29 އޯގަސްޓް 2017 - 12:55

މާލޭގެ އެއް ނަމްބަރު ކުނި ކޮށީގެ ފާރެއް ވެއްޓި ޓެކްސީއަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި 480،000 އަށް ވުރެ ގިނަ ރުފިޔާ ޓެކްސީގެ ވެރި ފަރާތަށް ދައްކަން ޗައިނާގެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޒޮންޓިއަން ކޮންސްޓްރަކްޝަން ގްރޫޕްގެ މައްޗަށް މި ހުކުމް އައީ މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނިން ކުނި ކޮށީގެ މަސައްކަތެއް ކުރަނިކޮށް ކުނި ކޮށީގެ ފާރު މަގުމައްޗަށް ވެއްޓި، ޕާކްކޮށްފައި ހުރި ކާރުތަކަކަށް ގެއްލުން ލިބުނު މައްސަލާގަ އެވެ. ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުން ލިބުނު ކާރުތަކުގެ ތެރެއިން ޓެކްސީ ކާރަކަށް ގެއްލުން ލިބުނު މައްސަލައިގަ އެވެ.
ކޯޓުން ހުކުމްކުރީ އެ ކާރަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް 200،000ރ. އާއި ޓެކްސީ ކޮށްގެން ލިބެމުންދިޔަ އާމްދަނީ ހުއްޓިފައިވާތީ ދުވާލަކަށް 1،100ރ. ގެ ރޭޓުން 281،000ރ. ދެއްކުމަށެވެ. އަދި މަރާމާތަށް ދައްކަންޖެހޭ 200،000ރ. ޒޮންޓިއަން ކުންފުނިން ދެއްކުމާ ހަމައަށް، ދުވާލަކަށް 1،100ރ. ރޭޓުން ޓެކްސީގެ ވެރި ފަރާތަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ ހާދިސާގައި ލިބުނު ގެއްލުމަށް ޒިންމާ ނަގާނެ ކަމަށް ޒޮންޓިއަން ކުންފުނިން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ.
ގެއްލުން ލިބުނު ޓެކްސީ މަރާމާތުކުރަން ޒޮންޓިއަން ކުންފުނީގެ ބެލުމުގެ ދަށަށް އެ ޓެކްސީ ގެންދިޔަ ނަމަވެސް އެ ޓެކްސީ މިހާތަނަށް މަރާމާތު ކޮށްފައި ނުވާ ކަމަށާއި ޓެކްސީގެ ވެރި ފަރާތުން އާމްދަނީ ހޯދަން ކުރަމުން ދިޔަ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެއީ ޒޮންޓިއަން ކުންފުނިން އެކަމަށް ޒިންމާ އުފުލަންޖެހޭނެ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.