މުހިންމު ކެރެކްޓާއެއް ސާޖިދު ޚާނަށް ގެއްލުނު
މުހިންމު ކެރެކްޓާއެއް ސާޖިދު ޚާނަށް ގެއްލުނު

މީގެ 10 އަހަރު ކުރިން ސާޖިދު ޚާން ވަނީ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ "ހޭ ބޭބީ" އެވެ. އޭގެ ފަހުން އޭނާ ވަނީ "ހައުސްފުލް" ފްރެންޗައިސްގެ ގިނަ ފިލްމުތަކަކާއި "ހިންމަތުވާލާ" އަދި "ހަމްޝަކަލް" ވެސް ޑައިރެކްޓްކޮށްފަ އެވެ.

ނަމަވެސް ސާޖިދު ފުރަތަމަ ބޮލީވުޑަށް ނުކުތީ އެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ޖޫހީ ޗައުލާ އާއެކު "ޖޫޓު ބޯލޭ ކައްވާ ކާޓޭ" އެވެ. އޭގެ ފަހުން ދައްތަ ފަރަހަ ޚާންގެ "މައި ހޫ ނާ" އާއި "ހެޕީ ނިއު އިޔާ"ގައި މެހެމާނު ރޯލުތަކެއް ކުޅުނެވެ.

ސާޖިދު ބުނި ގޮތުގައި ފުރަތަމަ ފިލްމު "ޖޫޓު ބޯލޭ ކައްވާ ކާޓޭ"އަށް ފަހު އޭނާއަށް ވަރަށް ގިނަ ފިލްމުތައް ކުޅެން ލިބުނެވެ. ނަމަވެސް އޭނާ ފިލްމު ކުޅުނަކަސް އެއީ ކުރާ ހިތުން އޭރު ކުރި ކަމެއް ނޫނެވެ. އެހެންވެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "މުންނާބާއީ އެމްބީބީއެސް"ގައި އަރްޝަދު ވާރްސީ ކުޅުނު ރޯލު އޭނާއަށް ދޭންވެގެން ބައްދަލުކުރަން ބުނުމުން ގަސްތުގައި އޭނާ ނުދިޔައީ އެވެ. އެ ފިލްމުގައި ސާކިޓްގެ ކެރެކްޓާ ކުޅެން އަރްޝަދަށް ދޭން ހިރާނީ ނިންމީ ސާޖިދުގެ ޚަބަރެއް ނުވީމަ އެވެ.

ސާޖިދު ބުނި ގޮތުގައި އެފަހަރު ހިރާނީ އާ ބައްދަލު ކުރަން ނުދެވުނުކަމީ އޭނާގެ ހަޔާތުގައި ވެސް އެންމެ ހިތާމަކުރާ ސަބަބެވެ. އެދުވަސްވަރު އޭނާ އުޅުނީ ޓީވީ ޝޯތައް ހުށަހެޅުމުގައި ވަރަށް ބުރަކޮށެވެ. އަދި އެކްޓިންގެ ޝައުގެއް އެހާ ބޮޑަކަށް ނެތެވެ. ނަމަވެސް ސާކިޓްގެ ރޯލަކީ މިހާތަނަށް ވެސް ގިނަ ބަޔަކު ހަނދާންކުރާ، ހަޔާތުގައި އެއްފަހަރު ނޫނީ އެކްޓަރަކަށް ކުޅެލަން ނުލިބޭ ކަހަލަ މޮޅު ރޯލަކަށް ވުމީ ސާޖިދު ހިތާމަކުރަން ޖެހުމުގެ އަސްލެވެ.

ސާޖިދު ބުނި ގޮތުގައި ދާދިފަހުން އޭނާއަށް "ޝާންދާރް" އާއި "ކޮފީ ވިތު ޑީ" ގެ ލީޑް ރޯލު ވެސް ކުޅެން ލިބުނެވެ. ނަމަވެސް ފިލްމުތަކުގައި އޭނާއަށް ލީޑް ރޯލު ކުޅެވިދާނެ ކަމަކަށް ސާޖިދު ގަބޫލެއް ނުކުރެ އެވެ. ފަހަރެއްގައި ވަރަށް ބާރުގަދަ ކެރެކްޓާއެއް އޭނާއަށް ކުޅެވިދާނެކަމަށް ސާޖިދު ބުންޏެވެ.

ސާޖިދު މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތަކުގައި މުޅިން ވެސް ލީޑް ރޯލުކުޅެފައިވަނީ އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، ސައިފް އަލީ ޚާން ފަދަ ތަންކޮޅެއް ދުވަސްވީ ތަރިންނެވެ. މިހާރު ސާޖިދު އެންމެ ފިލްމު ކުޅުވަން ބޭނުންވަނީ ރަންވީރު ސިންގް އާއި ރަންބީރު ކަޕޫރު އަދި ވަރުން ދަވަން ލައްވަ އެވެ. ނަމަވެސް ރަނގަޅު ސްކްރިޕްޓަކާ ނުލާ އެމީހުން ކައިރިއަކަށް ނުދެވޭނެ ކަމަށް ސާޖިދު ބުންޏެވެ.