ އޮތީ އެ ވާހަކަތައް ދެއްކުމެވެ.
"އިސްލާން ނޫން ޖިންނީންގެ ރަސްކަލަކު ވެސް އަހަރެން ދުށިން،" ހައުލާ ކިޔައިދިނެވެ. "އޭނަ ހުންނަނީ ބައިވަރު ގަހަނާތައް އަޅާފަ، އިނގިލީގެ ނިޔަފަތިތައް ހުންނަނީ ވަކިތަކެއްހެން އެކަމަކު އިނގިލީގަ ވެސް އަނގޮއްޓި އަޅާފަ ހުންނަނީ. ހަނގުރާމައިގަ ވެސް ރަސްކަލުން ބައިވެރިވެ، ވަރަށް މޮޅަށް ހަނގުރާމަ ކުރޭ. ދިދަތައް ހިފައިގެން އަންނަ ލަޝްކަރު ބޮޑުކަމުން އޭގެ ކޮޅު ނުވެސް ފެންނާނެ. އަހުގެ ވެސް ހުންނާނެ އެކި ލެވެލް. އުދުހޭ އަހާ، ވަރަށް ބާރަށް ދުވާ އަހާ. އަސް އެކަންޏެއް ނޫން. އެކި ކަހަލަ އެއްޗެހީގަ އަންނާނީ. އެކި ކަނޑީގެ ފެންވަރު ތަފާތުވާނެ. ރަން ކަނޑިޔާ، އަލިފާނުން ހުންނަ ކަނޑިޔާ، އަލިން ހުންނަ ކަނޑި ވެސް ހުންނާނެ. ކޮންމެ ހަނގުރާމައެއް ވެސް އެންމެ ފަހުން ކާމިޔާބު ކުރާނީ މުސްލިމުން. އެކަމަކު ޝަހީދުވާ ވަރު ވެސް މަދެއް ނުވާނެ. މިރޭ މަގޭ ބޯ ހޭވިފަ ހުރީމަ ދޮންތަ އައިސް ބޯ ރީތިކޮށްލާފަ އެއްސިއެއްނު ދޯ؟ ދޮންތައަށް އަސްލު އެއްސުނީ އޭނަގެ އިސްތަށިގަނޑު. އަންހެންކުއްޖަކު އައިސް އޭނަގެ އިސްތަށިގަނޑު އައްސައިދޭތީ އޭނަ އޭރު ލަދުން ހަލާކުވަނީ. އެކަމަކު މަންމަ އަތްލީމަ އޭނަ އެ ކަން ބަލައިގަންނަނީ ހަމަ ދަރިފުޅެއް ގޮތަށް. ލަދަކުން ވެސް ނޫޅޭ. އޭނައަށް ވެސް އެނގޭ އެއީ މަންމައެއްގެ ލޯބިކަން. އެކަމަކު ދޮންތަ އަތްލީމަ ލަދުން ގޮސް އޭނައަކަށް ނޭނގޭ އުޅެވޭނޫޅެވޭ ގޮތެއް ވެސް. އިސްލާމްވެފަ ވިއްޔަ އޭރު އޭނަ އިނީ. ހަމަ އިސްލާމްވި ގޮތަށް އޭނަ އިސްދަށަށް ޖަހައިފި."
"މަންމަ އަދި ވަރަށް ހަމަޖެހިލާފައޭ ވާހަކަދައްކާލަނީ،" ހިނިއައިސްފައި މޫނިސާ ބުންޏެވެ. "އޭގެ ކުރިން މަންމަ އިނީ ބިރުން. މަންމައަށް ވާހަކަދައްކާލަން ޗާންސު ލިބިގެން އެއްފަހަރު ވެސް ވާހަކަދައްކާލެވުނީމަ ދެން މަންމަ ހަމަ ވާހަކަދައްކަނީ ވާހަކަދައްކަނީ. ހާދަ ވާހަކައެއް ދައްކައިލިޔޭ."
އެކިއެކި ސަބަބު ދިމާވެގެން ރުޤްޔާކުރުމުގެ ދޭތެރެ މެދުކެނޑުނު ނަމަވެސް، ދެ އަހަރެއްހާ ދުވަހު އެ ކަމެއްގައި ނާޒިމާ އުޅެންޖެހުނެވެ. ތަފާތު އެކި ކަހަލަ އުނދަގޫ ހައުލާއަށް ވިއެވެ. ބައެއް ފަހަރު ބޮލުގައި ރިއްސުމެވެ. އެއްޗެއް ނުކެވުމެވެ. ކެޔަސް ދިރުވަން އުދަނގޫވުމެވެ. ކުއްލިއަކަށް ކަކުލުގައި ރިއްސަން ފަށައެވެ.
މައިގަނޑު ގޮތެއްގައި އެނގުނު އެއްޗަކީ، ސިހުރުހެދުމުގެ ގޮތުން ވަރަށް ކުރިއްސުރެ ޒިދުނާ މަސައްކަތްތަކެއް ކުރި ކަމެވެ. އޭރު ހެދީ އޭރު އެނގިފައި ހުރި ވަރަށެވެ. އިތުރަށް އެނގުނު ވަރަކަށް ނުވަތަ ސިހުރުގެ ބާރު އިތުރަށް ލިބުނު ވަރަކަށް ބާރު ގަދަކުރީއެވެ. ފައިވާންކިބަ ފޮރުވުމާއި، ހައުލާ ކުޑައިރު ގެނެސްގެން ގަންބައިގެން މަރަށް އުޅުނު ވާހަކައާއި، ސިހުރު ހަދައިފައިވާ ރިހާކުރު ކާންދިން ވާހަކަޔާއި، ބޮލަށް ސިހުރުގެ ކަށި ހެރުމާއި، އިސްތަށި ގޮށްޖެހުމާއި، އިސްތަށި އުފުރިކަން ވެސް އެނގުނެވެ. މޫނިސާ ދެކެ ޒިދުނާ ރުޅިއަންނަނީ ފަސޭހައިން އަތުނުޖެހޭތީއެވެ. ހައުލާއަށް ކޮށްލި ވަރު މޫނިސާއަށް ނުކުރެވުނީ އެހެންވެއެވެ. އެކަމަކު މޫނިސާގެ ގައިން ވެސް ތަނެއް ކަނޑައިގެން ހިނގައްޖެއްޔާ އެ ތަނެއް ފަސޭހަ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ކިތަންމެ ފަރުވާއެއް ކުރިޔަސް އެ ތަން ނުބައިވެ، އެތައް ދުވަހަކު އެ ކަމެއްގައި އުޅެންޖެހެއެވެ.
ރާޝިދުގެ އެހީތެރިކަމާއެކު ހައުލާއަށް ހަމަޖެހިލައިގެން އުޅެވޭވަރު ވިއެވެ. އެކަމަކު، އޯލެވެލް އިމްތިހާނެއް ނުހެދުނެވެ. ޓެސްޓުހަދަން ހަމަ އިށީންނައިރަށް ކޮންމެވެސް ކަމެއް ދިމާވެއެވެ. ލޯ ފުސްވެއެވެ. ނޫނީ ހަނދާންނެތެއެވެ. އެ ދެ ކަންތައް ރަނގަޅަށް ހުރިއްޔާ އިނގިލިތަކުގައި ވަރެއް ނުހުރެއެވެ. ގަލަމެއް ނުހިފޭއްޓެއެވެ. އެހެންވަނީ ހައުލާއަށް ސިހުރުހަދާ މީހާ މެދުނުކެނޑި އެ ކަން ކުރާތީއެވެ. ނާޒިމާގެ ކެތްތެރިކަން ކޮޅުންލިއެވެ. ޒިދުނާގެ ކިބައިން ބަދަލުނުހިފަން ވެފައިވާ ވަޢުދު ނާޒިމާ ހަނދާން ހުއްޓެވެ. އެހެންނަމަވެސް ހިތަށްއެރިއެވެ. ސިހުރުގެ ހުރި ނުބައިކަން ޒިދުނާއަށް ވުރެ ރަނގަޅަށް އެނގޭނެ އެހެން މީހަކު ނުހުންނާނެއެވެ. އެ ވަގުތަކީ، ނާޒިމާގެ ބޮލަށް އިބިލީސް ސަވާރުވި ވަގުތެކެވެ. ނާޒިމާގެ ހިތް ބުނި ކަހަލައެވެ. ޒިދުނާގެ ކުށްހީ ފިލުވައިލާށެވެ. ނާޒިމާގެ ކެރޭކަން އަންގައިލާށެވެ. ޒިދުނާ މައިތިރި ކުރެވޭނީ އޭރުންނެވެ.
ނުނިމޭ