ބޯޑަރު މައްސަލައިގައި އިންޑިއާގެ މައްޗަށް ކާމިޔާބު ހޯދިއްޖެ: ޗައިނާ
ބޯޑަރު މައްސަލައިގައި އިންޑިއާގެ މައްޗަށް ކާމިޔާބު ހޯދިއްޖެ: ޗައިނާ

ބެއިޖިން (އޮގަސްޓް 29) - ޗައިނާ އާއި އިންޑިއާ ގުޅޭ ހިމާލިޔަން ބޯޑަރު ކައިރީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރުގަދަ ކުރިމަތިލުމަކަށް ހިނގައިދާނެ ފަދަ މާހައުލެއް އުފެދިފައި ވަނިކޮށް އެންމެ ފަހުން އިންޑިއާ ސިފައިން ފަހަތަށް ޖެއްސުމަކީ ޗައިނާ އަށް ކާމިޔާބު ލިބުން ކަމަށް އެ ގައުމުން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ގަވާއިދާޚިލާފަށް ބައުންޑަރީ އަށް ވަން އިންޑިއާ ސިފައިން ފަހަތަށް ޖެއްސުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ދޮކްލަމް އޭރިއާ އިން ސިފައިން ފަހަތަށް ޖެއްސީ ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އައިސްގެން ކަމަށެވެ.

ދެ ގައުމު ގުޅޭ ބޯޑަރު ކައިރީ މައްސަލަ އުފެދުނީ މިދިޔަ ޖޫން މަހު ޗައިނާ އިން ބޯޑަރު މަގު ފުޅާ ކުރަން އުޅުމުންނެވެ. އިންޑިއާ އިން ވަނީ އެކަމަށް ދެކޮޅު ހަދާ ބޯޑަރު ސަރަހައްދަށް ސިފައިން ނެރެފަ އެވެ. އެ ސަރަހައްދަށް އިންޑިއާ އިން ދޮކްލަމް ކީ ނަމަވެސް ޗައިނާ އިން ކިޔަނީ ޑޮންގްލަން އެވެ.

ބޯޑަރުގެ މަޝްރަހު ފިނިވެފައި މި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އިންޑިއާގެ އިރު އުތުރުގެ ސިއްކިމް ސްޓޭޓް އާއި ޗައިނާ އަދި ބޫޓާނާ ދެމެދު އޮންނަ ޖަންކްޝަނުގެ މިލްކުވެރިކަމާ މެދު ޗައިނާ އާއި ބޫޓާނުން ވެސް މައްސަލަ ޖައްސަ އެވެ. އިންޑިއާ އިން ބުނަނީ އެއީ ބޫޓާނުގެ ތަނެއް ކަމަށެވެ.

އިންޑިއާ އާއި ޗައިނާ ހިއްސާކުރާ 3،500 ކިލޯ މީޓަރު (2،174 މޭލު) ގެ ބޯޑަރުގެ މައްސަލާގައި ދެ ގައުމުން ވަނީ 1962 ވަނަ އަހަރު ހަނގުރާމައެއް ކޮށްފަ އެވެ. އަދިވެސް އެ މައްސަލަ ހައްލެއް ނުވެ އެވެ. ބޯޑަރުގެ މައްސަލައިގައި ދޭތެރެ ދޭތެރެއިން ދެ ގައުމުގެ މަޝްރަހު ހޫނުވެ އެވެ.