ދެކުނު ފަރާތު ނެރުގެ މަސައްކަތް ނުނިމޭތީ ބޭނުން ނުކުރަން އަނެއްކާ ވެސް އަންގައިފި
ދެކުނު ފަރާތު ނެރުގެ މަސައްކަތް ނުނިމޭތީ ބޭނުން ނުކުރަން އަނެއްކާ ވެސް އަންގައިފި

މާލޭ ދެކުނު ފަރާތު ނެރުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ އެ ނެރާއި ފަޅުގެ ސަރަހައްދު ބޭނުން ނުކުރުމަށް ހައުސިން މިނިސްޓްރީން އަނެއްކާވެސް އަންގައިފި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ކުރަމުން ގެންދާތީ މިިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އާ ނެރެއް ކަނޑައި ބޭނުންކުރަން ފަށައިފަ އެވެ. އެ ނެރުން ވަދެ ނިކުމެ އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންނާއި މުދަލަަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މި ހަފުތާގެ ތެރޭގައި ވެސް މިފަދަ ދެ ހާދިސާއެއް ހިނގައިފަ އެވެ.

ނެރުގެ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދެކުނު ފަރާތު ނެރުގެ މަސައްކަތް އަދި ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ އެ ނެރާއި އެ ސަރަހައްދު ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެތަން އަދި ބޭނުން ނުކުރަން މިދިޔަ އަހަރު ވެސް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"...މި އެންގުމާ ހިލާފަށް އަދިވެސް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދިއުމުގެ ސަބަބުން، ނެރުމަތި ގަދަވާ ހާލަތްތަކުގައި އުޅަނދު ފަހަރާއި، މުދަލާއި، މީހުންނަށް ހިތާމަވެރި ހާދިސާތައް ކުރިމަތިވެފައިވެ އެވެ. މި ހާދިސާތަކުގައި މީހުންނާ އުޅަނދު ފަހަރަށް ލިބިފައިވާ ގެއްލުމަށް މި މިނިސްޓްރީން ހިތާމަކުރާ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ މި ސަބަބުތަކަށްޓަކައި ފަސިންޖަރުންނާ މުދާ އަރުވާ ބޭލުން ފަދަ މަސައްކަތަށް މާލޭ ދެކުނު ފަރާތު ފަޅުގެ ސަރަހައްދު ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

ދެކުނު ފަރާތު ނެރު ބޭނުން ނުކުރަން އެންގިއިރު، ދެކުނު ފަރާތު ފަޅު ބޭނުންކުރެވޭނެ އެހެން ގޮތެއް ނެތް ކަމަށް ދަތުރުވެރިން ބުނެ އެވެ. މީގެ ކުރިން އެ ސަރަހައްދަށް އުޅަނދުފަހަރު ވަދެ ނުކުންނަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ކަނޑާފައިވާ މައި ނެރުންނެވެ.

ޓްރެކް ދަނޑާ ދިމާލުން ކަނޑުތޮށިން ނެރެއް ކެނޑީ އެ ތަނުގައި ލާފައި އޮތް ގެރިގަލުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މާލޭގެ ހުޅަނގު ދެކުނު ބަނދަރުން ފެށިގެން ދެކުނު ފަރާތުގެ ބޮޑު ސަރަހައްދެއް ވެސް ހިމެނޭ ގޮތަށް އިންޑްސްޓަރިއަލް ވިލެޖް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިިމިފަ އެެވެ. އާ ނެރަކީ ސީދާ ދެކުނު ފަރާތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ކެނޑި ނެރެކެވެ.

މާލޭގެ ދެކުނު ފަރާތަކީ މާލޭގެ ފުއްޓަރު ފަރާތެވެ. މާލެ ހިއްކައި، އެ ފަރާތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެރިގަލުގެ ބޮޑު ތޮއްޓެއް ލީ 1987 ގައި މާލެ އަށް ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކަށް ފަހު އެވެ. އަދި މިހާރު ވެސް ކަނޑު ގަދަ ދުވަސްވަރު އެ ފަރާތުގައި ބޮޑެތި ރާޅު އުފެދެ އެވެ. އެކަމަކު އާ ނެރު ކަނޑަން އެ ތޮށިގަނޑު ވަނީ ކުރި އަށް ވުރެ ބޭރަށް ޖައްސާފަ އެވެ.