29 އޯގަސްޓް 2017 - 14:05

އަމިއްލަ ގެކޮޅު ހ. ދޫވެހީގެ މިލްކުވެރިކަން އެހެން މީހަކަށް ދެއްވުމަށް ފަހު ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ބައްލަވައިގަތް ބިން އިމާރާތް ކުރަން ފަށައިފި އެވެ.

ދޫވެއްސާ ބަދަލުކޮށްފައި ވަނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ހ. ނޫފަރު ކިޔާ ގޯއްޗެކެވެ. އެ ބިމުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށިތާ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އެ ބިމުގައި އިމާރާތެއް އަޅަން މިހާރު އަންނަނީ ޝީޓްޕައިލް ކުރަމުންނެވެ. އެކަމަކު ހަދަނީ ކިތައް ބުރީގެ އިމާރާތެއް ކަމެއް އަދި ނޭނގެ އެވެ.
ނޫފަރަކީ 2،900 އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. އަދި ދޫވެއްސަކީ 2،000 އަކަފޫޓުގެ ބިމެކެވެ. ނޫފަރުގައި ބޮޑެތި އިމާރާތްތަކެއް ކޮށްފައި ނެތަސް ދޫވެއްސަކީ ރަނގަޅު ފެންވަރަށް ހަދާފައިވާ ގެއެކެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް ރައީސް ޔާމީން ފުރަތަމަ ދިރިއުޅުއްވީ ދޫވެހީގަ އެވެ. އެކަމަކު މިއަހަރުގެ ކުރީކޮޅު ކުއްލި ގޮތަކަށް އެމަނިކުފާނު ވަނީ، ކުރިން ނައިބު ރައީސް ދިރިއުޅުއްވި މ. ހިލާލީގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.