29 އޯގަސްޓް 2017 - 18:17

ނިއު ދިއްލީ (އޮގަސްޓް 29) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ޗައިނާ އަށް ވަޑައިގަންނަވާނެކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
މޯދީ ޗައިނާ އަށް ވަޑައިގަންނަވަނީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ ހިމެނޭ ބްރިކްސް ސަމިޓުގައި ބައިވެރިވަޑައިގަތުމަށެވެ. މި ސަމިޓް އޮންނާނީ ޗައިނާގެ އައްސޭރީގެ ރަށެއް ކަމަށްވާ ޒިއަމެންގައި އަންނަ މަހު 3-5 އަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ބްރިކްސްގެ ނުވަ ވަނަ ސަމިޓުގައި ބައިވެރިވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މޯދީ އަށް ދައުވަތު ދެއްވާފައި ކަމަށެވެ.
މޯދީ ޗައިނާ އަށް ވަޑައިގަންނަވާކަން އިއުލާންކޮށްފައި މި ވަނީ ދެ ގައުމުގެ ބޯޑަރު ހިމެނޭ ސަރަހައްދުގައި ވޭތުވެދިޔަ ދުވަސްތަކުގައި ބޮޑުވެފައިވާ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. ޗައިނާ އިން ބުނީ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖައްސާފައިވާ ކަމަށެވެ. އަދި އެއީ އެ ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ބުނެފައިވެ އެވެ.