އަންނަ ސީޒަނަށް ކެއިޓާ ގަންނަން ލިވަޕޫލް އެއްބަސްވެއްޖެ
އަންނަ ސީޒަނަށް ކެއިޓާ ގަންނަން ލިވަޕޫލް އެއްބަސްވެއްޖެ

ލިވަޕޫލް (އޮގަސްޓް 29) – ޖަރުމަނުގެ އާރްބީ ލީޕްޒިގަށް ކުޅޭ ގިނީގެ ހުނަރުވެރި މިޑްފީލްޑަރު ނަބީ ކެއިޓާ އަންނަ ސީޒަނުގައި ކްލަބުގެ ރެކޯޑް އަގެއް ކަމަށްވާ 48 މިލިއަން ޕައުންޑަށް ގަންނަން ލިވަޕޫލުން އެއްބަސްވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިއާ ލީޕްޒިގާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ދައްކަން ޖެހޭ އަދަދުގެ އިތުރުން ލިވަޕޫލުން އިތުރު ބޯނަސްތަކެއް ވެސް ދޭނެ އެވެ.

މި ސީޒަނަށް ކެއިޓާ ގެންނަން ލިވަޕޫލުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ލިވަޕޫލުން ހުށަހެޅި ދެ އޮފާއަށް ވެސް ލީޕްޒިގުން ނޫނެކޭ ބުނިއިރު ބެލެވޭ ގޮތުގައި ފަހުން ހުށަހެޅި އޮފާ އުޅެނީ 70 މިލިއަން ޕައުންޑުގަ އެވެ. މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގެ ދެ ވަނަ ހޯދި ޓީމުން މި ފަހަރު އޭނާ ވިއްކާލަން ބޭނުންނުވީ، ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާތީ އެވެ.

އޮސްޓްރިއާގެ ރެޑްބުލް ސެލްޒްބާގުން މިދިޔަ އަހަރު ލީޕްޒިގާ ގުޅުނު ކެއިޓާ އަކީ ބޮކްސް-ޓު-ބޮކްސް މިޑްފީލްޑަރެކެވެ. އޭނާ އަކީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭއާ އެއް ސްޓައިލުގެ ކުޅުންތެރިއެކެވެ.

މި ސީޒަނަށް ވެސް ލިވަޕޫލުން ވަނީ ކުޅުންތެރިންތަކެއް ގެނެސް ވަރުގަދަކޮށްފަ އެވެ. އެއީ ރޯމާގެ ވިންގާ މުހައްމަދު ސަލާހާއި ހަލްގެ އެންޑްރޫ ރޮބަޓްސަން އަދި ޗެލްސީގެ ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކޭ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ޓީމުން އަންނަނީ މޮނާކޯގެ މިޑްފީލްޑަރު ތޯމަސް ލޭމާ އަށް ވެސް މަސައްކަތްކުރަމުންނެވެ.