29 އޯގަސްޓް 2017 - 09:45

މޮނާކޯ (އޮގަސްޓް 29) – މޮނާކޯގެ ފޯވާޑް ކީލިއަން އެމްބާޕޭގެ 10 ނަމްބަރު ޖާޒީގައި ސެވިއްޔާގެ ސްޓެވާން ޖޮވެޓިކް މޮޑެލްކުރާ ފޮޓޯތަކެއް އިންޓަނެޓަށް ލީވްވުމާ އެކު، އެމްބާޕޭ އެ ކްލަބް ދޫކޮށްލަނީކަން ކަށަވަރުވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ވަރަށް ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވުން އޮތީ ވަރަށް ގާތުގަ އެވެ. އަދި އޭނާގެ މަގާމަށް ކުޅުވަން މޮނާކޯ އިން ގެންނާނެ ކަމަށް ރިޕޯޓްތައް ބުނާ ކުޅުންތެރިއަކީ ޖޮވެޓިޗެވެ. އެކަމަކު މިކަމާ ގުޅޭ ރަސްމީ ބަހެއް އަދި ނެތެވެ.
އެކަމަކު އިއްޔެ އިންޓަނެޓަށް ލީކުވެފައިވާ ފޮޓޯތަކުން ފެންނަނީ މޮނާކޯގެ 10 ނަމްބަރު ޖާޒީގައި ޖޮވެޓިޗް ފޮޓޯ ނަގާ މަންޒަރެވެ. ބެލެވޭ ގޮތުގައި މިއީ އެ ކްލަބުން އޭނާ މީޑިއާ އަށް ތައާރަފްކުރާއިރު ބޭނުންކުރަން ނަގާ ފޮޓޯތަކެވެ. އޭނާ 10 ނަމްބަރު ޖާޒީ ބޭނުންކުރާނީ އެމްބާޕޭ ކްލަބް ދޫކޮށްލާ ނަމަ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މޮންޓެނީގްރޯގެ ފޯވާޑް ޖޮވެޓިޗް ވަނީ އިންޓަގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް 22 މެޗުން ހަތް ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ ކުރިން ފިއޮރެންޓީނާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅެފަ އެވެ.
މޮނާކޯގެ ޔޫތު ޓީމުން ތަމްރީންވި އެމްބާޕޭ ސީނިއާ ޓީމާ ގުޅުނީ 2015 ގަ އެވެ. އުމުރުން 18 އަހަރުގައި މިދިޔަ ސީޒަނު އެމްބާޕޭ ވަނީ 44 މެޗުން 26 ގޯލް ޖަހައިފަ އެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެދީފަ އެވެ. އެމްބާޕޭ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުއްމީދީ ފޯވާޑެވެ. މެޑްރިޑުން އޭނާ 180 މިލިއަން ޔޫރޯ އަށް ގަންނަން އެއްބަސްވި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.