ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!
ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!

ޓީނާ މުނީމް އަކީ 70 އާއި 80 ގެ އަހަރުތަކުގައި ހިންދީ ސިނަމާއިން ވިދާލި އެންމެ ރީތި އެއް ބަތަލާ އެވެ. ޓީނާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ދޭވް އާނަންދްގެ ހޯދުމެކެވެ. އޭނާ ފިލްމީ ދުނިޔެ އަށް ތައާރަފްވީ 1978 ގައި ނުކުތް ދޭވްގެ "ދޭސް ޕަރްދޭސް" އިންނެވެ. ބުނެވޭ ގޮތުގައި އެ ދުވަސްވަރު ދޭވް ހުރީ ޓީނާ އާ ހެދި މޮޔަވެފަ އެވެ. ނަމަވެސް ޓީނާ އާއި އޭނާގެ އުމުރުގެ ތަފާތު ބޮޑުކަމާއި ދޭވް އަކީ އޭރު ވެސް ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާތީ ޓީނާ އާ ލޯބީގެ ގޮތުން ގުޅޭނެ ފުރުސަތެއް ނުލިބުނެވެ.

ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!
ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!

"ދޭސް ޕަރްދޭޝް" އަށް ފަހު "ކަރްޒް"، "މަން ޕަސަންދް" ފަދަ ރީތި ފިލްމުތައް ޓިނާ ކުޅެފައި ވެއެވެ.
މަޝްހޫރު އެކްޓަރު ސަންޖޭ ދަތު 1981 ގައި ބޮލީވުޑަށް ތައާރަފްވީ ފިލްމުގެ ވެސް ބަތަލާ އަކީ ޓީނާ އެވެ. އެ ފިލްމު ކުޅެ ނިމުނުއިރު ޓީނާ އާއި ސަންޖޭ ދަތު ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ. ސަންޖޭ ދަތު ޑްރަގްސް ބޭނުންކުރާކަން ޓީނާ އަށް އެނގުނީ އެ ދުވަސްވަރު އެވެ. އަދި އެކަމުން އޭނާ ސަލާމަތް ކުރެވޭތޯ ޓީނާ ވަރަށް ގިނަ މަސައްކަތް ކުރި އެވެ. ނަމަވެސް ރަނގަޅު ކުރެވޭ ގޮތް ނުވުމުން އޭނާ ސަންޖޭ ދަތާ ގަސްތުގައި ވަކިވީ އެވެ.

ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!
ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!

ސަންޖޭ ދަތާއި އޭނާގެ ގުޅުމުގެ ސަބަބުން ޓީނާ އަށް "ލަވް ސްޓޯރީ" އާއި "އޭކް ދޫޖޭ ކޭ ލިޔޭ" ފަދަ ބްލޮކްބަސްޓާ ފިލްމުތައް ގެއްލިފައި ވެއެވެ. އެހެންވެ އޭނާއާ ރުޅިވުމަށްފަހު އަލުން ކެރިއަރަށް ފޯކަސް ކުރަން ފެށުމުން ރަނގަޅު ފިލްމުތައް އަނެއްކާ ވެސް ކުޅެން ފެށި އެވެ.

ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!
ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!

ސަންޖޭ ދަތާ ރައްޓެހިވެގެން އުޅުނުއިރު ވެސް ޓީނާ އަކީ ރާޖޭޝް ކަންނާގެ ފޭނެއް ނަމަވެސް އޭނާ އާ ގާތް ގުޅުމެއް ބޭއްވުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ޓީނާ ހިއެއް ނުކުރެ އެވެ. ނަމަވެސް އަލަށް އޭނާ އަށް ލިބުނު ފިލްމުތަކުގެ ތެރޭގައި ރާޖޭޝް ކަންނާ ބަތަލުގެ ބައި ކުޅެފައިވާ "ސޯތަން" އާއި "ފިފްޓީ ފިފްޓީ" ހިމެނުނެވެ. މި ދެ ފިލްމަކީ ވެސް އެ ދުވަސްވަރު ބޮޑު ކާމިޔާބެއް ހޯދި ދެ ފިލްމެވެ. އެއާއެކު ދެ ތަރިން އެކުގައި 11 ފިލްމެއްގައި މަސައްކަތް ކުރި އެވެ. އެހާ ދުވަސްވީއިރު އެކުގައި ފިލްމު ކުޅޭ ކޯސްޓާރުންނަށް ވުރެ ގާތް ގުޅުމެއް ދެ ތަރިންގެ މެދުގައި ވަނީ އުފެދިފަ އެވެ.

ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!
ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!

ރާޖޭޝް ކަންނާ އަކީ އެ ދުވަސްވަރު ހުރި ހަމަ އެކަނި ސުޕަސްޓާރެވެ. އެހެންވެ އޭނާއާ ލޯބީގެ ގުޅުމެއް ބޭއްވުމަކީ އެ ދުވަސްވަރު ވަރަށް ގިނަ އަންހެންކުދިންގެ ހުވަފެނެކެވެ. އަނެއްކޮޅުން ރާޖޭޝް ކަންނާ އަކީ އޭނާ އަށް ވުރެ މާ ހަގު ބަތަލާއިންނަށް ހިތް ކިޔާ އެކްޓަރެކެވެ. ފިލްމީ ބަތަލާ ޑިމްޕަލް ކަޕާޑިއާ އާ ވެސް އޭނާ ކައިވެނި ކުރިއިރު ޑިމްޕަލްގެ އުމުރުން އެންމެ 16 އަހަރެވެ. ރާޖޭޝް ކަންނާގެ އުމުރުން އޭރު ވެސް އުޅެނީ 30 އަށް ވުރެ މަތީގަ އެވެ.

ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!
ޓިނާ މުނިމް: ގިނަ ބަތަލުންތަކެއްގެ ހިތް ހަލާކުކޮށްލި!

މި އަހަރު ޓީނާގެ އުމުރުން 60 އަހަރު ފުރިފައި ވިޔަސް ޓީނާ އާއި ރާޖޭޝް ކަންނާގެ އުމުރުގައި 15 އަހަރުގެ ފަރަގެއް ހުއްޓެވެ. އެހާ ފަސޭހައިން ޓީނާ އަށް އޭނާގެ ހިތް ދެވުނީ އެހެންވެ ކަމަށް ބެލެވެ އެވެ. އެ ދުވަސްވަރަކީ ޑިމްޕަލް އާއި ރާޖޭޝް ކަންނާގެ ކައިވެނީގައި ވަރަށް ބޮޑެތި މައްސަލަތަކެއް ޖެހިގެން އުޅުނު ދުވަސްވަރެކެވެ. އަދި ދެ މީހުން ކައިވެނި ކޮށްގެން ތިއްބަސް ދިރިއުޅުނީ މުޅިން ވަކިންނެވެ.

ޓީނާ ވެގެން ދިޔައީ ރާޖޭޝް ކަންނާގެ ހަމަނުޖެހުން ބޮޑު ކައިވެނީގެ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު އެހީތެރި ކަމަށެވެ. އެ ދުވަސްވަރު ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ރާޖޭޝް ކަންނާ ބުނެފައިވާ ގޮތުގައި އޭނާ ޑިމްޕަލް އާ ކައިވެނި ކުރީ މާޒީ ހަނދާން ނައްތާލުމުގެ ބޭނުމުގަ އެވެ. (ރާޖޭޝް ކަންނާ ފުރަތަމަ ރައްޓެހިވީ މިހާރު ވެސް ވަރަށް ގިނަ ޓީވީ ސިލްސިލާތަކުން ފެންނަ ބަތަލާއެއް ކަމަށްވާ އަންޖޫ މެހެންދުރޫ އާ އެވެ. ނަމަވެސް އަންޖޫ އޭނާ އަށް ބޭވަފާތެރިވެފައި ގޮސް އެހެން މީހަކާ ކައިވެނި ކުރީ އެވެ.) އަދި ޓީނާ އަކީ އޭނާގެ ތަދުވާ ހިތުގައި އުނގުޅާލި ބާމުކޮޅެއް ފަދައިން އޭނާގެ ހަޔާތަށް އައި މީހެކެވެ.

"ސޯތަން" ފަދަ ފިލްމުތައް ކުޅުނުއިރު ރާޖޭޝް-ޓީނާގެ ލޯބީގެ މާތައް ވެސް ދިޔައީ ފޮޅެމުންނެވެ. އިއްތިފާގުން ޓީނާ އާއި ޑިމްޕަލް އަކީ ވެސް ދެ ރަހުމަތްތެރިންނެވެ. އެހެން ނަމަވެސް ޓީނާ އާއި އޭނާގެ ފިރިމީހާ ލޯބީގެ ގުޅުމަކުން ގުޅިގެން އުޅޭ ކަމެއް ޑިމްޕަލް އަކަށް އެންމެ ފުރަތަމައިނުން ނޭނގެ އެވެ. އެކަން ފަޅާ އެރީ މާ ފަހުންނެވެ.

އެ މީހުންގެ ލޯބީގެ ގުޅުން ބޮޑުވެ ރާޖޭޝް ކަންނާގެ ބަންގްލޯގައި އޭނާއާ އެކު ޓީނާ ވަނީ ވަރަށް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކޮށްފަ އެވެ. އެ ދުވަސްވަރަށް ބަލާއިރު މިއީ މީހުން ކޮށްއުޅޭ ކަމަކަށް ނުވާތީ އެކި މީހުންގެ މަލާމާތް ވެސް މި ޖޯޑަށް ރައްދުވި އެވެ.

ރާޖޭޝް ކަންނާގެ ގޭގައި އޭނާއާ އެކު އޭނާ ލާ އަންނައުނު ޝެއާކޮށްގެން ޓީނާ އުޅުނީ ވަރަށް ހިތްހަމަޖެހިގެން އުފަލުގަ އެވެ. ރާޖޭޝް ކަންނާ ދިޔައީ އަގުބޮޑު ގަހަނާތަކާއި ކާރުތައް ޓީނާ އަށް ހަދިޔާ ކުރަމުން އޭނާގެ ހިތް މިލްކު ކުރަމުންނެވެ. އަދި އެ މީހުންގެ ލޯބީގެ ވާހަކަ މީހުންނަށް ސިއްރު ކުރާކަށް ވެސް އެ މީހުން މަސައްކަތެއް ނުކުރެ އެވެ.

އޭރު ނުކުތް ފިލްމީ މަޖައްލާއަކަށް ޓީނާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ އާއި ކާކާ (ރާޖޭޝް ކަންނާ)ގެ ގާތްކަން ބޮޑުވެގެން ދިޔަދިޔައިނުން ގޮސް ދެ މީހުން ދަތް އުނގުޅަނީ ވެސް އެއް ބުރުހުން ކަމަށް ބުނެފައި ވެއެވެ. އަދި ރާޖޭޝް ކަންނާގެ ކުރުތާ އާއި މުންޑު ފަދަ ތަކެތި ލައިގެން ޓީނާ ހުންނަތަން ވެސް ވަރަށް ގިނަ މީހުންނަށް އޭރު ފެނެ އެވެ. މިގޮތަށް އެތައް އަހަރަކު ދިރިއުޅުނު ފަހުން ޓީނާ އޭނާގެ ލޯބިވާ ކާކާގެ ކިބައިން ކައިވެންޏަށް އެދެން ފެށި އެވެ. އެކަން ރާޖޭޝް ކަންނާ އަށް ކުރެވެން އަންނަނީ ޑިމްޕަލް ވަރިކޮށްގެންނެވެ. ބުނެވޭ ގޮތުގައި ޑިމްޕަލް ވަރިކޮށްފައި ޓީނާ އާ ކައިވެނިކުރާނެ ކަމަށް ބުނެ ޓީނާ އަށް ދޮގު ހަދައިގެން ރާޖޭޝް ކަންނާ ވަރަށް ގިނަ ދުވަހު އުޅުނެވެ. ޑިމްޕަލް ވަރިކުރުމުގެ ޚިޔާލެއް ރާޖޭޝް ކަންނާގެ ނެތްކަން އެންމެ ފަހުން ޓީނާ އަށް ވިސްނިގެން ރާޖޭޝް ކަންނާ އާ އަބަދުގެ އަބަދަށް ވަކިވެގެން ދާން އަޒުމު ކަނޑައެޅި އެވެ.

އެ ދެ މީހުންގެ ގާތް ބައެއް މީހުން އެ ދުވަސްވަރު ބުނެފައިވާ ގޮތުގައި ޓީނާ ދާން އުޅެން ފެށުމުން ރާޖޭޝް ކަންނާ ވަރަށް ރޮއި އާދޭސް ކުރި އެވެ. ނަމަވެސް އޭރު ޓީނާ ހުރީ އެއްވެސް ހާލެއްގައި އޭނާ ނިންމި ނިންމުން ބަދަލުކުރާ ގޮތަކަށް ނޫނެވެ.

ރާޖޭޝް ކަންނާ އާ ވަކިވެގެން ޓީނާ ދިޔައީ ކެލިފޯނިއާގެ ކޮލެޖެއްގައި ކިޔަވާށެވެ.

މިހާރުގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަނިލް އަމްބާނީ އާއި ޓީނާ އާ ކައިވެނި ޕާޓީއަކުން ތަންކޮޅެއް ކުރިން އެއް ދުވަހަކުވެސް އޮތީ ބައްދަލުވެފަ އެވެ. އެ ފަހަރު ވެސް އަނިލްގެ ލޮލުގައި ޓީނާ އަޅައިގަތެވެ. ނަމަވެސް އެއީ އޭނާ ކައިވެނި ޕާޓީއަކަށް ކަޅުކުލައިގެ ސާޅިއެއް އަޅައިގެން ގޮސް ހުރީމަ އެވެ. އޭގެ ފަހުން ޓީނާ ކެލިފޯނިއާގައި ކިޔަވަން ހުއްޓާ އެ ރަށުން އަނެއްކާ ދިމާވި އެވެ. އަދި އަނިލްގެ ހިތުގައި ޓީނާ އަށް ޓަކައި ޚާއްސަ ކަނެއް ދެވުނެވެ.

އޭރު ޓީނާ އަކީ މަޝްހޫރު ފިލްމީ ތަރިއަކަށް ވާތީ ވަރަށް ގިނަ ފިރިހެނުން އޭނާ އަށް ރައްޓެހިވާން އެދި އުނދަގޫކުރެ އެވެ. އެހެންވެ އޭނާއާ ގުޅެން އަނިލް ކުރި މަސައްކަތް ވެސް ނާކާމިޔާބުވީ އެވެ.

އަނެއްކާވެސް އެމީހުން 1986 ގައި އަލުން ބައްދަލުވި އެވެ. އެފަހަރު ބައްދަލުވީ ޓީނާގެ ދެބެންގެ ދެ ދަރި މީހެއްގެ އެދުމުގެ މަތިންނެވެ. ޓީނާ ވެސް މީހަކާ ރައްޓެހިނުވެ އެކަނިވެރި ކަމުގައި އުޅޭތީ ވަރަށް ރަނގަޅު ފިރިހެން ކުއްޖަކު އޭނާއަށް ތައާރަފްކޮށްދީގެން އެ މީހުން ގުޅުވޭތޯ ޓީނާގެ ތިމާގެ މީހާ މަސައްކަތް ކުރި އެވެ. އަދި މިފަހަރުގެ ބައްދަލުވުމުގައި ޓީނާ އަށް ވެސް އަނިލް އާ ގަޔާވެވޭގޮތް ވީ އެވެ.

ސިމީ ގަރެވާލް ޝޯގައި ވާހަކަ ދައްކަމުން ޓީނާ ބުނި ގޮތުގައި އަނިލްގެ ކިބައިގައި ހުރި އޭނާ އެންމެ އަޅައިގެން އެއް ސިފައަކީ އޭނާގެ ސިމްޕަލް ކަމެވެ. އޭރު ވެސް އަނިލްގެ އާއިލާއަކީ ވަރަށް މުއްސަނދި ބައެކެވެ. ނަމަވެސް އަނިލް ފެނުނީ އެއްވެސް ފޮނިކަމެއް ބޮޑާކަމެއް ނެތް ވަރަށް އާދައިގެ މީހެއްގެ ގޮތުގަ އެވެ.

ނަމަވެސް ޓީނާ އާއި އަނިލްގެ ގުޅުމާ އަނިލްގެ އާއިލާއަކުން ހިތްހަމައެއް ނުޖެހުނެވެ. ފިލްމު ކުޅޭ ބަތަލާއިންނާ މެދު އެ މީހުން ދެކެނީ ވަރަށް ދަށު ދަރަޖައިގެ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަމަށް ވާތީ އެވެ. އާއިލާގެ މީހުން ޓީނާ އާ ގަބޫލުކުރުވަން އަނިލް ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ނާކާމިޔާބުވުމުން ޓީނާ އާ އަބަދަށްޓަކައި ވަކިވާން އަނިލް ނިންމި އެވެ. ހިތާ ދެކޮޅަށެވެ.

އާއިލާ ދޫކޮށްލަން އަނިލް އަށް ނުކެރޭނެކަން ޓީނާ އަށް ވެސް ގަބޫލުކުރެވުނެވެ. އެހެންވެ ދެ މީހުން ވަކިވާން އެއްބަސްވީ އެވެ. އެގޮތުން އެ މީހުން ގުޅުން ކަނޑާލައި އެކަކު އަނެކަކާ ވާހަކަ ނުދައްކާ ބަރާބަރު ހަތަރު އަހަރު ދުވަހު ތިއްބެވެ. އެ ދުވަސްވަރު އަނިލް އުޅުނީ ހިތްހަލާކުވެފައިވާ މީހަކު އުޅޭ ގޮތަށް ވަރަށް ހިތާމައިންނެވެ.

އޭނާ ފަހުން ދީފައިވާ އިންޓަވިއު އެއްގައި އެ ދުވަސްވަރުގެ ހާލަތު ބަޔާން ކޮށްދެމުން ބުނީ އޭނާގެ ހިތުގައި ވަރަށް ވަރުގަދަ ވޭންތަކެއް އެޅިކަމަށެވެ. އަދި ހަޔާތުން ވަރަށް މުހިއްމު އެއްޗެއް ގެއްލިފައިވާ ކަމުގެ އިހްސާސް އޭރު އޭނާއަށް ކުރެވުނު ކަމަށެވެ.

އަނިލް އާ ރުޅިވުމަށްފަހު ޓީނާ ސޮއިކޮށްފައިވާ ހުރިހާ ފިލްމެއް ނިންމާލުމަށްފަހު އިންޓީރިއާ ޑިޒައިނިން ކިޔަވަން އެމެރިކާ އަށް ފުރައިގެން ދިޔަ އެވެ. އަދި އަނިލް އާ އެއްވެސް ގޮތަކަށް އޭނާ ގުޅުމެއް ނުބާއްވަ އެވެ. ނަމަވެސް އެއްދުވަހު ކުއްލިއަކަށް އަނިލް ޓީނާ އަށް ގުޅި އެވެ. ޓީނާ އޭރު ހުރީ ލޮސް އެންޖަލިސްގައި ކަމުން އެ ރަށަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައި ވާހަކަ ޓީވީ ޚަބަރުތަކުން އެނގިގެން ޓީނާގެ ހާލު ބެލުމަށެވެ. ޓީނާ އާ ގުޅާފައި އޭނާގެ ހާލު ރަނގަޅުކަން އެނގުމާއެކު އަނިލް ވަގުތުން ފޯނު ކަނޑާލި އެވެ. އެގޮތަށް ކުއްލިއަކަށް ގުޅާފައި ކަނޑާލުމުން ޓީނާއަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އެތައް އަހަރަކު ދެ މީހުންގެ މެދުގައި ވާހަކަ ނުދެކެވި އޮތަސް އެ ފޯނު ކޯލަކީ އޭނާއަށް ބަލައިގަންނަން ފަސޭހަ އެއްޗަކަށް ނުވި އެވެ.

އަނިލް ދީފައިވާ އިންޓަވިއުއެއްގައި އެ ދުވަސް ހަނދާން ކުރަމުން ބުނެފައިވަނީ އޭނާއަށް ޓީނާ އާ ވާހަކަ ނުދައްކާ ފޯނު ކަނޑާލީ އެންމެ ލޯބިވާ މީހާ އާ އެހާ ގިނަ ދުވަހު ވާހަކަ ނުދައްކާ ހުރެފައި ގުޅުމުން ހިތަށް ކުރި އަސަރުން ރޮވޭނެކަން ޔަގީންވާތީ އެވެ.

އޭރު އަނިލްގެ ކައިވެންޏަށް އެދި ވަރަށް ގިނަ އާއިލާތަކުން ޕްރޮޕޯޒަލްތައް ފޮނުވަމުން ދިޔަ އެވެ. ނަމަވެސް އަނިލް ބޭނުމީ ޓީނާ އެވެ. ޓީނާ ނޫން މީހަކާ ކައިވެނި ކުރާކަށް އަނިލް ހިތަކަށް ވެސް ނާރުވަ އެވެ. އެންމެފަހުން އެތައް އަހަރެއް ފަހުން ޓީނާ އާއި އޭނާގެ ގުޅުމަށް އާއިލާއިން އެއްބަސް ކުރުވުމުގައި އަނިލް ކާމިޔާބު ހޯދި އެވެ.

އާއިލާއިން ގަބޫލުވުމާ އެކު އަނިލް ޓީނާ އާ ގުޅި އެވެ. އަދި އެނބުރި އިންޑިއާ އަށް އަންނަނީ ކޮން އިރަކުންތޯ ސުވާލުކުރި އެވެ. އޭރު ފިލްމު އިންޑަސްޓްރީގައި ވެސް އަދި އިންޑިޔާގައި ވެސް ޓީނާގެ އެއްވެސް އެކުވެރިއަކު ނެތެވެ. އެންމެންނާ އޭނާ އާ ވަނީ ގުޅުން ކެނޑިފަ އެވެ. އެހެންވެ އިންޑިއާ އަށް ދިއުން ފަސް ކުރަމުން ގެންދިޔައީ އެވެ. ކޮންމެ ހަފުތާއަކު އަނިލް ގުޅާފައި އިންޑިއާ އަށް އަންނާނީ ކޮން އިރަކުންތޯ ސުވާލު ކުރެ އެވެ. ޖަވާބުގައި އަންނަ ހަފުތާގައޭ ޓީނާ ބުނެ އެވެ. އެގޮތަށް ހަ ހަފުތާ ފާއިތުވުމުން އަނިލް އަނެއްކާ ވެސް ޓީނާ އާ ގުޅުން ހުއްޓާލީ އެވެ. އެހެންވެ ޓީނާ އެނބުރި އިންޑިޔާ އަށް ދިޔައީ އެވެ.

ޓީނާ އައިއިރު އަނިލް އޮތީ ހުރިހާ ކަމެއް ދުރާލާ ރާވައިފަ އެވެ. އޭނާއަކީ މޮޅު ވިޔަފާރިވެރިއަކަށް ވާތީ ކަންތައްތައް ޕްލޭންކޮށްލުމުގެ ހުނަރު އޭނާގެ ހުރެ އެވެ. މައިންބަފައިންނާ ޓީނާ ބައްދަލު ކުރުވާނެ ދުވަހާއި ވަގުތަށް ދަންދެން އަނިލް އޮތީ ހަމަޖައްސާފަ އެވެ. އަދި އެންގޭޖްމަންޓް ބާއްވާނެ ދުވަހާއި ކައިވެނި ކުރާނެ ދުވަސް އަދި ތަން ވެސް އޭނާ އޮތީ ނިންމައިފަ އެވެ.

ޓީނާ އެނބުރި އިންޑިޔާ އަށް ދިޔަތާ ހަ ހަފުތާ ތެރޭ އެ މީހުންގެ ކައިވެނީގެ ކަންތައްތައް ނިމުނެވެ. އެ ކައިވެނީގެ ރަސްމިއްޔާތު ވެގެން ދިޔައީ މިހާތަނަށް އިންޑިޔާގައި ބޭއްވި އެންމެ ބޮޑު އެއް ކައިވެނީގެ ހަފުލާ އަށެވެ. ޓީނާ އާއި އަނިލްގެ ކައިވެނި ކުރެވުނީ ވަރަށް ދަތި އުނދަގޫތައް ދެ މީހުން ވެސް ތަހައްމަލު ކުރުމަށް ފަހުގަ އެވެ. މިހާރު ޓީނާ އަކީ އަނިލްގެ ވިޔަފާރިތަކުގެ ބޮޑު ހިއްސާއެއް އޮންނަ މީހެކެވެ. އަދި ވަރަށް ގިނަ ޗެރިޓީ އޯގަނައިޒޭޝަންތައް ވެސް ހިންގާ މީހެކެވެ.

ޓީނާ އާއި އަނިލްގެ ޒަމާންވީ ކައިވެނީގައި ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. ޖައި އަންމޯލް އަމްބާނީ އާއި ޖައި އަންޝުލް އަމްބާނީ އަކީ މިހާރު ބޮޑެތި މީހުންނެވެ. އަދި ބައްޕަގެ ވިޔަފާރީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ބައެކެވެ.