ޖަޕާން މަތިން ނޯތު ކޮރެއާ އިން މިސައިލެއް ފޮނުވާލައިފި
ޖަޕާން މަތިން ނޯތު ކޮރެއާ އިން މިސައިލެއް ފޮނުވާލައިފި

ޓޯކިޔޯ (އޮގަސްޓް 29) - ޖަޕާން މަތިން ނޯތު ކޮރެއާ އިން މިސައިލެއް ފޮނުވާލާފައިވާ ކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެ އެވެ.

ކޮރެއާ ގަޑިން މިއަދު ހެނދުނު ފޮނުވާލި މިސައިލް ދަތުރުކޮށްފައި ވަނީ ޖަޕާނުގެ ހޮކައިޑޫ ޖަޒީރާގެ މަތިންނެވެ. އޭގެ ފަހުން އެ މިސައިލް ވަނީ ކަނޑަށް ވެއްޓިފަ އެވެ. މި މިސައިލްއާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ނޯތު ކޮރެއާ އިން ވަނީ ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފަ އެވެ. އެކަމަކު މިއީ ޖަޕާން މަތިން މިސައިލެއް ފޮނުވާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރަކު ޖަޕާން މަތިން ނޯތު ކޮރެއާ އިން ވަނީ ރޮކެޓް ފޮނުވާލައިފަ އެވެ. އެކަމަކު 1998 އަދި 2009 ވަނަ އަހަރު ފޮނުވާލާފައި ވަނީ ސެޓެލައިޓް ވެހިކަލެއް ކަމަށާއި އެއީ މިސައިލެއް ނޫން ކަމަށް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.

ސައުތު ކޮރެއާ އިން ބުނެފައި ވަނީ މިސައިލް ފޮނުވާލީ މިއަދު ހެނދުނު ހައެއް ޖެހުމުގެ ކުރިން ވެރިރަށް ޕިއޮންޔޮން ކައިރިން ކަމަށެވެ. އަދި ވެރިރަށާ ކައިރިން މިސައިލް ފޮނުވާލުމަކީ ނޯތު ކޮރެއާ އިން ވަރަށް ނުކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މިސައިލް ވައްްޓާލަން ޖަޕާނުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ހޮކައިޑޫގެ ރައްޔިތުން ރައްްކާތެރިވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެމެރިކާ އާއި ޖަޕާން ސިފައިން މި ދުވަސްވަރު ދަނީ ހޮކައިޑޫގައި އަސްކަރީ ތަމްރީނުތަކެއް ހަދަމުންނެވެ.

ޖަޕާނުގެ ބޮޑު ވަޒީރު އަބޭ ވިދާޅުވީ ނޯތު ކޮރެއާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރައްވާފައިވާ ކަމަށާ އަދި ނޯތު ކޮރެއާ އަށް އިތުރަށް ޕްރެޝަރު ކުރަން އެއްބަސްވެފައިވާ ކަމަށެވެ.

މި މަހު ކުރީކޮޅު ނޯތު ކޮރެއާ އިން ވަނީ ޕެސިފިކުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމްކޮށްފައިވާ ގުއާމަށް މިސައިލް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފަ އެވެ.