30 އޯގަސްޓް 2017 - 06:13

އެޕަލްގެ އާ އައިފޯން ފެންނާނެ އިރަކަށް އިންތިޒާރު ކުރަމުން އަންނަނިކޮށް، އުފެއްދުންތައް ދައްކާލުމުގެ ހަފުލާއަކަށް އެޕަލް ތައްޔާރުވާން ފަށައިފި އެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި ޕްރޮޑަކްޓް ލޯންޗް އިވެންޓެއް އަންނަ މަހުގެ 12 ދުވަހު ބާއްވަން އެޕަލް އިން ވަނީ ނިންމައިފަ އެވެ.
އެ ނޫހުން ބުނި ގޮތުގައި މި އިވެންޓުގައި ތިން ފޯނެއް ދައްކާލާނެ އެވެ. އަދި އެޕަލްގެ އާ ސްމާޓް ގަޑިއެއް ވެސް ދައްކާލާނެ ކަމަށް ބުނެފައިވެ އެވެ.
އެޕަލް އިން އައިފޯން ދައްކާލުން އާންމުގޮތެއްގައި ބާއްވަނީ ސެޕްޓެމްބަރު މަހު ކަމަށް ވާއިރު ވޯލް ސްޓްރީޓް ޖާނަލްގެ މި ވާހަކަ ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ. ނަމަވެސް އެޕަލް އިން އަދި މި ހަފުލާއަށް ރަސްމީކޮށް ދައުވަތެއް ނުފޮނުވަ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ތިން ފޯނު ދައްކާލަން ހަމަޖެހިފައި ވާއިރު، މީގެ ތެރެއިން ދެ ފޯނަކީ މިހާރުވެސް ބާޒާރުގައި ހުރި އައިފޯން 7 ގެ އަޕްޑޭޓެޑް ދެ ވާޝަން ކަމަށާއި ތިން ވަނަ ފޯނަކީ އައިފޯން 8 ނުވަތަ އާ އައިފޯނު ކަމަށް އެ ނޫހުން ބުންޏެވެ.
މިފަހަރު ފޯނުގެ އަގު 1000 ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް އަޑު އަރާފައިވެ އެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ މި ވިއްކާނީ 1000 ޑޮލަރާ ގާތްކުރާ އަގެއްގައި ކަމަށެވެ. އަދި އާ ފީޗާތަކުގެ ތެރޭގައި ވަޔަލެސް ޗާޖިން އާއި ފޭޝަލް ރިކޮގްނިޝަން ހިމެނޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.