ލަންކާގައި ދިވެހިންނަށް ހަދާ ޕާކް ނޮވެމްބަރުގައި ހުޅުވަނީ
ލަންކާގައި ދިވެހިންނަށް ހަދާ ޕާކް ނޮވެމްބަރުގައި ހުޅުވަނީ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން، ސޯސަން ވިލާގައި އަޅާ ޕާކުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

ސޯސަންވިލާގެ ދިވެހި ސަގާފީ ސެންޓަރުގައި ޕާކެއް އެޅުމަށް ސިއެރާ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެ މަސައްކަތް ހިނގާގޮތް ބައްލަވައިލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާކްގެ އަންނަ ނޮވެމްބަރު މަހު ހުޅުވޭނެ ކަމަށެވެ.

ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ހަދާ ޕާކުގައި ދިވެހި ޖޯއްޔާއި އުނދޯލިތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ދެ ފުޓުސަލް ދަނޑު ވެސް ވަނީ މީގެ ކުރިން އަޅައިފަ އެވެ.

ލަންކާގައި ޕާކެއް އަޅާއިރު މާލޭގައި ވެސް އެކި ސަރަހައްދުތަކުގައި ވަނީ އަލަށް ޕާކުތައް ހަދައިފަ އެވެ. އެންމެ ފަހުން ހުޅުވާފައި ވަނީ ސަލްްޓަން ޕާކްގައި، ރަސްރަނި ބަގީޗާގެ ނަމުގައި ހެދި ޕާކެވެ.