"ޕަދްމާވަތީ" އަންނަ އަހަރުގެ އޭޕްރީލަށް ފަސްކުރީތަ؟
"ޕަދްމާވަތީ" އަންނަ އަހަރުގެ އޭޕްރީލަށް ފަސްކުރީތަ؟

ސަންޖޭ ލީލާ ބާންސާލީ މިހާރު މަސައްކަތް ކުރަމުން އަންނަ "ޕަދްމާވަތީ" ރިލިޒްކުރުން އަންނަ އޭޕްރީލް މަހަށް ފަސްކޮށްފި ކަމަށް ދެކެވޭ ވާހަކަތައް އެ ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސް އިން އަންނަނީ ދޮގު ކުރަމުންނެވެ. އެތަނުން ބުނަނީ ހަމަޖެހިފައިވާ ގޮތަށް، އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.

ނަމަވެސް ފިލްމުތަކުގެ ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކުން މިހާރު ވަނީ ފިލްމު ރިލިޒްކުރުން ފަސްކޮށްފައިވާކަން ޔަގީން ކަމަށް ބުނެފަ އެވެ.

"ޕަދްމާވަތީ" އަކީ ކުރީ ޒަމާނެއްގައި އިންޑިއާގެ މޭވަރް ކިޔާ ހިސާބެއްގައި އުޅުނުކަމަށް ބުނާ މާ ރީތި ރާނީއެއްގެ ހަޔާތުގެ ވާހަކަ އެވެ. މޭވަރްގެ ރަސްގެފާނު އަދި ރާނީގެ ފިރިމީހާގެ ރޯލު ޝާހިދު ކަޕޫރު އަދާކުރާއިރު ރާނީ އަށް ހިތް ދީގެން އުޅޭ އެހެން ރަސްކަލެއްގެ ރޯލު އަދާކުރަނީ ރަންވީރު ސިންގެވެ. އަދި އަދިތީ ރާއޯ ހައިދްރީ ވެސް ފިލްމުގައި މުހިއްމު ބައެއް ކުޅެ އެވެ.

ފިލްމު ރިލީޒްކުރުން ފަސްކުރަން ނިންމި ސަބަބެއް ކަމަށް ވަނީ މިއީ ވަރަށް ގިނައިން ސްޕެޝަލް އިފެކްޓްސް ބޭނުންކުރާ ފިލްމަކަށް ވާތީ އާއި ފިލްމުގެ މުހިއްމު ގިނަ ބައިތަކެއް އަދި ޝޫޓް ކުރެވިފައި ނުވުމެވެ.

"ޕަދްމާވަތީ"ގެ ޝޫޓިން ފެށީއްސުރެ ފިލްމަށް ވަރަށް ގިނަ ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ. ޝޫޓިން ފެށިތަނާ ފިލްމަށް ތައްޔާރުކޮށްފައި ހުރި އަގުބޮޑު ސެޓަކާއި އެތައް ބައިވަރު ކެމެރާތަކެއް ބަޔަކު ހަލާކުކޮށްލި އެވެ. ދެ ވަނަ ފަހަރަށް އަލުން އެހެން ތަނެއްގައި ޝޫޓިން ފެށުމުން އެތަނަށް ވަދެ އެ ސެޓަށް ވެސް ގެއްލުން ދިނެވެ.

ފިލްމު އަދި ޓީވީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސައްކަތްތެރިންގެ ހަޅުތާލެއް މިހާރު ކުރިއަށް ދާތީ، ފިލްމުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނާނުން ހާޒިރު ނުވުމުގެ ސަބަބުން މިހާރުވެސް ފިލްމުގެ ޝޫޓިންއަަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ.

ފިލްމީ ވިޔަފާރީގައި އުޅޭ ފަރާތްތަކުން "ޕަދްމާވަތީ" ފަސްވި ވާހަކަ ދެއްކި ނަމަވެސް ބާންސާލީ އާއި އޭނާގެ ޕްރޮޑަކްޝަން ހައުސް އިން ބުނި ގޮތުގައި ފިލްމޭ ކިޔައިގެން ދޮގު ޚަބަރުތައް ފަތުރަނީ ބަޔަކު ގަސްތުގައި ފިލްމަށް ގެއްލުން ދިނުމަށެވެ.

މަސައްކަތްތެރިން ހަޅުތާލުކުރާތީ ފިލްމުގެ ޝޫޓިން ކުޑަކޮށް ލަސްވި ނަމަވެސް މިހާރު އޮތީ ބޮޑު ބައި ފުރިހަމަ ވެފައި ކަމަށް ޕްރޮޑަކްޝަން ހައުސް އިން ބުންޏެވެ.

މިހާރު އޮތީ ދީޕިކާ އާއި ރަންވީރު އަދި ޝާހިދު ކުޅެން ޖެހޭ ވަރަށް ކުދި ކުދި މަންޒަރު ތަކެކެވެ. އެ މަންޒަރުތައް ވަރަށް އަވަހަށް ފުރިހަަމަ ކޮށްލެވޭނެ ކަމަށާއި ފިލްމުގެ ޝޫޓިން ކުރިޔަށްދާ ވަރަކަށް ސްޕެޝަލް އިފެކްޓްސްގެ މަސައްކަތް ވެސް ނިންމަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ ކަނޑައެޅިފައިވާ ގޮތަށް ނޮވެމްބަރު މަހު ފިލްމު ރިލީޒް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.