29 އޯގަސްޓް 2017 - 17:35

ޔަންގޫން (އޮގަސްޓް 29) - މިއަންމާގައި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގެ ވަރަށް ގިނަ ތަންތަނުގައި އެ ގައުމުގެ ސިފައިން އަލިފާން ޖަހަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ އެއްވެސް ހަތިޔާރެއް އަތުގައި ނެތް މުސްލިމުންނަށް އަމާޒުކޮށް މިއަންމާ ސިފައިން ދަނީ ބަޑި ޖަހަމުން ކަމަށެވެ. މުސްލިމުން އުޅޭ ރަކީން ސްޓޭޓަށް ބައިނަލްއަގުވާމީ މޮނިޓަރުން ވަނުމުގެ ހުއްދަ މިއަންމާ ސަރުކާރަކުން ނުދެ އެވެ. އެހެންވެ އެ ސްޓޭޓުގެ ހާލަތެއް ނޭނގެ އެވެ. ބައެއް ފަރާތްތަކުން ދަނީ އެ ސްޓޭޓަށް ދީފައިވާ ގެއްލުންތައް ސެޓެލައިޓް ފޮޓޯގެ އެހީގައި އާއްމު ކުރަމުންނެވެ.
މިއަންމާ ސަރުކާރުން ބުނީ ހުކުރު ދުވަހުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި ރޮހިންޖާ ހަނގުރާމަވެރިން ދަނީ ސިފައިންނާ ކުރިމަތިލާ، ތަންތަނުގައި ހުޅު ޖަހަމުން ކަމަށް ވެސް ސިފައިން ބުނެ އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ އަލިފާން ޖެހުމުގެ ސަބަބުން ރަކީން ސްޓޭޓުން 100 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އަނދައިފައިވާ ކަމަށެވެ.
ރަކީން ސްޓޭޓުގައި އެންމެ ފަހުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާގެ ތަރުޖަމާން ސްޓެފާން ޑުޖާރިކް ވިދާޅުވި އެވެ. ގުޓަރޭޒް ވަނީ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތްވުމަށްދާ އާއްމުންނަށް ބަންގްލަދޭޝް އިން އެހީވުމަށް އެދިވަޑައިގެންފަ އެވެ. ބަންގްލަދޭޝް އަށް އެތެރެ ނުވެވި އެ ގައުމުގެ ބޯޑަރު ކައިރީ ރޮހިންޖާ ދަރިކޮޅު 6،000 މުސްލިމުން މިހާރު ވެސް އެބަތިބި ކަމަށްވެ އެވެ.
ރަކީން ސްޓޭޓުގައި މިދިޔަ އަހަރު ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން ރޮހިންޖާ ދަރިކޮޅުގެ 87،000 ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފައިވެ އެވެ. މިއަންމާގެ ބޯޑަރު ސަރަހައްދުން ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި މިއަންމާގެ ހަތަރު ލައްކައެއްހާ މީހުން ދިރިއުޅެ އެވެ.