30 އޯގަސްޓް 2017 - 07:44

ޒުވާން ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ތަމްރީން ދިނުމަށާއި ކުރިއެރުވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ތަމްރީންތަކަށް އެހީތެރިވުމުގެ އިތުރުން އެމްބީއޭ އިން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށްވެސް ބީއެމްއެލް އިން އެހީތެރިވެދޭނެ އެވެ. މި ޕްރޮގްރާމްގެ ތެރެއިން 1000 ކުޅުންތެރިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނޭޕާލްގައި އޮންނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ވާދަކުރާ 16 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ގައުމީ ޓީމަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ ގިފްޓް ކާޑެއް ބީއެމްއެލުން ވަނީ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކޮށްފަ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އޭގެ ތެރެއިން ކުޅިވަރު ކުޅޭ ޒުވާން އަންހެން އަދި ފިރިހެން ކުދިންގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްބީއޭގެ ފަރާތުން އެ އެސޯސިއޭޝަނުގެ ރައީސް ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ބައިވެރިވެވަޑައިގެންނެވި އެވެ. ފާއިތުވި ދެ އަހަރު ރާއްޖޭގައި ބާސްކެޓްބޯޅަ ހަރަކާތްތައް މަދުވެފައިވީ ނަމަވެސް މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވި ފަހުން ބާސްކެޓްބޯޅަ ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
އެމްބީއޭއާ އެކު ބީއެމްއެލުން ގުޅުން ބަދަހިކުރިއިރު، ބީއެމްއެލް އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޮންސަރެވެ. "އަހަރެންގެ ބޭންކް" ޝިއާރުގެ ދަށުން މިއަހަރު މިހާތަނަށް ބީއެމްއެލްއިން ރާއްޖޭގެ އެކި މުޖުތަމައުތަކުން 30 ޖަމިއްޔާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.